13 ޖޫން 2021 - 17:29

ކ. މާފުށި ފަޅު ހިއްކާތީ، އެ ރަށާ އެއް ފަޅެއްގައި އޮންނަ އެ އަތޮޅު މަކުނުފުށީގައި ހިންގާ ކޯމޯ ކޮކޯއާ އައިލެންޑް ރިޒޯޓަށް ލިބޭ ގެއްލުން ހުއްޓުވުމަށް ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ނުބެލޭނެ ކަމަށް ނިންމީ ގޯސްކޮށް ކަމަށް ހައި ކޯޓުން ހުކުމްކޮށްފި އެވެ.
ކޮކޯއާ އައިލެންޑުގެ އޮޕަރޭޓަރު އޯކިޑް ރިޒޯޓްސް މެނޭޖްމަންޓުން އެ މައްސަލައިގައި ދައުވާ ކުރީ، އިއާދަ ނުކުރެވޭ ގެއްލުން ލިބޭ ކަމަށް ބުނެ، އެ މަޝްރޫއު ހުއްޓާލުމަށް، ނޫނީ މަކުނުފުށީގެ ސަރަހައްދަށް އަސަރު ނުކުރާނެ ގޮތަށް އެ މަޝްރޫއު ކުރިއަށްގެންދިއުމަށް ޓޫރިޒަމް މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީގެ މައްޗަށް އަމުރުކޮށްދިނުމަށެވެ.
ނަމަވެސް، ސިވިލް ކޯޓުން ނިންމީ އެ މައްސަލަ ބެލުމުގެ އިހްތިސާސް އެ ކޯޓަށް ލިބިގެން ނުވާ ކަމަށެވެ. އެއީ ވަކި ރަށަކާ ގުޅޭ ގޮތުން ކުރިމަތިވާ ބިންބިމާއި އިމާރާތްތަކާއި ގޯތިގެދޮރާއި އެ ރަށުގައިވާ ނުއުފުލޭ މުދަލުގެ މައްސަލަތައް ފުރަތަމަ މަރުހަލާގެ ކޯޓެއްގެ ގޮތުގައި ބަލާނީ އެ ރަށެއްގެ މެޖިސްޓްރޭޓް ކޯޓުން ކަމަށް ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައި އޮންނާތީ، އެކަމަށް ރިއާއަތް ކޮށެވެ.
އޯކިޑް ރިޒޯޓުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް، ބުނެފައި ވަނީ އެ ކުންފުނިން ހުށަހެޅި މައްސަައަކީ މާފުށީގެ ބިމާ ބެހޭ މައްސަލައެއް ނޫން ކަމަށެވެ. އެ މައްސަލައަކީ ދައުލަތުގެ އިހުމާލުގެ ސަބަބުން އެ ރިޒޯޓަށް ލިބޭ އިއާދަ ނުކުރެވޭ ގެއްލުމުގެ ބަދަލު ހޯދަން ދައުވާ ކުރި މައްސަލައެއް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ. އެހެންވެ، ކޯޓުތަކުގެ ގާނޫނަށް ރިއާއަތްކޮށް މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ނިންމީ އޮޅުންތަކެއް އަރައިގެން ގޯސްކޮށް ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
އެ މައްސަލައިގައި ދައުލަތުން ސިވިލް ކޯޓުގައި ޖަވާބުދާރީ ނުވިޔަސް ހައި ކޯޓުގައި ޖަވާބުދާރީވެފައިވެ އެވެ. ދައުލަތުން ބުނެފައި ވަނީ ސިވިލް ކޯޓުން މައްސަލަ ނިންމީ ރަނގަޅަށް ކަމަށެވެ.
ހައިކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ބުނެފައި ވަނީ، ދައުވާގެ މައުޟޫއުގެ މައްޗަށް ބަލައި، މައްސަލައިގައި ބުނާ ބިމާ ގުޅުންހުރި މިންވަރު ވަޒަންކޮށްގެން އެ މައްސަލައަކީ ކޯޓުތަކުގެ ގާނޫނުގައި ބުނާ ފަދަ ބިމާ ބެހޭ މައްސަލައެއްކަން ދެނެގަނެވިދާނެކަން އެ ކޯޓުން 2012 ވަނަ އަހަރު ނިންމާފައިވާ ގަޒިއްޔާއަކުން އެނގޭ ކަމަށެވެ.
ހުކުމުގައި ބުނެފައި ވަނީ ދައުވާގެ މައުޟޫއަކީ ބިމާ ގުޅިގެން އުފެދިފައިވާ ހުސޫމަތަކާއި ގުޅިގެން ބިން ހުރި އިމާރާތުގެ މައްޗަށް ކުރެވޭ ދައުވާއަކަށް ނުވާތީ، ސިވިލް ކޯޓުން އެ މައްސަލައިގައި ނިންމާފައި ވަނީ ގޯސްކޮށް ކަމަށެވެ.
މައްސަލައިގެ މައުޟޫއަށާއި އޯކިޑް ރިޒޯޓްސް އިން ހޯދަން އެދޭ ބަދަލަށް ބަލާއިރު މައްސަލަ ގޮސް ނިމެނީ އޯކިޑްއިން ހިންގާ ކޮކޯއާ ރިޒޯޓަށް ލިބޭނެ ގެއްލުން ހުއްޓުވުމަށް ކަން ހުކުމުގައި ފާހަގަކުރި އެވެ. އަދި އެއީ މާފުށީގައި ހިއްކާ ބިމުގެ މައްސަލައެއް ނޫން ކަމަށް ބުނެފައިވެ އެވެ.
ދައުވާ ރައްދު ވަނީ މާލޭގައި ހުންނަ ދައުލަތުގެ ދެ އިދާރާއަށް ކަމުން އެ މައްސަލަ ބެލުމުގެ އިހްތިސޯސް ސިވިލް ކޯޓަށް އޮންނާނެ ކަމަށް ހައިކޯޓުން ނިންމާފައިވެ އެވެ.
އެ މައްސަލައަކީ ސިވިލް ކޯޓަށް ބެލުމުގެ އިހްތިސާސް އޮތް މައްސަލައެއް ކަމަށް ކަނޑައަޅައި، އެ މައްސަލަ އަލުން ހުށަހަޅައިފި ނަމަ އެ މައްސަލަ ބަލަން ޖެހޭނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އަލީ ސަމީރު، އިސް ފަނޑިޔާރު ހާތިފް ހިލްމީ އަދި ފަނޑިޔާރު ހުސެއިން ޝަހީދެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ސަމީރެވެ. ކޯމޯ ކޮކޯއާ އައިލެންޑް ރިޒޯޓުގެ ފަރާތުން ވަކާލާތުކުރެއްވީ ވަކީލް ޝަހުދީ އަންވަރެވެ.
ސަރުކާރުން 100 މިލިއަން ރުފިޔާ ހަރަދުކޮށްގެން މާފުށީގައި 25 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކައިފަ އެވެ. މީހުން ދިރިއުޅެން އަދި ވިޔަފާރީގެ ބޭނުމަށް ވެސް އެތަނުން ބިން ދޫކުރާނެ އެވެ.