މަދު ބަޔަކު ދުނިޔެ ކޮންޓްރޯލް ކުރި ޒަމާން ފާއިތުވެއްޖެ: ޗައިނާ
މަދު ބަޔަކު ދުނިޔެ ކޮންޓްރޯލް ކުރި ޒަމާން ފާއިތުވެއްޖެ: ޗައިނާ

"ކުދިކުދި ގުރޫޕްތަކުން" ދުނިޔެ ކޮންޓްރޯލްކޮށް ދުނިޔޭގެ ކަންތައް ހިންގަންވީ ގޮތް ކަނޑައެޅި ޒަމާން ފާއިތުވެއްޖެ ކަމަށް ބުނެ، ޗައިނާ އިން، ޖީ-7ގެ ގައުމުތަކުގެ ވެރިންނަށް މިއަދު ރައްދު ދީފި އެވެ.

ލަންޑަންގައި ހުންނަ ޗައިނާ އެމްބަސީގެ ތަރުޖަމާނު ވިދާޅުވީ މަދު ވަކި ބައެއްގެ މުށުތެރޭގައި ދުނިޔެ ބާއްވައިގެން އެމީހުން ބޭނުންވާހާ ގޮތަކަށް، ދުނިޔޭގެ ކަންކަން ހަމަޖައްސަމުން ދިޔަ ދިޔުން ނިމުމަކަށް އައިތާ މިހާރު އެތައް ދުވަހެއް ވެއްޖެ ކަމަށެވެ. އޭނާ މިމޭރުމުން މިވާހަކަފުޅު ދެއްކެވީ، ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިންފްރާސްޓްރަކްޗާ ދާއިރާގައި ޗައިނާ އިން އަދާކުރަމުން އަންނަ ދައުރު ހީނަރު ކުރުމުގެ ގޮތުން، ޗައިނާއާ ދެކޮޅު އިއްތިހާދެއް އުފެއްދުމަށް، އެމެރިކާ އިސްވެ އޮވެ މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގަ އެވެ.

މިހާރު އިނގިރޭސި ވިލާތުގެ ކޯންވޯލްގައި ކުރިއަށް ދާ، ދުނިޔޭގެ އިގްތިސާދީ ގޮތުން ކުރިއަރާފައިވާ ހަތް ގައުމު (ޖީ-7)ގެ ވެރިންގެ މަހާސިންތާގައި، އެމެރިކާގެ ރައީސް ޖޯ ބައިޑެން ވަނީ، އިންފްރާސްޓްރަކްޗަ ދާއިރާއިން ޗައިނާއާ ވާދަކުރެވޭ ވަރުގެ، ގުޅުމެއް އުފެއްދުމާ ބެހޭ ގޮތުން، މަހާސިންތާގެ ބައިވެރިންނާ އެކު މަޝްވަރާ ކުރައްވައިފަ އެވެ.

އެމެރިކާގެ ރައީސްގެ އެ ވިސްނުންފުޅަށް ރައްދު ދެއްވަމުން ޗައިނާ އެމްބަސީގެ ތަރުޖަމާނު ވިދާޅުވީ؛ "އަހަރެމެން އަބަދުވެސް ގަބޫލުކުރަނީ، ކިތަންމެ ބޮޑު ގައުމަކަށް ވިޔަސް އަދި ކުޑަ ގައުމަކަށް ވިޔަސް، ބާރުގަދަ ނުވަތަ ބާރެއް ނެތް ގައުމެއް ވިޔަސް، ފަގީރު ގައުމެއް ނުވަތަ މުއްސަނދި ގައުމެއް ވިޔަސް، މިހުރިހާ ގައުމަކީ ވެސް ހަމަހަމަ ގައުމުތަކެއް ކަމަށާއި، ބައިނަލްއަގުވާމީ ކަންކަމުގައި ގޮތް ނިންމަންވާނީ، މިހުރިހާ ފަންތިއެއްގެ ގައުމުތަކާ ވެސް މަޝްވަރާ ކުރުމަށް ފަހު" ކަމަށެވެ.

