13 ޖޫން 2021 - 10:08

ބުދަ ދުވަހާ ގުޅޭ
ކޮތަޅު އެއްލައިލަން ހަރަކާތް ކޮށްލައިފައި އެ އަންހެންމީހާ އެނބުރިލިއެވެ. ނަސީމަށް ހީވީ ރަނގަޅަށެވެ. އެއީ ހަސްނާއެވެ. ގެއިން ނުނިކުންނަ، ބަސްމަދު ކޮއްކޮއެވެ.
"ހަސްނާ މިއޮއް ދަންވަރު އެކަނިމާއެކަނި މި ތާ ކީއްތިކުރަނީ؟" ނަސީމު އެހިއެވެ. "ކާކާ އެއްކޮށް އައިސް ތި އުޅެނީ؟
ހަސްނާ އިރުކޮޅަކު ނަސީމަށް ބަލަހައްޓައިގެން ހުއްޓެވެ. ކަންބޮޑުވުމުގެ މާ ބޮޑު އަސަރެއް ހަސްނާގެ މޫނުމައްޗަކުން ފާޅެއް ނުވެއެވެ. ނަސީމު ވަށައިގެން ހޯދިއެވެ. ހަސްނާޔާ އެކުގައި އެހެން މީހަކު އައިސް ހުރިތޯއެވެ.
"ކަމެއް ނުކުރަން!" ހަސްނާ ޖަވާބުދިނެވެ. "ހަމަ ހިނގަމުން ހިނގަމުން އާދެވުނީ."
"ހިނގަމުންހިނގަމުން އަންނަން މީ ކޮން ތަނެއް؟" މަޑުމަޑުން ކައިރިއަށް އަންނަމުން ނަސީމު ބުންޏެވެ. "ގެ ހުންނަނީ މައްޗަންގޮޅީގަ. މީ ހެންވޭރު. ތީ ކޮން ކޮތަޅެއް؟"
ހަސްނާ މަޑުމަޑުން ކޮތަޅު ފުރަގަހަށްލިއެވެ. ދުރަށް ޖެހިލިއެވެ. ހަސްނާގެ ފަރާތުން ނަސީމަށް ފެނުނީ ޝައްކުކުރެވޭ ކަހަލަ ކަންތައްތަކެކެވެ. ވީމާ ހަސްނާ ކައިރިއަށް ނަސީމު ގޮސް ކޮތަޅު އަތުލިއެވެ. ނަސީމު ހީކުރި ވަރަށް ވުރެ ކޮތަޅު ބަރެވެ. ކޮތަޅު ހުޅުވައިލި އިރު އޭގައި އޮތީ ހަސްނާ ވިހޭ ކުއްޖާއެވެ. ފޮތިކޮތަޅެއްކަމުން އޭނަ ނޭވާލައެވެ. އެކަމަކު ނުއެއް ރޮއެވެ.
"ތި އުޅެނީ ދަރިފުޅު އެއްލައިލަންތަ؟" ދެ ލޯ ބޮޑުކޮށްލައިފައި ނަސީމު އެހިއެވެ. "މާތްކަލާކޯ!"
ހަސްނާ ޖަވާބެއް ނުދިނެވެ. އިސްޖަހައިލައިގެން ހުރީއެވެ. ބުނަން ބޭނުން އެއްވެސް އެއްޗެއް ބުނާނެ ހިތްވަރެއް ހަސްނާއަކަށް ނުލިބުނެވެ. ހަސްނާ ދެރަވީ ކުރަން އައި ކަންތައް ނުކުރެވުނީމައެވެ.
"މިރޭ އަހަންނަށް ނާދެވުނު ނަމަޔޯ؟" ނަސީމު ރުޅިއައިސްފައި ބުންޏެވެ. "ހަމަ މިހާރު ހިނގާ ގެއަށް."
ހަސްނާ ގޮވައިގެން ނަސީމު ގެއަށް އައެވެ. ކުޑަދަރިފުޅު ރާމިޒާޔާ ހަވާލުކުރިއެވެ. ހިސާބުގަނޑު އެއްވެސް މީހަކަށް އެ ކަން އެނގިއްޖެއްޔާ އާއިލާއަށް ކުރިމަތިވާނެ ފަލީހަތާއި ބަދުނާމު ނަސީމަށް ރަނގަޅަށް އެނގެއެވެ. އަނެއްކޮޅުން ހަސްނާއަށް ކުރެވެން އުޅުނީ ކިހާ ބޮޑު ކުށެއްކަން ވެސް ނަސީމަށް ވިސްނެއެވެ. ނަސީމަކީ ސިފައިންގެމީހެކެވެ. ހުރިހައި ކަމެއް ނަސީމު ގެންދިޔަ ގޮތުން، ގޭގެ ގިނަ މީހުންނަކަށް އެ ކަމުގެ އެއްވެސް ޚަބަރެއް ނުވެއެވެ.
