އެމެރިކާގެ ގައުމީ ކޯޗުގެ މަގާމުން ކްލިންސްމަން ވަކިކޮށްފި
އެމެރިކާގެ ގައުމީ ކޯޗުގެ މަގާމުން ކްލިންސްމަން ވަކިކޮށްފި

ލޮސް އެންޖެލްސް، ޔުނައިޓެޑް ސްޓޭޓްސް (ނޮވެމްބަރު 22) – އެމެރިކާގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން ޔާގަން ކްލިންސްމަން ވަކިކޮށްފި އެވެ.

ޖަރުމަނާ އެކު 1990 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި އުމުރުން 52 އަހަރުގެ ކްލިންސްމަން އެމެރިކާ ޓީމާ ހަވާލުވީ 2011 ވަނަ އަހަރެވެ. އޭނާ ވަނީ 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގެ ދެ ވަނަ ބުރުން އެމެރިކާ ގެންގޮސްދީފަ އެވެ. އެކަމަކު ޓީމުގެ ކުރިއެރުންތަކާ މެދު އެމެރިކާ ފުޓްބޯޅަ ފެޑެރޭޝަނުން ހިތްހަމަނުޖެހެ އެވެ.

ފެޑެރޭޝަނުގެ ރައީސް ސުނިލް ގުލާޓީ ވިދާޅުވީ 2018 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެވޭ ވަރުގެ ހުނަރުވެރި ކުޅުންތެރިން އެބަތިބި ކަމަށާއި އެކަމަކު ޓީމުގެ ފޯމް ދަށްވުމާއި އަދި އެކަށީގެންވާ ކުރިއެރުމެއް ނުފެންނާތީ އެހެން ދިމާލަކަށް ދާން ނިންމީ ކަމަށެވެ.

ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން އަމިއްލަ ދަނޑުގައި މެކްސިކޯ އަތުން 2-1 އިން ބަލިވިއިރު ރަށުން ބޭރުގައި ކޯސްޓާ ރިކާ އަތުން 4-0 އިން ވަނީ ބަލިވެފަ އެވެ. ހަ ގައުމު ވާދަކުރާ ކޮލިފައިންގައި ޕޮއިންޓެއް ނުލިބި އެމެރިކާ އޮތީ ފުލުގަ އެވެ.

ގުލާޓީ ވިދާޅުވީ ދެން ކޮލިފައިން އޮތީ މާޗު މަހު ކަމަށްވާތީ މިއީ އާ ކޯޗަކަށް ފުރުސަތުދީ ޓީމަށް ބަދަލު ގެންނަން އެންމެ އެކަށީގެންވާ ވަގުތު ކަމަށެވެ.

ބެލެވޭ ގޮތުގައި އާ ކޯޗަކަށް ހަމަޖައްސާނީ 1998 އިން 2006 އަށް އެ ޓީމަށް ކޯޗުކޮށްދީ އަދި ފަހުން މޭޖާ ލީގުގެ އެލްއޭ ގެލެކްސީއަށް ކޯޗުކޮށްދިން ބްރޫސް އެރީނާ އެވެ.

ކްލަބް ލެވެލްގައި ބަޔާން މިއުނިކާއި ޓޮޓެންހަމް ހޮޓްސްޕާސް އާއި އިންޓަ މިލާނަށް ކުޅެފައިވާ ކްލިންސްމަން ވަނީ ޖަރުމަން ގައުމީ ޓީމަށް 1987 އިން 1998 އަށް ސަތޭކައެއްހާ މެދު ކުޅެދީފަ އެވެ. އޭނާ ވަނީ ޖަރުމަން ގައުމީ ޓީމަށް 2006 ވަނަ އަހަރު ކޯޗުކޮށްދީ އެ އަހަރުގެ ވޯލްޑް ކަޕުގެ ސެމީ ފައިނަލަށް ގެންގޮސްދީފަ އެވެ. އޭގެ ފަހުން ބަޔާން މިއުނިކަށް ވެސް އިރުޝާދިނެވެ. އޭނާ ގެންދަން އިންގްލެންޑް ގައުމީ ފުޓްބޯޅަ ޓީމުން ވެސް ވަނީ ދާދި ފަހުން މަސައްކަތްކޮށްފަ އެވެ.