އެއް ބިލިއަން ކޮވިޑް ވެކްސިން ދޭން ޖީ-7 އެއްބަސް
އެއް ބިލިއަން ކޮވިޑް ވެކްސިން ދޭން ޖީ-7 އެއްބަސް

މުޅި ދުނިޔެ އަށް ފެތުރެމުން ދާ ކޮވިޑް-19 ވަބާ ކޮންޓްރޯލް ކުރުމަށް، ދުނިޔޭގެ އެކި ގައުމުތަކުން ކުރަމުން އަންނަ މަސައްކަތަށް އެހީތެރިވުމުގެ ގޮތުން، ކޮވިޑް ވެކްސިންގެ އެއް ބިލިއަން ޑޯޒް ހަދިޔާކުރުމަށް، އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ ހަތް ގައުމު (ޖީ-7)ގެ ފަރާތުން އެއްބަސްވެއްޖެ އެވެ.

ޖީ-7ގެ ގައުމުތަކުގެ ވެރިން މިކަމަށް އެއްބަސްވެވަޑައިގަތީ، އިނގިރޭސި ވިލާތުގެ ކޯންވޯލްގައި މިހާރު ކުރިއަށްދާ މަހާސިންތާގަ އެވެ. މިއަދު ބާއްވާ، މަހާސިންތާގެ ނިންމުގެ ޖަލްސާގައި، އެ ގުރޫޕްގެ ފަރާތުން އެކަން ރަސްމީކޮށް އިއުލާން ކުރާނެ އެވެ.

ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި އެ އަދަދަށް ވެކްސިން އުފައްދައި، އެކި ގައުމުތަކަށް ފޯރުކޮށްދިނުމަށްޓަކައި، ޖީ-7ގެ ގައުމުތަކުން، ޖީ-20ގެ ގައުމުތަކާއި އަދި އެ ނޫން ގައުމުތަކާއި، ވެކްސިން އުފައްދާ އަމިއްލަ ކުންފުނިތަކާ ގުޅިގެން މަސައްކަތް ކުރުމަށް ވެސް، މިހާރު ވަނީ ނިންމައިފަ އެވެ.

މަހާސިންތާ ނިންމުމުގެ ޖަލްސާގައި އާންމުކުރަން ހަމަޖެހިފައިވާ ރަސްމީ ބަޔާނުގައި ބުނެފައިވާ ގޮތުން، ޖީ-7ގެ ފަރާތުން ގައުމުތަކަށް ފޮނުވަން ބޭނުންވާ ވެކްސިން އުފެއްދުމަށްޓަކައި ކުންފުނިތަކަށް ހަރަދުކުރާނީ، ވިޔަފާރީގެ އަގަކު ނޫނެވެ.

ހިލޭ ދިނުމަށް ނިންމާފައިވާ އެއް ބިލިއަން ވެކްސިން ޑޯޒްގެ ތެރޭގައި، ޖީ-7ގެ ގައުމުތަކުގައި އުފައްދާ ވެކްސިންތަކުގެ އިތުރުން، އެހެން ގައުމުތަކުން އުފައްދައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ހުއްދަ ލިބިފައިވާ ވެކްސިން ވެސް ހިމެނޭނެ އެވެ.

ޔޫރަޕާއި އެމެރިކާގެ ގިނަ އަދަދެއްގެ ރައްޔިތުންނަށް މިހާރުވެސް ވެކްސިން ދީފައިވާ އިރު، އޭޝިޔާ، އެފްރިކާ އަދި އެމެރިކާ ބައްރުގެ ބައެއް ގައުމުތައް ވަނީ ވަރަށް ބޮޑަށް ވެކްސިނަށް ޖެހިފަ އެވެ. އޭގެ ތެރެއިން ގިނަ ގައުމުތަކުގެ އާބާދީގެ ބޮޑު ބަޔަކަށް އަދިވެސް ވެކްސިން ޖެހިފައި ނުވާތީ، އެ ގައުމުތަކުގައި ކޮވިޑް ފެތުރޭ ނިސްބަތް އަންނަނީ މަތިވަމުންނެވެ.

ޗައިނާގެ ވޫހާން ސިޓީން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ފެނުނު ކޮވިޑް ބަލި، ވަބާއެއްގެ ގޮތުގައި މުޅި ދުނިޔެއަށް ފެތުރިފައިވާއިރު، ޖުމްލަ 176 މިލިއަނަށް ވުރެ ގިނަ މީހުންނަށް މިހާތަނަށް މި ބަލި ޖެހިއްޖެ އެވެ. އޭގެ ތެރެއިން 3.8 މިލިއަން މީހުން މަރުވެއްޖެ އެވެ.

މިހާރު އެންމެ ހަލުވިކަމާ އެކު މިބަލި ފެތުރެމުން ދަނީ، ދެ ވަނަ އަށް އެންމެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާ އިންޑިޔާގަ އެވެ. އެ ގައުމުގެ 29.4 މިލިއަން މީހަކަށް ކޮވިޑް ޖެހިފައިވާ އިރު، އޭގެ ތެރެއިން 370 ހާސް މީހުން މަރުވެއްޖެ އެވެ.

އެންމެ ގިނަ އަދަދެއްގެ ބަޔަކަށް ކޮވިޑް ޖެހިފައިވަނީ އެމެރިކާގަ އެވެ. އެ ގައުމުގެ 34.3 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، އޭގެ ތެރެއިން 614 ހާސް މީހުން މަރުވެއްޖެ އެވެ. ތިން ވަނަ އަށް އެންމެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާ ބްރެޒީލުން 17.3 މިލިއަން މީހަކު މިބައްޔަށް ޕޮޒިޓިވްވެ، އޭގެ ތެރެއިން 486 ހާސް މީހުން މަރުވެއްޖެ އެވެ.