12 ޖޫން 2021 - 22:57

ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ނެގި 4،788 ސާމްޕަލްގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވީ 246 މީހަކު ކަމަށާއި އޭގެ ތެރެއިން މާލެ ސަރަަހައްދުން އެ ބަލި ޖެހުނީ 88 މީހަކަށް ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.
އެ އިދާރާ އިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން އިއްޔެގެ ހަވީރު 6 އިން މިއަދުގެ ހަވީރު 6 އަށް އެންމެ ގިނަ ބަޔަކު ކޮވިޑަށް ޕޮޒިޓިވްވީ މާލެ ސަރަހައްދު ފިޔަވައި އެހެން ރަށްރަށުންނެވެ. އެއީ 137 މީހެކެވެ. އަދި ރިސޯޓުތަކުން 13 މީހަކާއި ރިސޯޓުތަކުގެ ގޮތުގައި ތަރައްގީ ކުރަމުން އަންނަ ރަށްރަށުން އަށް މީހަކު ކޮވިޑަށް ޕޮޒިޓިވްވި އެވެ
މިއާ އެކު ރާއްޖެ އިން ކޮވިޑް ޖެހުނު މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 70،077 އަށް އަރައިފަ އެވެ. އަދި މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވި، 2،273 މީހުނާ އެކު މިވަގުތު ބަލިން ރަނގަޅުވި މީހުންގެ އަދަދު ވެސް 58،832 އަށް އަރަ އެވެ. މިހާރު ބަލިން ރަނގަޅު ނުވެ ތިބީ 11،041 މީހެކެވެ.
ކޮވިޑް ޖެހިގެން އިއްޔެ ހޮސްޕިޓަލުގައި 111 މީހަކު ފަރުވާ ހޯދަމުން އައި ނަމަވެސް މިވަގުތު އެ އަދަދު އުޅެނީ 96 ގަ އެވެ.
ކޮވިޑްގައި މިއަދު މަރުވި ތިން މީހުންނާ އެކު ބަލީގައި މަރުވި މީހުންގެ ޖުމުލަ އަދަދަކީ 195 އެކެވެ.