ނަސްލީ ތަފާތުކުރުމާ ދެކޮޅު އިށީނުމުން އިންގްލެންޑް ބައިބައި ވެއްޖެ
ނަސްލީ ތަފާތުކުރުމާ ދެކޮޅު އިށީނުމުން އިންގްލެންޑް ބައިބައި ވެއްޖެ

ލަންޑަން (ޖޫން 13) - ނަސްލީ އިމްތިޔާޒާ ދެކޮޅަށް ޝުއޫރު ފާޅުކުރުމުގެ ގޮތުން، މެޗުގެ ކުރިން ކަކޫ މައްޗަށް ތިރިވެ އަދާކުރާ އިހްތިރާމާ މެދު އިންގްލެންޑްގެ ސަޕޯޓަރުންގެ މެދުގައި ހިޔާލު ތަފާތުވެ ބައިބައިވުން އުފެދިއްޖެ އެވެ.

ޝުއޫރު ފާޅުކުރަން އިންގްލެންޑްގެ ކުޅުންތެރިން ނިންމުމުން އެ ގައުމުގެ ގިނަ ބަޔަކު އެކަމާ ދެކޮޅަށް ދަނީ ވާހަކަ ދައްކަމުންނެވެ.

މިހާރު ކުރިއަށްދާ، ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މެޗު ފެށުމުގެ ކުރިން ނަސްލީ އިމްތިޔާޒާ ދެކޮޅަށް ޝޫއޫރު ފާޅުކުރުމުގެ ގޮތުން އެއް ކަކޫމައްޗަށް ތިރިވެ، ދެ ޓީމުގެ ކުޅުންތެރިންނާއި މެޗު އޮފިޝަލުން އިހްތިރާމް އަދާކުރެ އެވެ. އެ ސުކޫތުގައި ބައިވެރިވުން ޔޫއެފާއިން ވަނީ އިހްތިޔާރަށް ދޫކޮށްލައިފަ އެވެ.

ޔޫރަޕްގައި ނަސްލީ ތަފާތުކުރުން އެންމެ ބޮޑަށް އޮންނަ އެއް ގައުމަކީ އިންގްލެންޑެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ބައެއް ކުޅުންތެރިން ވަނީ އެކަމުގެ ޝިކާރައަކަށް ވެފަ އެވެ. ނަސްލީ ތަފާތުކުރުމާ ދެކޮޅަށް ޝޫއޫރު ފާޅުކުރުމުގެ ގޮތުން ގެންނަ ސްކޫތުގައި ބައިވެރިވާނެ ކަމަށް އިނގިރޭސި ޓީމުން ވަނީ އިއުލާންކޮށްފަ އެވެ.

އިންގްލެންޑްގެ ކޯޗް ގެރެތު ސައުތުގޭޓް ބުނީ، އޭނާގެ ކުޅުންތެރިން އެ ދައްކާ މިސާލާ މެދު އޭނާ ފަހުރުވެރިވާ ކަމަށެވެ. ނަމަވެސް އަމިއްލަ ސަޕޯޓަރުންގެ މަލާމާތާއި ފުރައްސާރައިން އިންގްލެންޑްގެ ޓީމަށް ސަލާމަތް ވެވޭނެ ކަމުގެ ޔަގީންކަމެއް ނެތެވެ.

ކޮވިޑްގެ ހާލަތު ކަމަށް ވިޔަސް، ވެމްބްލީގައި މިއަދު ކުޅޭ މެޗަށް ސަޕޯޓަރުން ވައްދާނެ އެވެ. އަމިއްލަ ސަޕޯޓަރުންގެ މަލާމަތާއި ފުރައްސާރައިން ގައުމީ ޓީމު ސަލާމަތްކުރުމަށް އިންގްލެންޑްގެ އެފްއޭއަށް ކުރެވޭނެ ކަމެއް ވެސް ނެތެވެ. އިންގްލެންޑްގެ އެފްއޭ އިން ބަޔާނެއް ނެރެ ބުނެފައި ވަނީ އިންގްލެންޑްގެ ކުޅުންތެރިންގެ ނިންމުމާ މެދު ސަޕޯޓަރުންގެ އިހްތިރާމް ބޭނުންވާ ކަމަށެވެ.

"ކުޅުންތެރިންގެ މި އިސްނެގުމާ މެދު ދެކޮޅު ހަދާ ފަރާތްތަކަށް އިލްތިމާސްކުރަން ބޭނުން މިކަމާ ދެކެޅު ހެދުމުން ތިމާމެން ސަޕޯޓްކުރާ ކުޅުންތެރިންނަށް އެ ދެވެނީ ރަނގަޅު ހިތްވަރެއް ނޫން. ކުޅުންތެރިންގެ ނިންމުމަށް އިހްތިރާމް ކުރަން އެދެން. ތަފާތުކުރުންތަކާ ދެކޮޅަށް މުޅި އިންގްލެންޑް އެއްބައިވެ އެކުވެރިވާން ޖެހޭނެ. ގައުމަށްޓަކައި ކުޅުންތެރިން އެ ކުޅުންތެރިންގެ އެންމެ މަތީ ފެންވަރު ދައްކާނެ. ސަޕޯޓަރުން ވެސް ސަޕޯޓަރުންގެ ފަރާތުން ދޭން ޖެހޭ އެންމެ ބޮޑު ހިތްވަރު ދިނުން އެދެން،" އިންގްލެންޑްގެ އެފްއޭއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އިންގްލެންޑްގެ ސިޔާސީ މީހުންގެ ދެމެދުގައި ވެސް ވަނީ މިމައްސަލައިގައި ދެބައި ވެފަ އެވެ. އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަން ހުންނެވީ ޓީމުގެ ވިސްނުމާ އެއްގޮތަށް ނޫން ކަމަށް ބުނެ، އިދިކޮޅު ލޭބާ ޕާޓީން ވަނީ އޭނާގެ މައްޗަށް ތުހުމަތު ކޮށްފަ އެވެ. ނަމަވެސް ބޮރިސް ޖޯންސަންގެ ސްޕޯކްޕާސަން ވިދާޅުވީ، ބޮޑުވަޒީރު ހުންނެވީ ޓީމާ އެއްކޮޅަށް ކަމަށެވެ. އަދި ޓީމުގެ ނިންމުމަށް އިހްތިރާމް ކުރުމަށް ބޮޑުވަޒީރު އެދިވަޑައިގަންނަވާ ކަމަށް ސްޕޯކްޕާސަން ވިދާޅުވި އެވެ.

އިންގްލެންޑްގެ ވައިސްކެޕްޓަން ޖޯޑަން ހެންޑަސަން ގަބޫލުކުރާ ގޮތުގައި، ޓީމުގެ ނިންމުމާ މެދު ނެގެޓިވް ބަޔަކު އުޅުމަކީ ނަސްލީ ތަފާތު ކުރުމުގެ މައްސަލަ އިންގްލެންޑްގައި ބޮޑުވެފައި އޮތް ކަމުގެ ހެއްކެކެވެ.

އިންގްލެންޑާއި ކްރޮއޭޝިއާގެ މެޗު ފަށާނީ ރާއްޖޭގަޑިން ހަވީރު ހައެއް ޖަހާއިރު އެވެ.