ދަންވަރު ގެއަކަށް ވަދެ އަންހެނަކަށް ޖިންސީ ގޯނާ ކުރި މީހަކު ޖަލަށް ލާން ހައި ކޯޓުން ހުކުމްކޮށްފި
ދަންވަރު ގެއަކަށް ވަދެ އަންހެނަކަށް ޖިންސީ ގޯނާ ކުރި މީހަކު ޖަލަށް ލާން ހައި ކޯޓުން ހުކުމްކޮށްފި

ދަންވަރު ގެއަކަށް ވަދެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި މީހެއްގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް މެޖިސްޓްރޭޓު ކޯޓަކުން ކޮށްފައިވާ ހުކުމެއް ބާތިލުކޮށް، އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ތިން އަހަރަށް ޖަލަށްލާން ހައިކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ އަހަރުގެ މެއި މަހު ދެކުނުގެ ރަށެއްގައި ދަންވަރު ގެއަކަށް ވަދެ ގަދަކަމުން އަންހެނެއްގެ ޖިންސީ ގުނަވަނެއްގައި ހިފި ކަމަށް ބުނާ އެ މައްސަލައިގައި ތުުހުމަތު ކުރެވޭ މީހާގެ މައްޗަށް ދައުލަތުން އުފުލީ ޖިންސީ ގޯނާގެ ދައުވާ އާއި އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އެވެ.

އެ ގޭ ގިނަ މީހުން ބޭރުގައިވީ ވަގުތަކު ފިރިހެން މީހާ އެ ގެއަށް ވަނީ ގޭގެ ދޮރުގައި ޓަކި ޖެހުމަށް ފަހު، އަންހެން މީހާ ދޮރު ހުޅުވުމުންނެވެ. ނަމަވެސް މެޖިސްޓްރޭޓް ކޯޓުން ހުކުމްކޮށްފައި އޮތީ، އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ ސާބިތުވާ ކަމަށާއި ޖިންސީ ގޯނާގެ ދައުވާ ސާބިތުނުވާ ކަމަށެވެ.

އެހެންވެ، ޖިންސީ ގޯނާގެ މައްސަލައިގެ ހުކުމް ހައިކޯޓުގައި ދައުލަތުން އިސްތިއުނާފުކުރީ އެވެ.

ޖިންސީ ކުށުގެ ގާނޫނުގައިވާ ގޮތުން ޖިންސީ ގޯނާ ކުރުމަކީ ދެމަފިރިއަކަށް ނުވާ ދެ މީހުންގެ ދެމެދުގައި، ޖިންސީ ނިޔަތެއް އޮވެގެން، އެކެއްގެ ނުރުހުމުގައި ޖިންސީ ގުނަވަނެއްގައި އަތްލުމެވެ. އެ ގާނޫނުގައި ވަނީ ހަތް ބާވަތެއްގެ ހެކި ބަޔަނާކޮށް، އޭގެ ބާވަތެއްގެ ފަސް ހެކި ހުށަހަޅައިފި ނަމަ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާނެ ކަމަށް ބަޔާންކޮށްފަ އެވެ. އޭގެ ތެރޭގައި ހާދިސާ ހިނގާތާ ކުޑަ އިރުކޮޅެއް ތެރޭގައި އަނިޔާ ލިބުނު ފަރާތުން އެ ވާހަކަ ކިޔައިދޭ މީހުންގެ ބަޔާން ވެސް ހިމެނެ އެވެ.

މި މައްސަލައިގެ ހެކީގެ ގޮތުގައި ދައުލަތުން ހުށަަހަޅާފައި ވަނީ ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ އަންހެން މީހާ އާއި، އޭނާއަށް އެ އަނިޔާ ލިބުނު ކަމަށް ބުނިތާ ކުޑައިރުކޮޅެއް ތެރޭގައި އޭނާ އެ ވާހަކަ ކިޔައިދިން އޭނާގެ ކޮއްކޮ އާއި ދައްތަ އާއި ރަހުމަތްތެރިއެކެވެ.

އަނިޔާ ލިބުނު ކަމަށް ބުނާ އަންހެން މީހާ ހެކިބަސް ދެމުން ބުނެފައި ވަނީ ހާދިސާ ހިނގިތަން އޭނާގެ އަންހެން ކޮއްކޮއަށް ފެނިފައިވާ ކަމަށެވެ. އޭނާގެ ކޮއްކޮ އެގޮތަށް ކޯޓުގައި ހެކިބަސް ވެސް ދީފައިވެ އެވެ. އެއަށް ފަހު ދެ ފިރިހެން ރައްޓެއްސަކަށް ގުޅައިގެން އެ ގެއަށް ގެނެސް އެ ވާހަކަތައް ކިޔައިދިން ކަމަށް ވެސް އެ އަންހެން މީހާ ބުނެފައި ވެ އެވެ. އަދި ފޯނުން ގުޅައިގެން އޭނާގެ ދައްތައަކަށް ވެސް ކިޔައިދިން ކަމަށް ބުންޏެވެ.