"ހަސްނާ ރަނގަޅަށް ބަލަހައްޓަބަލަ! ކިރިޔާއެއްނު މި ސަލާމަތްވީ!" ރުޅިއައިސްފައި އެކަމަކު މަޑުމަޑުން ނަސީމު ބުންޏެވެ. "ހަސްނާ ނޫން ކުއްޖެއް ނަމަ ހަމަ ދާ ގޮތަށް ސިފައިންގެއަށް ދާނީ."
ހަސްނާ ގޭތެރެއަށް ވަދެގެން ދިޔައެވެ. ކަމެއްވީ ހެނެއް ވެސް އޭނަޔަކަށް ހިޔެއްނުވެއެވެ. ދަރިފުޅަށް ވިސްނައިދޭން ރާމިޒާއަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ތިމާއަށް ކަންތައް ކުރެވިފައިވަނީ ކިހާ ނާއިންސާފުކޮށްކަން ރާމިޒާއަށް އެނގެއެވެ. ކުޑަދަރިފުޅު ބޭއްވީ ރާމިޒާ ކައިރީގައެވެ. އެ ޒިންމާ ވެސް އަމިއްލައަށް ނަގަން ރާމިޒާއަށް މަޖުބޫރުވީއެވެ. ރާމިޒާ ހިތަށްއެރިއެވެ. ސައުވީސްގަނޑި އިރު ހަސްނާއަށް ފާރަލާނީ ކިހިނެއް ހެއްޔެވެ؟ ކުޑަ ދަރިފުޅު ސަލާމަތްކުރަން ބޭނުމިއްޔާ ރާމިޒާ ޖެހޭނީ އެހެން ހައްލެއް ހޯދާށެވެ. ހަސްނާއަކަށް ކުއްޖަކު ނުގެންގުޅެވޭނެއެވެ. އަމިއްލަ ހާލައިގެން ނޫޅެވޭ މީހަކު ދަރިޔެއްގެ ޒިންމާ ނަގާނެ ގޮތެއް ރާމިޒާއަކަށް ނުވިސްނެއެވެ.
މާމަ ދަރިފުޅަށް ނަންކިއީ ރާމިޒާއެވެ. އެ ކަމުގައި ވެސް ހަސްނާގެ އެއްވެސް ބައިވެރިވުމެއް ނުވަތަ ޝައުގުވެރިކަމެއް ވެސް ނެތެވެ. މަލްހާގެ ނަމުން ނަން ދިނުމަށް ފަހު، މަލްހާއަށް ޓަކައި ރާމިޒާ ހެޔޮ ދުއާކުރިއެވެ. ރާމިޒާއަށް އޮތް އެންމެ ބޮޑު ބިރަކީ މަލްހާގެ މަންމައެއް ނޫނެވެ. ގޭތެރޭގެ މާހައުލެވެ. ހަސްނާއަށް ދިމާވި ގޮތް މަލްހާއަށް ދިމާވުން ކިހާ ކައިރިކަން ރާމިޒާއަށް އެނގެއެވެ. މާސޫމު ތުއްތު މަލްހާ ސަލާމަތްކުރުމަށް ޓަކައި ރާމިޒާއަށް އަޅަން ޖެހުނީ ހިތްދަތި ފިޔަވަޅެކެވެ.
