22 ނޮވެމްބަރ 2016 - 11:38

ލަންޑަން (ނޮވެމްބަރު 22) - ބޮޑު މުސާރަ ދީގެން ކުޅުންތެރިން ކްލަބް ބަދަލުކުރުވާނަމަ ފައިސާގެ ސަބަބުން ދެން އޮތް ޖީލުގެ ފުޓްބޯޅަ ކުޅުންތެރިން ހަލާކުވުމުގެ ބިރު ބޮޑު ކަމަށް މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ރަޔާން ގިގްސް ބުނެފި އެވެ.
ފާއިތުވި ދެ ސީޒަނަށް ބަލާއިރު ޕްރިމިއާ ލީގުގެ ކްލަބްތަކަށް ކުޅޭ 21 އަހަރުން ދަށުގެ ކުޅުންތެރިންގެ މުސާރަ ވަނީ 40 އިންސައްތަ ބޮޑުވެފަ އެވެ. ގިގްސް ބުނީ މިއީ މުސްތަގުބަލަށް ބަލާއިރު ކުޅުންތެރިންގެ ކުޅުމަށް ބޮޑު އަސަރެއް ކުރާނެ ކަމެއް ކަމަށެވެ.
"މަޝްހޫރުވާން ޖެހޭނީ މުސާރައިގެ ގޮތުންނެއް ނޫން. ދައްކާ މޮޅު ކުޅުމުގެ ސަބަބުން. ހޯދާ ކާމިޔާބީގެ ސަބަބުން. ކުޅުންތެރިންނަށް ދޭ މުސާރަ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރަން ޖެހޭ،" ވޭލްސް ގައުމީ ޓީމަށް ވެސް ކުރިން ގިނަ މެޗުތަކެއް ކުޅެދިން ގިގްސް ބުންޏެވެ.
އިނގިރޭސި އެކި ޑިވިޝަންތަކުގައި ނިސްބަތުން އެހެން ގައުމުތަކާ އަޅާބަލާއިރު ޒުވާން ކުޅުންތެރިންނަށްދޭ މުސާރަ ބޮޑެވެ. އިނގިރޭސި އެފްއޭ އިން ވެސް ވަނީ މީގެ ކުރިން މިއީ ކަންބޮޑުވުމެއް ކަމަށް ބުނެފަ އެވެ. އަދި މިކަމަށް ރަނގަޅު އޮނިގަނޑެއް އެކުލަވާލުމުގެ މަޝްވަރާތައް ފާއިތުވި ދެ އަހަރު ކުރި ނަމަވެސް މިކަމަށް އެކަށީގެންވާ ކުރިއެރުމެއް ނުލިބެ އެވެ.
ގިގްސް ބުނީ މިކަމުގައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުން މިހާރު ވެސް ލަސްވެފައިވާ ކަމަށެވެ.
"ޔޫތު ކުޅުންތެރިން ކެރިއަރު ބައްޓަން ކުރާނީ ލިބޭ މުސާރައަށް ބަލައިގެނެއް ނޫން. ކުރާ ހިތްވަރާއި ދަސްކުރާ އެއްޗެހިން. ކުޅުން ފުރުސަތު ނުލިބި ބޮޑު ޓީމެއްގެ ބެންޗުގައި ބޮޑު މުސާރަ އަކަށް ހުރުމަށް ވުރެން ފުރުސަތު ލިބޭ ޓީމެއްގައި ގިނަ ވަގުތު ކުޅުމުގެ ފައިދާ މާ ބޮޑު،" ގިގްސް ބުންޏެވެ.
ޕްރިމިއާ ލީގުގެ ތިން ކްލަބަކުން މިހާރު ވަނީ މި ސީޒަނުން ފެށިގެން ޔޫތު ކުޅުންތެރިންގެ މުސާރަ ވަކި މިންވަރެއްގައި ހިފެހެއްޓުމަށް "ވޭޖް ކެޕް" ތައާރަފް ކޮށްފަ އެވެ. އެ ތިން ކްލަބަކީ ވެސްޓް ހޭމް ޔުނައިޓެޑާއި ޓޮޓެންހަމް އަދި ލިވަޕޫލް އެވެ.