13 ޖޫން 2021 - 10:15

ދުނިޔޭގެ 32 ގައުމެއްގައި ވެކްސިން ޖެހުމަށް ވޯލްޑް ބޭންކުން އިތުރު ތިން ބިލިއަން ޑޮލަރު (46 ބިލިއަން ރުފިޔާ) ހަރަދު ކުރަން ނިންމައިފި އެވެ.
ވޯލްޑު ބޭންކުން ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް އެހީވާ ގައުމުތަކުގެ ތެރޭގައި އަފްގާނިސްތާނާއި ބަންގްލަދޭޝް އާއި އިކުއޭޑޯ އާއި އިތިއޯފިއާ އާއި ގާނާ އާއި ޖޯޖިއާ އާއި ޕާކިސްތާނާއި މޮންގޯލިއާ އާއި ފިލިޕީންސް އާއި ރުވާންޑާ އާއި ސްރީލަންކާ ފަދަ ގައުމުތައް ހިމެނެ އެވެ.
ވޯލްޑް ބޭންކުން މީގެ ކުރިން ވަނީ ކޮވިޑްގެ އިމާޖެންސީ ރެސްޕޯންސްގެ ގޮތުގައި 100 ގައުމަކަށް އެހީވުމަށް ހަ ބިލިއަން ޑޮލަރު (90 ބިލިއަން ރުފިޔާ) ހޭދަކޮށްފަ އެވެ.
ވޯލްޑް ބޭންކުން އަންނަނީ ކޮވިޑުން ސަލާމަތްވުމަށް ގިނަ ގައުމުތަކަކަށް ބޮޑެތި އެހީތައް ދެމުންނެވެ. ވެކްސިން ޕްރޮގްރާމުގައި ރާއްޖެ ނުހިމެނުނަސް ރާއްޖެ އަށް ވެސް ބޮޑު އެހީތެރިކަމެއް އަންނަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން "ސްޓްރެޓެޖިކް ޕްރެޕެއާޑްނެސް އެންޑް ރެސްޕޯންސް ޕްރޮގްރާމް (އެސްޕީއާރްޕީ)"ގެ ދަށުން ކޮވިޑްގެ ރާއްޖެ އަށް 182 މިލިއަން ޑޮލަރު (2.8 ބިލިއަން ރުފިޔާ) ގެ އެހީ ދީފައިވެ އެވެ. އޭގެ ތެރޭގައި އިމަޖެންސީ ފެސިލިޓީތައް ގާއިމް ކުރުމުށާއި އިންކަމް ސަޕޯޓް ޕްރޮގްރާމް ހިންގުމަށް ދީފައިވާ އެހީ ހިމެނެ އެވެ.
ދުނިޔޭގެ މާލީ އެންމެ ބޮޑު އެއް އިދާރާ، ވޯލްޑް ބޭންކުން ގައުމުތަކަށް ވެކްސިން ދިނުމުގައި އެހީތެރިވާން ނިންމި އިރު އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ވަނީ ގައުމުތަކުގައި ވެކްސިން ޖެހުމަށް 50 ބިލިއަން ޑޮލަރު (771 ބިލިއަން ރުފިޔާ) ގެ ހޭދައެއް ކުރަން ނިންމައިފަ އެވެ.