އަންހެން މީހާގެ ދެ ފިރިހެން ރައްޓެހިންގެ ތެރެއިން އެކަކުގެ ހެކިބަސް ބަލައިނުގަތުމަށް ދަށު ކޯޓުން ވަނީ ނިންމައިފަ އެވެ. އެއީ އޭނާގެ ހެކިބަސް ފުށުއަރާ ކަމަށް ބުނެ އެވެ. ދެން އެ ވާހަކަ ދެއްކި ރަހުމަތްތެރިޔާ ހެކިބަސް ދިނީ ދައުވާ ލިބޭ މީހާއާ އެއްކޮޅަށެވެ. ދައުލަތުން ބުނާ ގޮތުގައި ފުލުހުންނަށް ދިން ބަޔާނާ ހިލާފަށް އޭނާ ފަހުން ހެކިބަސް ދިނީ ދައުވާ ލިބޭ މީހާއާ އޮތް އާއިލީ ގުޅުމެއްގެ ސަބަބުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހައިކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ހާދިސާ ހިނގި ތަން ސީދާ ލޮލުން ދުށް މީހެއް މިފަދަ މައްސަލައެއްގައި ހެކިބަސް ދޭން ލިބިފައި ނުވިނަމަވެސް، އަނިޔާ ލިބުނު ފަރާތަށް ކަންވީ ގޮތް އޭނާ ކިޔައިދޭ ކިޔައިދިނުން މައިގަނޑު އަސާސަކަށް ބަލައިގެން އެއީ އާދަޔާ ހިލާފަށް ތެދުކަމަށް ގަބޫލުކުރެވޭނެ ހެކިތަކާއި އެ ހެކިތަކާއި ގުޅޭ ގަރީނާތަކެއް ހުރެއްޖެ ނަމަ މިފަދަ މައްސަލަތައް ސާބިތުކުރެވިދާނެކަން ސުޕްރީމް ކޯޓުގެ ކުރީގެ ގަޒިއްޔާއެއްގައި ނިންމާފައިވާ ކަމަށެވެ.

ހެކިބަހެއް ސާބިތުކުރުމަށް އޮންނަ އާއްމު މިންގަނޑުގައި، ގަބޫލުކުރެވޭ ހެކިބަހަކީ ކަމެއް ހިނގިތަން ފެނުނު ނުވަތަ އަޑުއިވޭ ހެކިބަސް ނަމަވެސް، އިސްތިސްނާ ހާލަތްތަކުގައި މީހަކާމެދު ކަންވީ ގޮތްކަމަށް އެ މީހަކު ކިޔައިދިން ކަމަށް ބުނެ އެހެން މީހަކު ޝަރީއަތުގައި ދޭ ހެކިބަސް ބަލައިގަތުން، އަދުލު އިންސާފު ގާއިމުކުރުމަށްޓަކައި ހުއްދަކުރެވޭނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.

މި މައްސަލައިގައި ހެކިން ޝަރީއަތުގައި ދިން ހެކިބަހުންނާއި ފެންނަން ހުރި ހެކި ގަރީނާތަކުގެ މައްޗަށް ބެލުމުން އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ކުށް ސާބިތުވާ ކަމަށް ހައިކޯޓުން ނިންމާފައިވެ އެވެ.

އެ މައްސަލައިގައި މެޑިކޯ ލީގަލް ރިޕޯޓެއް ހުށަހަޅައިފައެއް ނުވެ އެވެ. ނަމަވެސް، އަނިޔާ ލިބުމުން ތަދުވެގެން ޑޮކްޓަރަށް ދެއްކިކަން އެނގޭ ބޭސް ސިޓީއެއް ހުށަހަޅާފައިވެ އެވެ. ވަކިން އިއްވި ފަނޑިޔާރު ނިޔާޒުގެ ރައުޔުގައި ވަނީ އެއީ ވެސް އެ މައްސަލައިގައި ހުށަހެޅިފައިވާ އެހެން ހެކިތަކަށް ބާރުދޭ ހެއްކެއް ކަމަށެވެ.

އޭގެ އިތުރުން އޭނާގެ ރައުޔުގައި ވަނީ ދަށު ކޯޓުން ބައެއް ހެކިވެރިންގެ ހެކިބަސް ބަލައިނުގަތުމަށް ނިންމާފައި ވަނީ ގޯސްކޮށް ކަމަށެވެ. އެއީ ދަށު ކޯޓުން ނިންމާފައި ވަނީ ހައި ކޯޓުގެ ހުކުމެއްގައިވާ އަޣުލަބިއްޔަތު ނުލިބުނު ރައުޔެއްގެ މައްޗަށް ބިނާކޮށްފައި ކަމަށް ވާތީ އެވެ.

ޖިންސީ ގޯނާގެ ކުށް ކުރީ ހަތިޔާރެއް ފަދަ އެއްޗެއް ބޭނުންނުކޮށް ނަމަ ކުށުގެ އަބަދަކީ ތިން އަހަރާއި ހަތް އަހަރާއި ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމެވެ. ހަތިޔާރެއް ބޭނުންކޮށްގެން ނަމަ ހަތް އަހަރާއި 10 އަހަރާ ދެމެދުގެ ޖަލު ހުކުމެކެވެ.

އެ މައްސަލަ ހައި ކޯޓުގައި ބެއްލެވީ ފަނޑިޔާރު ހަސަން ޝަފީއު، ފަނޑިޔާރު ޝުއައިބު ހުސެއިން ޒަކަރިއްޔާ އަދި ފަނޑިޔާރު މުހައްމަދު ނިޔާޒެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަފީއު އެވެ.