13 ޖޫން 2021 - 09:48

މި އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖޭގެ އުފެއްދުންތެރި ކަމަށް އަށް ބިލިއަން ރުފިޔާ އިތުރުވެއްޖެ އެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މިދިޔަ ޑިސެމްބަރު މަސް ނިމުނު އިރު ރާއްޖޭގެ އުފެއްދުންތެރިކަން ހުރީ 57 ބިލިއަން ރުފިޔާގަ އެވެ. އެހެން ނަމަވެސް މި އަހަރުގެ ފުރަތަމަ ތިން މަސް ދުވަހު އެ އަދަދު ވަނީ 66 ބިލިއަން ރުފިޔާ އަށް މަތިވެފަ އެވެ.
ރާއްޖޭގެ އުފެއްދުންތެރިކަން 2015 އިން ފެށިގެން 2019 ވަނަ އަހަރާ ހަމައަށް ދިޔައީ ވަރަށް ބާރަށް ކުރިއަރަމުންނެވެ. އެ މުއްދަތުގައި އުފެއްދުންތެރިކަން 63 ބިލިއަން ރުފިޔާ އިން 86 ބިލިއަން ރުފިޔާ އަށް އެރި އެވެ. ނަމަވެސް ކޮވިޑާ ގުޅިގެން އުފެއްދުންތެރިކަން ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
ކޮވިޑްގެ ސަބަބުން އެރި އިގްތިސާދީ ލޮޅުމުގައި ބޮލަކަށް ޖެހޭ އާމްދަނީ 10،000 ޑޮލަރުން 6،000 ޑޮލަރަށް ދަށްވި އެވެ. މި އަހަރު ނިމޭ އިރު ބޮލަކަށް ޖެހޭ އާމްދަނީ 7،500 ޑޮލަރަށް އަރާނެ ކަމަށް އެމްއެމްއޭއިން ލަފާ ކުރެ އެވެ.
ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވެފައި ވަނީ ޓޫރިޒަމް ދާއިރާ އަށް އައި ކުރިއެރުމާ އެކު އެވެ. މި އަހަރުގެ ފުރަތަމަ ތިން މަހު ރާއްޖޭގެ އުފެއްދުންތެރިކަން އިތުރުވި ނަމަވެސް ކޮވިޑްގެ ހާލަތު ގޯސްވުމާ އެކު މެއި މަހުން ފެށިގެން ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ މަދުވެފަ އެވެ. މި އަހަރުގެ ފުރަތަމަ ތިން މަހު ދުވާލެއްގެ މައްޗަށް އަންނަ ޓޫރިސްޓުންގެ އަދަދު 3،000 ގައި ހުރި ނަމަވެސް މި ވަގުތު އެ އަދަދު ވަނީ 1،500 އަށް އަރައިފަ އެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 34 ޕަސެންޓަށް ކުރިއެރުވުމެވެ. މިކަން ހާސިލު ވާނީ ދުވާލެއްގެ މައްޗަށް ރާއްޖެ އަށް އަންނަ ޓޫރިސްޓުންގެ އަދަދު 5،000 އަށް އިތުރުވެގެންނެވެ.