މެޖިސްޓްރޭޓުން ބަންޑުންކޮށްލީ އެތައް ދުވަހެއްގެ ޝަކުވާ!
މެޖިސްޓްރޭޓުން ބަންޑުންކޮށްލީ އެތައް ދުވަހެއްގެ ޝަކުވާ!

ފަނޑިޔާރުންގެ ބޮޑެތި ޝަކުވާތަކެއް އެބަހުއްޓެވެ. ފަނޑިޔާރުންގެ ޖަމިއްޔާ އިން އިސްވެ އިއްޔެ ފެށި ބައްދަލުވުމުގައި ވެސް އެ ޝަކުވާތައް ވަނީ އޮއްސާލައިފަ އެވެ. ބައެއް ފަނޑިޔާރުން، އެ ޝަކުވާތައް ބަރިބަރި އަށް ވިދާޅުވެދެއްވި ނަމަވެސް، އެއީ ހައްލަކާ ހަމައަށް ދެވިދާނެ ކަންކަން ކަމަށް އެ ބޭފުޅުންގެ ހިތެއް ނުބުނެ އެވެ. އެހެންވެ، ބައެއް ފަނޑިޔާރުން ތިއްބެވީ އެ ވާހަކަތައް ދައްކަވަން ވެސް މާޔޫސްވެފަ އެވެ.

މެޖިސްޓްރޭޓުން ބަންޑުންކޮށްލީ އެތައް ދުވަހެއްގެ ޝަކުވާ!
މެޖިސްޓްރޭޓުން ބަންޑުންކޮށްލީ އެތައް ދުވަހެއްގެ ޝަކުވާ!

"...އަޅުގަނޑަށް ފެނުނީ މާޒީގައި ވެސް ހުސް ކަރުދާސްތަކެއްގެ ގޮތުގައި ވެގެން ދިޔަތަން،" ރ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ސޯދިގު ވިދާޅުވި އެވެ.

މެޖިސްޓްރޭޓުން ބަންޑުންކޮށްލީ އެތައް ދުވަހެއްގެ ޝަކުވާ!
މެޖިސްޓްރޭޓުން ބަންޑުންކޮށްލީ އެތައް ދުވަހެއްގެ ޝަކުވާ!

މިފަދަ އެތައް ބައްދަލުވުމެއްގައި ފަނޑިޔާރުން ދެއްކި ވާހަކަތަކުގެ އެތައް ރިޕޯޓެއް މީގެ ކުރިންް ވެސް ކަރުދާހަށް ނެގި، އެ ވަނީ ކޭބަރުވެފަ އެވެ. ފަނޑިޔާރުންގެ މައްސަލައަކަށް ވީ އެ ވާހަކަތައް އަނެއްކާ ވެސް ދައްކަވަން ޖެހިވަޑައިގަތުމެވެ.

މެޖިސްޓްރޭޓުން ބަންޑުންކޮށްލީ އެތައް ދުވަހެއްގެ ޝަކުވާ!
މެޖިސްޓްރޭޓުން ބަންޑުންކޮށްލީ އެތައް ދުވަހެއްގެ ޝަކުވާ!

ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ ތަމްރީނު ލިބިފައި ތިބި މުވައްޒަފުން މަދުވުމުގެ ޝަކުވާ، އިއްޔެ ކަރުދާސްތައް ހުށަހެޅުއްވި ހުރިހާ މެޖިސްޓްރޭޓުން ވެސް ކުރެއްވި އެވެ. އަދި ކޯޓުތަކަށް މައްސަލަތައް ވަންނަލެއް އިތުރާ އިރު އެއާ އެއްވަރަށް މުވައްޒަފުން ނެތުމުން ކަންބޮޑުވުން އެ ބޭފުޅުން ފާޅުކުރެއްވި އެވެ. ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި މުވައްޒަފުން މަދުވުމުން އެއް މުވައްޒަފަކު އެއްފަހަރާ ތަފާތު އެތައް ކަމެއް ކުރަން ޖެހެ އެވެ.

ހއ، ހދ، ށ، އަދި ނ. އަތޮޅުގެ މެޖިސްޓްރޭޓުން ތަމްސީލު ކުރެއްވި ށ. މިލަންދޫގެ އިސް މެޖިސްޓްރޭޓް ހަސަން ޝިޔާމް ފާހަގަ ކުރެއްވީ ދައުލަތުގެ އެހެން އިދާރާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނާ އަޅާބަލާއިރު މެޖިސްޓްރޭޓުތަކުގައި މުވައްޒަފުން މަދު ކަމެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާ މަސައްކަތް ކުރައްވާ ދާއިރާގެ 650 މީހުންގެ އާބާދީ އޮންނަ ރަށެއްގެ ކޯޓުގައި ތިބެނީ ތިން މުވައްޒަފުންނެވެ. އޭގެ ތެރެއިން އެކަކީ މަސައްކަތު މީހެއް ކަމަށް ވިދާޅުވި އެވެ. އެއީ ކޯޓު ހިންގަން އެކަށީގެންވާ ވަރެއް ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