މަލްހާ ގޮވައިގެން ރާމިޒާ ދިޔައީ ރާމިޒާގެ ބައްޕަ ރަށަށެވެ. ރައްކާތެރި މާހައުލެއްގައި ކުއްޖާ ބޮޑުކުރެވޭނެ ހަމަ އެކަނި ގޮތަކަށް ރާމިޒާއަށް ފެނުނު ގޮތަކީ އެއީއެވެ. އެ ގޮތަށް ކަންކުރަން ޖެހުނު ސަބަބެއްކަމަށް ރާމިޒާ ދެއްކީ އެންމެ ސަބަބެކެވެ. ހަސްނާއަށް ކުރިމަތިވެފައިވާ ނަފުސާނީ މައްސަލައެވެ. ދަރިޔަކު ބެލޭނެ ކުޅަދާނަކަން ހަސްނާގެ ނެތީއެވެ. ކުއްލިއަކަށް ބައްޕަ ވަކިވުމުން ހަސްނާގެ ހިތް ހަލާކުވީއެވެ. ގަބޫލުކުރަން ފަސޭހަ ސަބަބެކެވެ. އެކަމަކު، އެއީ މަލްހާ އެހެން ރަށަކަށް ގެންދަން ޖެހޭ ސަބަބެއް ހެއްޔެވެ؟ އެ ސުވާލު ވެސް އުފެދުނީ ޖީޒާގެ ހިތުގައެވެ. މަލްހާ ބަލަން ކުއްޖަކު ގެނެވިދާނެއެވެ. ރާމިޒާއަކީ އަތްމަތި ތަނަވަސް މީހެކެވެ. އެހެން ނަހަދައި އެހެން ރަށަކަށް މަލްހާ ގެންދިޔައީ ކީއްވެގެން ހެއްޔެވެ؟ ޖީޒާގެ ހިތުގައި އެ ސުވާލު އުފެއްދިއެވެ.
ރަށަށް ގެންދިޔަ ގޮތަށް މަލްހާ މާލެއަކަށް ނުގެނެއެވެ. ހަސްނާ އެ ވާހަކަ ނުވެސް ދައްކައެވެ. ދަރިފުޅު ގެއްލިގެނެއް ވެސް ނޫޅެއެވެ. ރާމިޒާ ބަރާބަރަށް މަލްހާގެ ހާލުބަލައެވެ. ބޭނުންވާ ހުރިހައި އެއްޗެއް ފޮނުވައެވެ. ހަސްނާގެ ހާލަތު ރަނގަޅެއް ނުވިއެވެ. ވާނެކަމަކަށް ރާމިޒާ އުންމީދެއް ވެސް ނުކުރެއެވެ. ރާމިޒާ ބޭނުންވަނީ އެ ވާހަކަ ނުދައްކާށެވެ. ހީވާ ކަހަލައެވެ. އޭރުން އެއީ ނުވާކަމެކެވެ. ހުރިހާ ސިއްރެއް ރާމިޒާ ކަފުންކުރީ އަމިއްލަ ހިތުގައެވެ. މައްސަލައަކީ، އެ ސިއްރު ރާމިޒާގެ ހިތަށް ނުފެތުނުކަމެވެ. ނިދިނަގައިލިކަމެވެ. ނުތަނަވަސްކުރުވިކަމެވެ. ކޮންމެ ރެޔަކު އެތައް ދަމެން ވަންދެން ރާމިޒާއަށް އޮވެވެނީ ހޭލައެވެ.
ރޭތަކުގެ ތެރެއިން ރެޔެކެވެ. އެނދުގައި އޮށޯވެގެން އޮތުމަކީ ވެސް ރާމިޒާއަށް ބުރަޔަކަށްވިއެވެ. ދަންވަރު އެކެއްޖެހި އިރު ވެސް ރާމިޒާ ހުރީ ދެކޮޅަށް ހިނގައިލަހިނގައިލައެވެ. ގަޑިޔަށް ނުބަލަން އުޅުނަސް ބެލުނެވެ. ކުއްލިއަކަށް ކަންފަތުގައި ޖެހުނީ އިވިފަރިތަ ފިޔަވަޅުގެ އަޑެވެ. ރާމިޒާ ކުއްލިއަކަށް ބޭރަށް ނުކުތެވެ. ފާއިޒުގެ މިސްރާބު އޭރު ހުރީ އައިސްއަލަމާރިޔާ ދިމާއަށެވެ. ކުރިން ހުރި ދިމާއަކަށް ނޫނެވެ. ރާމިޒާ ބޮޑުކޮޓަރިއަށް ނުކުމެފައި ހޮޅިބުރި ދިއްލައިލިއެވެ. ފާއިޒު އައިސްއަލަމާރި ހުޅުވައިލައިފައި ފެންފުޅިއެއް ނެގިއެވެ.
"ކާކުތަ މި ހޮޅިބުރި ނިއްވަނީ؟" ރާމިޒާ ތަށްޓެއް ހިފައިގެން އައިސްއަލަމާރި ކައިރިއަށް އަންނަމުން އެހިއެވެ.
