13 ޖޫން 2021 - 20:06

ރީތި ގޭމެއް ކުޅެ ގްރޫޕް ސީގެ ފުރަތަމަ މެޗުގައި ކްރޮއޭޝިއާގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން އިންގްލެންޑް މިރޭ މޮޅު ވެއްޖެ އެވެ.

ދެތިން އަހަރު ކުރިން އިންގްލެންޑަށް ކުރިމަތި ވެފައި އޮތް މައްސަލައަކީ، ދުނިޔޭގެ އެންމެ ވަރުގަދަ ލީގު، ޕްރިމިއާ ލީގު އެ ގައުމުގައި އޮންނަ އިރު ވެސް ގައުމީ ޓީމަށް އޭގެ މާބޮޑު ފައިދާއެއް ނުކޮށް އޮތުމެވެ. ނަމަވެސް ވޭތުވެދިޔަ ދެ އަހަރުން ފަށައިގެން އިންގްލެންޑްގެ ޓީމުން އޭގެ ފައިދާ އަންނަނީ ނަގަމުންނެވެ. އިންގްލެންޑް މިއަދު ކުޅުނު މެޗުގައި ފެނިގެން ދިޔައީ އެ ޓީމުގެ ގޭމަށް އައިސްފައިވާ ކުރި އެރުމެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕްގައި ކުޅުނު ގޭމަށް ވުރެ، މިއަދު ކްރޮއޭޝިއާ އާ ދެކޮޅަށް ކުޅުނު ގޭމް މޮޅެވެ.
އިންގްލެންޑްގެ ފުޓްބޯޅައަށް އެ ބަދަލު އައުމުގައި، ޓޮޓެންހަމްގެ ކުރީގެ ކޯޗް މައުރީޝިއޯ ޕޮޗެޓީނޯ އާއި މެންޗެސްޓާ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ އަދި ؛ލިވަޕޫލްގެ ކޯޗް ޔާގަން ކްލޮޕް މިދިޔަ ދެތިން އަހަރު ޕްރިމިއާ ލީގުގައި ކުރި މަސައްކަތް ބޮޑު ދައުރެއް އަދާ ކުރާނެ އެވެ.
މިއަދުގެ މެޗުގައި އިންގްލެންޑްގެ ލަނޑު މެޗުގެ 57 ވަނަ މިނެޓްގައި ކާމިޔާބު ކުރީ ސިޓީގެ ރަހީމް ސްޓާލިންނެވެ. ކެލްވިން ފިލިޕްސް ތަނަވަސް ކޮށްދިން ފުރުސަތު ބޭނުން ހިފައި އޭރިއާ ތެރެއަށް ވަދެ ސްޓާލިން ވެއްޓިގެންފައި ހުސްކޮށް އޮތް ކްރޮއޭޝިއާގެ ގޯލަށް ބޯޅަ ފޮވާލައިފަ އެވެ. އޭރު ކްރޮއޭޝިއާގެ ކީޕަރު ލިކޮވިޗް އޮތީ ކުރިއަށް ނުކުމެ އެވެ.
މެޗުގެ 62 ވަނަ މިނެޓްގައި ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ކެޕްޓަން ހެރީ ކޭންއަށްވެސް ލިބުނެވެ. މޭސަން މައުންޓް އޭރިއާ ތެރެއަށް ހުރަސްކޮށްދިން ބޯޅަ އޭރިއާގެ ތެރެއަށް އަރައި ކޭން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މެޗުގެ ފުރަތަމަ 20 މިނެޓްގައި އިންގްލެންޑުން ވަނީ ކްރޮއޭޝިއާގެ ފަހަތަށް ބާރު ބޮޑުކޮށްފަ އެވެ. މެޗުގެ ހަ ވަނަ މިނެޓްގައި ލަނޑެއް ޖެހުމާ ވަރަށް ގާތަށް ފިލް ފޯޑަން ދިޔަ އެވެ. އޭރިއާގެ ތެރެއަށް ވަދެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވާކޮވިޗް އަށް ވެސް އަތުލަން އުނދަގޫ ގޮތަކަށެވެ. ނަމަވެސް ފޯޑަން ފޮނުވާލި ބޯޅަ ގޮސް އަމާޒުވީ ގޯލް ދަނޑިއަށެވެ.
އޭގެ ފަހުން އިންގްލެންޑް ނެގި ކޯނަރެއްގައި، ކްރޭޝިއާގެ ޑިފެންސްގައި ޖެހިފައި ރީބައުންސްވެ އޭރިއާގެ ބޭރަށް ނުކުތުމުން، ބޯޅަ ވައިގެ ތެރޭގައި ކެލްވިން ފިލިޕްސް ފޮނުވާލި ބޯޅަ އޭރިއާގެ ތެރޭގައި ތިބި ކުޅުންތެރިންގެ ތެރެއިން ގޮސް ގޯލާ އަމާޒުވި ބޯޅަވެސް ދިފާއު ކުރުމުގައި ލިވަކޮޗިޗްއަށް އުނދަގޫ ކުރިމަތި ވެގެން ދިޔަ އެވެ. އެހެންނަމަވެސް އޭނާ ވަނީ ބޯޅަ ދިފާއު ކޮށްފަ އެވެ.
ފުރަތަމަ ހާފުގެ ފަހު ކޮޅު ކްރޮއޭޝިއާގެ އޭރިއާގެ ބޭރުން ލިބުނު ހިލޭ ޖެހުން ކީރަން ޓްރޕިއާ ފޮނުވާލުމުން މާ ބޮޑު ނުރައްކަލެއް ނުކުރެވުނެވެ. އެހެންނަމަވެސް ދެ ވަނަ ހާފުގައި މައުންޓް ފޮނުވާލި ބޯޅަ ނުރައްކާ ކުރި އެވެ. ބޯޅަ ދިޔައީ ހުރަސް ދަނޑިއާ އިންޗިއެއްހައި މަތިން ބޭރަށެވެ.