އިސްލާހުގެ ސަބަބުން ﷲ އާއި ރަސޫލާއަށް ފުރައްސާރަކުރުން ހުއްދަ ވެދާނެ ކަމަށް ބެލެވޭ: މާލޭ ސިޓީ ކައުންސިލް
އިސްލާހުގެ ސަބަބުން ﷲ އާއި ރަސޫލާއަށް ފުރައްސާރަކުރުން ހުއްދަ ވެދާނެ ކަމަށް ބެލެވޭ: މާލޭ ސިޓީ ކައުންސިލް

މުސްލިމަކާ ދިމާއަށް އާންމު ތަނެއްގައި ކާފަރެކޭ ބުނުމަކީ ޖިނާއީ ކުށެއް ކަމަށް ކަނޑައަޅަން ސަރުކާރުގެ ފަރާތުން ގާނޫނުލްއުގޫބާތަށް ގެންނަން ހުށަހެޅި އިސްލާހާ މެދު މާލޭ ސިޓީ ކައުންސިލުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ސިޓީ ކައުންސިލުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ގާނޫނުއަސާސީއާ ތައާރަޒުވާ އަދި ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް އޭގައި ހިމެނޭ ކަމަށް އެ ކައުންސިލުން ދެކޭ ކަމަށެވެ.

އަދި އިސްލާހާ އެކު، ދީނަށް ހަޖޫ ޖަހައި ފުރައްސާރަކޮށް މާތްﷲ އާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކުރުން އެއީ ގާނޫނު ހުއްދަ ކުރާ ކަމެއްގެ ގޮތުގައި ކަނޑައެޅޭނެ ކަމަށް ބެލެވޭ ކަމަށާއި އެކަމާ ދެކޮޅަށް ބަސް ބުނާ މީހާ އެ ކުރަނީ ކުށެއް ކަމުގައި ކަނޑައަޅަން ސިޓީ ކައުންސިލުން ދެކޮޅު ކަމަށް ބަޔާނުގައިވެ އެވެ.

އިދިކޮޅު ޕީޕީއެމް ކޯލިޝަންގެ އަޣުލަބިއްޔަތު އޮންނަ މާލޭ ސިޓީ ކައުންސިލުން ވަނީ އެ އިސްލާހު ފާސްނުކުރުމަށް، ކައުންސިލްގެ މެމްބަރުން ތަމްސީލުކުރާ ދާއިރާތަކުގެ މެމްބަރުންނަށް ވެސް ގޮވާލައިފަ އެވެ.

މާލޭ ސިޓީ ކައުންސިލްގެ އިތުރުން ރަށްރަށުގެ ކައުންސިލްތަކުން ވެސް މި ބިލާ ދެކޮޅަށް ވާހަކަ ދައްކާފައިވެ އެވެ. އަދި ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެސް މި ބިލާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.

ސަރުކާރު ފަރާތުން ގާނޫނުލްއުގޫބާތަށް މި އިސްލާހު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސައިނެވެ. އެ ބިލުގައި ފުރަތަމަ ކިޔުން މިދިޔަ މަހުގެ 31 ގައި ވަނީ ރައްޔިތުންގެ މަޖިލީހުގަައި އިއްވައިފަ އެވެ.

ނަފްރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމުގައި ގާނޫނުލްއުގޫބާތުގައި ކަނޑައަޅާފައިވާ މި ބިލުގައިވާ ގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާ ހިލާފަށް އުޅޭ، ނުވަތަ އިސްލާމް ދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާ މެދު ނަފްރަތު އުފެއްދުމަކީ ޖިނާއީ ކުށެކެވެ.

އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ގޮތުގައި ސިފަކުރުމާއި އެކަމުގައި ބައިވެރިވުމާއި މުސްލިމަކު ކާފަރެއް ކަމުގައި ތުހުމަތު ކުރުމަކީ ވެސް ކުށެއް ކަމަށް ވެސް އެ ބިލުގައި ބުނެފައި ވެ އެވެ.

ބިލުގައިވާ ގޮތުން އެއީ އެއްވަނަ ދަރަޖައިގެ ކުށެކެވެ. އެހެންކަމުން އެފަދަ ކުށެއް ކޮށްފި ނަމަ އެންމެ ބޮޑުވެގެން އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ. އެންމެ ދަށް ވެގެން އެއް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ނަފްރަތު އުފެއްދުމުގެ ކުށެއް ގޮތުގައި އިތުރަށް ހިމަނާފައި ވަނީ މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުމާއި ސިޔާސީ ވިސްނުމަށް ބަލައި، އެ މީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ އެކަމަށް ރޭވުމެވެ.