"މަންމައެއްނު ބުނީ ބޭނުން ނުކުރަންޏާ ފަންކާޔާ ހޮޅިބުރި ވެސް ނިއްވާލާށޭ!" ފުރަތަމަ ރާމިޒާއަށް ފެން އަޅައިދެމުން ފާއިޒު ބުންޏެވެ. "އެހެންވެ އަހަރެން ނިއްވަނީ. މި އައިސްއަލަމާރި މިހާރު ހާދަ ފިނި ނުވެޔޭ މަންމާ!"
ރާމިޒާ އެއްޗެއް ނުބުނެ ތަށިން ފެންފޮދެއް ބޮއިލިއެވެ. އައިސްއަލަމާރި ރަނގަޅެވެ. ފެން ނުލާހިކު ފިންޏެވެ. ޔަގީނުން ވެސް ފިނި ގަދަކަމުން ރާމިޒާއަށް އެ ފެން ބޯކަށް ފަސޭހައެއް ނޫނެވެ. ރާމިޒާ ނުކުތީ ފެންބޮވައިގެނެއް ނޫނެވެ. ހަމަ އެ ފަދައިން ފާއިޒުގެ މައްސަލައަކީ ފެން ފިނި ނުވުމެއް ވެސް ނޫނެވެ. ކުރަންވީ ކަންތަކުގެ ބަދަލުގައި ދެމައިން ވެސް ކުރީ ބޭކާރު ކަންތަކެވެ. ގޭތެރޭގެ ނަތީޖާ ގޯހުން ގޯހަށް ދިޔަ ސަބަބަކީ އެއީއެވެ.
"ދަރިފުޅާ!" ހިތްވަރުކޮށްފައި ރާމިޒާ ކުރިމަތިލިއެވެ. "ދަރިފުޅު މީހަކާ އިންނަން އުޅޭ!"
ދުރުދުރުން ކިތަންމެ ފަހަރަކު ރާމިޒާ އެ ވާހަކަ ބުނެފިއެވެ. ލުއިކޮށެވެ. ނަސޭހަތެއް ގޮތަށެވެ. އަމުރަކަށް ވާ ގޮތަށް ބުނި ފުރަތަމަ ފަހަރަކީ އެއީއެވެ. ފާއިޒު ގާތަށް އައީ ރުޅިއެވެ. މޭޒުމަތީގައި ނިކަން ބާރަށް ފެންފުޅި ބަހައްޓައިފައި ފާއިޒު ދިޔައެވެ. ރާމިޒާ ފުންނޭވައެއް ބޭރުކޮށްލިއެވެ. ހީކުރެވުނެވެ. އެއީ ހައްލެކެވެ. ދެން ހުރިހާ ކަމެއް ހަމައަކަށް އެޅޭނެއެވެ.
އޭގެ ފަހުން ފާއިޒު އެއްގޮތަކަށް ވެސް ރާމިޒާއަކާ ވާހަކައެއް ނުދައްކައެވެ. އަބަދުވެސް ހުންނަނީ ތުންދަމައިފައެވެ. އެއީ ފާއިޒަށް މާ ފަސޭހަ ގޮތެކެވެ. ރާމިޒާ ކުރާ އެއްވެސް ސުވާލަކަށް ފާއިޒު ދެން ޖަވާބެއް ނުދެއެވެ. ރާމިޒާ ނިދާ އިރު ވެސް ފާއިޒު އިންނަނީ ފޮތެއް ކިޔަންކަމަށް ހެދިގެން ސޯފާގައެވެ. ނިދަން ދާން ރާމިޒާ ބުންޏަސް ފާއިޒު ދާކަށް ނުޖެހެއެވެ. އޭނަ އެ އިނީ މަންމަ ދެކެ ރުޅިއައިސްފައެވެ. ފާއިޒުގެ އަތުގައި ބޭސްމަލަންކޮޅެއް އަޅައިފައި ހުއްޓައި ފެނިދާނެއެވެ. މޫނުގެ ތަނެއް ކަނޑައިގެން ގޮސްފައި ހުއްޓައި ފެނިދާނެއެވެ. އޭގެ ސަބަބު ރާމިޒާ އެހުމުން ވެސް ރުޅިއައިސްފައި ހުރިކަމަށް ފާއިޒު ހެދުނީމައި ނިމުނީއެވެ. ދެން ޖަވާބުދާރީވާކަށް ނުޖެހެއެވެ. ގޭގެ ހަތަރު ފާރުން އެތެރޭގައި ވަޅުޖެހެމުން ދިޔައީ މުޑުދާރު ސިއްރެކެވެ.