އަސްކަރީ ގޮތުން ޗައިނާ އާއި އެމެރިކާއާ ދެމެދު އޮތް ސިއްރު ވާދަވެރިކަމުގެ އިތުރުން، އިގްތިސާދީ ދާއިރާގައި އެމެރިކާ އަށް މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޗައިނާ އެވެ. ވޭތުވެ ދިޔަ 40 އަހަރުގެ ތެރޭގައި ޗައިނާގެ އިގްތިސާދަށް އައި ކުއްލި ކުރިއެރުމުގެ ސަބަބުން، ދުނިޔޭގެ ހުރިހާ ހިސާބެއްގައި ޗައިނާގެ އިންވެސްޓްމެންޓްތައް އަންނަނީ އިތުރު ކުރަމުންނެވެ.

ޗައިނާގެ އިންވެސްޓްމެންޓް ހަރަކާތްތައް ހުއްޓުވުމަށް، އެމެރިކާ އިސްވެ އުފައްދަން ގަސްދުކުރާ، އިންފްރާސްޓްރަކްޗާ ބިނާކުރުމުގެ ހަރަކާތް ކުރިއަށް ގެންދާނެ ގޮތުގެ އެއްވެސް ތަފްސީލެއް އެމެރިކާ އިން އަދި ހާމައެއް ނުކުރެ އެވެ. އަދި އެކަމަށްޓަކައި، ކަނޑައަޅާ ރައުސްމާލުގެ މިންވަރަކީ ކޮބައިކަމެއް ވެސް އަދި ނޭނގެ އެވެ.

ޗައިނާގެ ރައީސް ޝީ ޖިން ޕިން، 2013 ވަނަ އަހަރު އިއުލާން ކުރެއްވި، ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވް (ބީއާރްއައި)ގެ ސްކީމްގައި ހިމެނެނީ، އޭޝިޔާއިން ފެށިގެން ޔޫރަޕްގެ ގައުމުތަކަށާއި އަދި އެއަށް ވުރެ ވެސް ދުރަށް، ޗައިނާގެ ތަރައްގީ އާއި އިންވެސްޓްމެންޓް ހަރަކާތްތައް ފުޅާ ކުރުމެވެ.

މި ސްކީމްގެ ދަށުން، ރެއިލްވޭ މަގުތަކާއި، ބަނދަރުތަކާއި ހައިވޭތަކާއި އެހެނިހެން އިންފްރާސްޓްރަކްޗާ މަޝްރޫއުތައް ހިންގުމަށް، ޗައިނާއާ އެކު 100 އަށް ވުރެ ގިނަ ގައުމުން މިހާރުވެސް ވަނީ އެއްބަސްވުންތައް ގާއިމުކޮށްފަ އެވެ.

މީގެ އަހަރުތަކެއް ކުރިން 1979 ވަނަ އަހަރު، ބިޔަ ޗައިނާގައި އޮތީ އިޓަލީއަށް ވުރެ ވެސް ކުޑަ އިގްތިސާދެކެވެ. ނަމަވެސް ޗައިނާގެ ފޮރިން އިންވެސްޓްމެންޓް ސިޔާސަތަށް ގެނައި ހުޅުވާލެވިފައިވާ ބަދަލުތަކާއި، ވިޔަފާރީގެ ދާއިރާ އިސްލާހް ކުރުމަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން، މަދު އަހަރުތަކެއްގެ ތެރޭގައި އިގްތިސާދީ ފުދުންތެރިކަން އިތުރުވި އެވެ.

އަދި މިހާރު ޗައިނާއަކީ ދުނިޔޭގެ ދެ ވަނަ އަށް އެންމެ ބޮޑު އިގްތިސާދެވެ. އޭގެ އިތުރުން އާ ޓެކްނޮލޮޖީގެ ދައިރާތަކުން އެންމެ ކުރީގައި އޮތް ގައުމަކީ ވެސް ޗައިނާ އެވެ.