13 ޖޫން 2021 - 12:05

ކޮވިޑް 19 ގެ ބަލިމަޑުކަމާ ގުޅިގެން މި އަހަރު ވެސް އެހެން ގައުމުތަކުގެ މީހުންނަށް ހައްޖުގެ ފުރުސަތު ގެއްލިފައިވާތީ، ހައްޖަށް ދާން ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކާފައިވާ މީހުންނަށް އަންނަ އަހަރު ހައްޖަށް ދެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
ހައްޖުގެ އަޅުކަން އަދާ ކުރުމުގައި ސައުދީ އަރަބިއްޔާއިން ނިންމި ނިންމުމާ ގުޅިގެން، ހައްޖަށް މީހުން ފޮނުވުމަށް ރިޒާވްކުރި ޖާގަ އަށް އައިސްފައިވާ ބަދަލު އޮންލައިންކޮށް ފެންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
އެ ކުންފުނިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ، މި އަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ހަމައެކަނި ސައުދީގައި ދިރިއުޅޭ މީހުންނަށް ދިނުމަށް އެ ގައުމުން ނިންމުމުން އެ ކުންފުނިން މި އަހަރު ކުރުމަށް ހަމަޖެއްސި ހައްޖު ދަތުރު ކެންސަލް ކޮށްފައިވާ ކަމަށެވެ.
ހައްޖަށް ދާން ޖާގަ ރިޒާވް ކޮށްފައިވާ ތަރުތީބުން އެއް އަހަރު ދުވަހަށް ފަސް ކޮށްފައިވާ ކަމަށާއި، މި އަހަރު ހައްޖު ވާން ޖާގަ ދިން މީހުންނަށް އަންނަ އަހަރުގެ ހައްޖުގައި ބައިވެރިވުމަށް ފުރުސަތު ދޭން ނިންމާފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެއެވެ.
ސައުދީ ސަރުކާރުން ވަނީ މި އަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމުގެ ފުރުސަތު ދޭނީ އެ ގައުމުގައި ދިރިއުޅޭ މީހުންގެ ތެރެއިން ވެކްސިން ފުރިހަމަ ކޮށްފައިވާ 60،000 މީހުންނަށް ކަމަށް ނިންމައިފަ އެވެ.
ކޮވިޑުގެ ހާލަތާ ގުޅިގެން މިދިޔަ އަހަރު ވެސް ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ދީފައިވަނީ ސައުދީގައި އުޅެ މީހުނަންށެވެ. އެގޮތުން 10،000 މީހުން މިދިޔަ އަހަރު ހައްޖުގެ އަޅުކަން ފުރިހަމަ ކޮށްފައިވެއެވެ.