22 ނޮވެމްބަރ 2016 - 12:27

އަންނަ މަހު ބާއްވަން ހަމަޖެއްސި ރާއްޖޭގެ އުފެއްދުންތެރިކަމުގެ ގައުމީ މައުރަޒު، އެކްސްޕޯ މޯލްޑިވްސް އަނެއްކާ ވެސް ފަސްކޮށްފި އެވެ.
މީގެ ކުރިން ވެސް އެކްސްޕޯ މޯލްޑިވްސް ވަނީ ފަސްކޮށްފަ އެވެ. އެ ގޮތުން، އެންމެ ފުރަތަމަ މި މަހު ބާއްވަން ނިންމާފައި އޮތް އެކްސްޕޯ މޯލްޑިވްސް ޑިސެމްބަރު މަހަށް ފަސްކޮށްފައިވާ ކަން އިކޮނޮމިކް މިނިސްޓްރީން މިދިޔަ މަހު އިއުލާންކުރި އެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި އެ މައުރަޒު މިހާރު ބާއްވަން ނިންމާފައިވަނީ އަންނަ އަހަރުގެ މާޗު މަހުގަ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ މައުރަޒު އަންނަ އަހަރަށް ފަސް ކުރުމުން، ފޯމް ބަލައިގަތުމަށް ކުރިން ކަނޑައަޅާފައިވާ ތާރީހުގެ ފަހުން ވެސް ފޯމު ބަލައިގަންނާނެ ކަމަށެވެ. ފޯމު ހުށަހެޅުމަށް ކުރިން އެ މިނިސްޓްރީން ހުޅުވާލީ މި މަހުގެ 17 ގެ ކުރިންނެވެ.
"މިހެންވެ، މައުރަޒުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން މި މިނިސްޓްރީ އާއި ރަށު ކައުންސިލްތަކާއި އަތޮޅުތަކުގައި ހުރި މިނިސްޓްރީގެ ސެންޓަރުތަކަށް ފޯމު ހުށަހަޅުއްވަމުން ގެންދެވުން އެދެން،" އެ ބަޔާނުގައިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މިހާރު ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އަލުން ފޯމު ހުށަހަޅާކަށް ނުޖެހޭނެ އެވެ. އަދި ފޯމް ބަލައިގަތުމުގެ އެންމެ ފަހު ތާރީހު އެ މިނިސްޓްރީން ފަހުން އިއުލާން ކުރާނެ ކަމަށް ވެސް ބުނެފައިވެ އެވެ.
މި އަހަރުގެ މައުރަޒުގައި ވެސް ބައިވެރި ކުރާ އުފެއްދުންތަކުގެ ތެރެއިން ކޮންމެ ކެޓަގަރީއަކުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ހޮވާނެ އެވެ. އަދި މުޅި މައުރަޒުން ހޮވޭ އެންމެ މޮޅު ފަސް ފަރާތަކަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ދޭ އެސްއެމްއީ ލޯނު ދިނުމަށް ވަނީ ހަމަޖެހިފައި އެވެ.