ހަސްނާ ފެންނުވަރަން ފެށިއެވެ. ގައިން ތާހިރު ނުވާ ތާނގައި، ދަތެއް ނޫނގުޅައެވެ. ނިޔަފައްޗެއް ނުކަނޑައެވެ. ހެދުން ބަދަލެއް ނުކުރެއެވެ. ދާވެގެން ތަތްތެޅޭ އިރު ވެސް ލަނީ އެންމެ ހެދުމެކެވެ. ކޮޓަރި ވެސް އޮންނަނީ ގޮނޑެއްހެންނެވެ. ބޯއަޅާ ބާލީހާއި، އެނދުގައި އަޅައިފައި އޮންނަ ފޮތިގަނޑުގެ ވެސް ހަމަ އެ ހާލެވެ. ބޮލަށް އުނދަގޫވެގެން ކޮޓަރި ސާފުކުރަން ޖެހެނީ ރާމިޒާއަށެވެ. ހަސްނާ ފެންވަރުވަން ޖެހެނީ ވެސް ރާމިޒާއަށެވެ. ހަސްނާގެ ރުހުމާ ދެކޮޅަށެވެ. ރާމިޒާގެ ހިތް އެ ކަމާ ރޮޔެވެ. ދަރިފުޅަށް ޓަކައި ހަމުދަރުދީން ހިތް ފުރެއެވެ. އެކަމަކު، ހިތާހިތުން ހަސްނާއަށް ޝުކުރުއަދާކުރެވެއެވެ. ހިތަށް ކެތްނުވެގެން ހަސްނާ ރީތިކުރާ އިރު ވެސް އެއިން ހަސްނާއަށް ހިތްދަތިކަން ފިޔަވައި އެހެން އެއްޗެއް ނުލިބޭނެކަން ރާމިޒާއަށް އެނގެއެވެ.
މަލްހާ ފުރާވަރަށް އެޅިއެވެ. ހީވަނީ ހަސްނާގެ ކޮޕީއެއް ހެންނެވެ. ހަސްނާގެ އެ އުމުރުގައި ހަސްނާ ވެސް ހުރީ ހަމަ އެހެންނެވެ. އެ ދިގު އިސްތަށިގަނޑާއި ތޫނު ކަޅިރަވައެވެ. އެ ދޮންކުލައާއި، އޮމާން އަޑާއި، ލަދުރަކި ހިނިތުންވުމެވެ. މަލްހާގެ އުމުރުގެ އެންމެ ނާޒުކު ދަނޑިވަޅުގައި، ރަށުން ކިޔެވޭނެ އެންމެ ފަހު ގުރޭޑު ނިމުނީއެވެ. އިތުރަށް ކިޔަވަން މަލްހާ ބޭނުންވިއެވެ. މާލެގެންނަން ރާމިޒާއަށް މަޖުބޫރުވިއެވެ. އެއީ ރާމިޒާ ކުރިން ތައްޔާރުވެފައި ނެތް ހާލަތެކެވެ.
ހަސްނާގެ ހަޔާތަށް މަންމަންކަމެއް ވެރިވެ، ގޭތެރެއަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ވެސް ލިބިފައިވި ދަނޑިވަޅެކެވެ. ހަސްނާ އެކަކާ ވެސް ވާހަކައެއް ނުދައްކައެވެ. ހަތަރުދަމު އިންނަނީ ސޯފާގެ ވަކި ކަނެއްގައި އިށީނދެލައިގެންނެވެ. މަލްހާ މާލެގެންނަން އުޅޭ ވާހަކަ، އެތައް ފަހަރަކު ބުނުމުން ވެސް ހަސްނާ އިވުނުކަމަކަށް ނެހެދިއެވެ. ކަން ދިމާވީ ރާމިޒާ އެންމެ ބޭނުން ނުވި ގޮތަށެވެ. މަލްހާ މާލެއައިސް، ގެއަށް ވަދެވުނު ވަގުތަކީ ފާއިޒު ގެއިން ނުކުންނަން ދިޔަ ދަނޑިވަޅެވެ. މަލްހާ ފެނުމާ އެކު ފާއިޒުގެ ދެފައި ތަޅުންގަނޑުގައި ތަތްލި ކަހަލައެވެ.
-ނުނިމޭ-