ނަޝީިދުގެ ބޮޑީގާޑުން 241 ކޮމިޓީއަށް ހާޒިރުކުރަން ފަށައިފި
ނަޝީިދުގެ ބޮޑީގާޑުން 241 ކޮމިޓީއަށް ހާޒިރުކުރަން ފަށައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް މިދިޔަ މަހުގެ ހަ ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން ހިންގާ އިންކުއަރީއަށް އެ މަނިކުފާނުގެ ބޮޑީގާޑުން، ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ (241 ކޮމިޓީ) އަށް ހާޒިރުކުރަން ފަށައިފި އެވެ.

ނަޝީދަށް ދެމުންގެންދާ ސަލާމަތާއި ރައްކާތެރިކަން ބްރީޗްވި ގޮތް ހޯދުމަށް ކޮމިޓީގެ އިންކުއަރީއަށް މައުލޫމާތު އެއްކުރުމަށް މިދިޔަ ހަފްތާގެ ތެރޭގައި ވަކިވަކި ސިފައިން ހާޒިރުކުރަން ފެށިއިރު އޭގެ ތެރޭގައި ނަޝީދުގެ ބޮޑީގާޑުން ވެސް ހިމެނެ އެވެ.

ނަޝީދުގެ ބޮޑީގާޑުން ކޮމިޓީއަށް ހާޒިރުކުރަން ފެށިއިރު މަޖިލީހުން ވަކިވަކި ސިފައިންް ކޮމިޓީއަށް ހާޒިރުކުރަން ނިންމި ނިންމުމާ އެކު ޑިފެންސްޓްރީިން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން ސިފައިންގެ ފަރާތުން ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް ސޮއިކުރައްވައި ފޮނުއްވި ސިޓީގައި ވަނީ ވަކިވަކި ސިފައިން ފޮނުވުމުގެ ބަދަލުގައި ޖަވާބުދާރީވާނީ މުއައްސަސާއިން ކަމަށެވެ.

އެހެންވެ، މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ބުނެ ޒަމީލްގެ މައްސަލަ ޕީޖީއަށް ވެސް ފޮނުވި އެވެ. އެކަމަކު ތަހުގީގީ އިދާރާއަކަށް ހުށަހަޅައިގެން އެ މައްސަލަ ކުރިއަށް ގެންދިއުމަށް ޕީޖީން މައްސަލަ އަނބުރާ މަޖިލީހަށް ފޮނުވާލީ އެވެ. ނަމަވެސް ތަހުގީގީ އެކަމުގައި މަޖިލީހުން ގޮތެއް ނިންމިކަމެއް އަދި ނޭނގެ އެވެ.

ސިފައިންގެ ގާނޫނާއި އަސްކަރީ އުސޫލާ ހިލާފަށް ވަކިވަކި ސިފައިން ހާޒިރުކުރުމުގައި އެމްއެންޑީއެފުން ކަންބޮޑުވުން ފާޅުކުރުމުން ނަޝީދު ވަނީ އެކަމުގެ ނުރުހުން ފާޅުކުރައްވައިފަ އެވެ. އެމަނިކުފާނު ކުރެއްވި ޓްވީޓުގައި ވަނީ އާންމު ސިފައިންގެ މީހުން އަމަލުކުރި ގޮތް ފޮރުވަން ސިފައިންގެ ވެރިން މަސައްކަތްކޮށްގެން ނުވާނެ ކަމަށެވެ. އަދި އެ މަނިކުފާނު އަވަހާރަކޮށްލުމަށް ބޮން ގޮއްވާލި ވަގުތު ކައިރީ ތިއްބި "މޮޅު ކުދިންގެ" ބަސް ނުބުނެވޭ ގޮތަށް ކަންކަަން ނިންމުމަކީ ވަރަށް ބޮޑު ބޭއިންސާފެއް ކަމަށް ވެސް ނަޝީދު ވިދާޅުވެ އެވެ.

ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާގައި އޮންނަ ގޮތުން ސިފައިނަށް ލިބޭ މައުލޫމާތެއް ހާމަކުރެވޭނީ ހަމައެކަނި ސިފައިންނާއި ސިފައިންގެ ލީޑަޝިޕަށާއި މިނިސްޓަރު އަދި ނެޝަނަލް ސެކިއުރިޓީ ކައުންސިލަށާއި ރައީސުލްޖުމްހޫރިއްޔާ އަށެވެ. އެހެންވެ، ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވެސް އެކަމުގެ ކަންބޮޑުވުން ފާޅުކުރެއްވި އެވެ.