ގޭގައި ހެދި ބާބެކިއު އަލިފާނުގެ ހާދިސާއަކަށް
ގޭގައި ހެދި ބާބެކިއު އަލިފާނުގެ ހާދިސާއަކަށް

މާލޭ ގެއެއްގެ ފުރަތަމަބުރީގައި ބާބަކިއު ހަދަން އުޅުމުގެ ތެރޭގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައި މީހަކަށް އަނިޔާވެއްޖެ އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ހ. ފައިންޕާކު ގޭގެ ފުރަތަމަ ފަންގިފިލާގައި ކަމަށެވެ. އެ ހާދިސާ ސިފައިންގެ ފަޔާ އެންޑް ރެސްކިއު އަށް ރިޕޯޓްކޮށްފައި ވަނީ ހެނދުނު 11:55 ގަ އެވެ.

މި އަލިފާނުގެ ހާދިސާގައި އަނިޔާވި މީހާ އަށް އޭޑިކޭ ހޮސްޕިޓަލުގައި ވަނީ ފަރުވާ ދީފަ އެވެ.

އަލިފާން ނިއްވާލާފައި ވަނީ ބާބަކިއު ހަދަން އެ ވަގުތު ގޭގައި އުޅުނު މީހުންގެ މަސައްކަތުން ކަމަށް ސިފައިން ބުންޏެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ވެސް މާލޭގެ ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ވަރަށް ބޮޑަށް ގެއްލުންވެފައިވެ އެވެ. މއ. މޯނިންވިއުގޭގެ އިރުމަތީ ފަރާތު އިމާރާތުގައި ހިނގި އެ އަލިފާނުގެ ހާދިސާގައި ހަތަރު ފުލޯ ވަނީ އަނދައި ހުލިވެފަ އެވެ.

އެ ހާދިސާގައި ވެސް ބައެއް މީހުންނަށް ކުދި އަނިޔާތައް ލިބުނުއިރު، އެ ގޭގައި ދިރިއުޅޭ މީހުން ވެސް ވަނީ ވަގުތީ ހިޔާތަކަަށް ބަދަލުކޮށްފަ އެވެ.