މަދުވެގެން 50 މައްސަލަ ހުށަހެޅޭ ކޮންމެ ކޯޓެއްގައި ލީގަލް އޮފިސަރެއް ހުރުމަކީ މުހިންމު ކަމެއް ކަމަށް ގއ، ގދ، ފުވައްމުލައް، އަދި އައްޑޫގެ މެޖިސްޓްރޭޓުތައް ތަމްސީލުކުރެއްވި ގއ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު އިބްރާހިމް އިހުސާން ދެކެވަޑައިގަންނަ އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި އެންމެ މަދު މިންވަރެވެ. އަދި ޝަރީއަތަށް ހާއްސަ ދެ މުވައްޒަފުން ތިބެން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ހުރިހާ ކޯޓުތަކެއް މިހާރު ވަނީ 68 "ކްލަސްޓާ" އަށް ބަހާލައިފަ އެވެ. އެއިން ކޮންމެ ކްލަސްޓާއެއްގައި އިދާރީ އިސްވެރިއެއް ނުވަތަ ޗީފް އެޑްމިނިސްޓްރޭޓަރެއް ހުންނަން ޖެހެ އެވެ. ޗީފް އެޑްމިނިސްޓްރޭޓަރުން އައްޔަންކޮށް ނިމުމުން ބާކީ ރަށްރަށަށް ސީނިއާ އެޑްމިނިސްޓްރޭޓަރުން އައްޔަން ކުރާނެ އެވެ.

މެޖިސްޓްރޭޓުންގެ ޝަކުވާތަކަށް ޖަވާބު ދެއްވަމުން، ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ "މިހާރު" އަށް ވިދާޅުވީ، މި އަހަރުގެ ނިޔަލަށް 68 ކްލަސްޓާ އަށް ޗީފް އެޑްމިނިސްޓްރޭޓަރުން އައްޔަންކޮށް، އަންނަ އަހަރު ރަށްރަށަށް ސީނިއާ އެޑްމިނިސްޓްރޭޓިވް އޮފިސަރުން އައްޔަން ކުރުމުން މުވައްޒަފުންގެ ދަތިކަމަށް ހައްލެއް ލިބޭނެ ކަމަށެވެ.

އޭގެ އިތުރުން، މިހާރު ލީގަލް މުވައްޒަފުން ހަމަޖެހިފައިވާ 26 ރަށުގެ އިތުރުން، އެހެން ރަށްރަށުގައި ވެސް އެފަަދަ މުވައްޒަފުން ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. ނަމަވެސް، މި އަހަރު ބަޖެޓުގެ ގޮތުން ދަތިވުމުން އެކަން ކުރަން ދަތިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

"ޕްލޭނަކީ މަދުވެގެން ކޮންމެ ކްލަސްޓާއެއްގައި ލީގަލް އޮފިސާއެއް ހުރުން،" އޭނާ ވިދާޅުވި އެވެ.

މެޖިސްޓްރޭޓުން ވިދާޅުވި ގޮތުގައި ބައެއް ރަށްރަށުގެ ކޯޓުތަކުގެ މުވައްޒަފުން ގާނޫނުތަކާއި ގަވައިދުތަކަށް އަހުލުވެރިއެއް ނޫނެވެ. ހާއްސަކޮށް ފަހުގެ ގާނޫނުތަކަށެވެ. އެކަން ރަނގަޅު ކުރަން އެކަށީގެންވާ ވަރަށް ތަމްރީނު ނުހިންގޭ ކަމަށް ބައެއް ބޭފުޅުން ވިދާޅުވި އެވެ.

ރ، ބ، ޅ، އަދި މާލެ އަތޮޅުގެ މެޖިސްޓްރޭޓުތައް ތަމްސީލު ކުރެއްވި ރ. އިނގުރައިދޫ ކޯޓުގެ އިސްމެޖިސްޓްރޭޓު މުހައްމަދު ރަޝާދު ވިދާޅުވީ، މުވައްޒަފުންނަށް ލިބެނީ ޑީޖޭއޭއިން ބާއްވާ އޮންލައިން ތަމްރީނު ޕްރޮގްރާމެއްގައި ލިބޭ ކުރިއެރުމެއް ކަމަށެވެ. ސީދާ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ހޯދައި ނުދެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ގަބޫލު ކުރައްވަނީ ދާއިރާ އަށް މުވައްޒަފުން ނަގާއިރު ކޮންމެހެން ވެސް އެ މުވައްޒަފުން އެއް މަސް ދުވަހުގެ ތަމްރީނެއް ހަދަން ޖެހޭ ގޮތް ހެދުމަކީ ރަނގަޅު ބަދަލަކަށް ވާނެ ކަމެއް ކަމަށެވެ. އޭރުން ވަޒީފާގެ މާހައުލަށް ނުކުންނަ އިރު ކުރަން ޖެހޭ މަސައްކަތަށް އެނގި އެކަމަށް ފަރިތަވާން ފުރުސަތު ލިބޭނެ ކަމަށް ވިދާޅުވި އެވެ.

މެޖިސްޓްރޭޓު އިހުސާން ވިދާޅުވީ، އޭނާ މަސައްކަތް ކުރައްވާތާ ފަސް އަހަރުވެފައިވާއިރު، ޑީޖޭއޭއިން ބާއްވާފައި ވަނީ ރަނގަޅު އެންމެ ތަމްރީނު ޕްރޮގްރާމެއް ކަމަށެވެ. އޭނާ ވިދާޅުވީ، ދޭތެރެއަކުން ޑީޖޭއޭއިން ޕްރޮގްރާމެއް ބޭއްވިޔަސް، ފަހުގެ ގާނޫނުތަކަށާއި ގަވައިދުތަކަށް އަހުލުވެރިކުރުމަށް ޕްރޮގްރާމުތައް ނުހިންގޭ ކަމަށެވެ.

ރިޒްނާ ވިދާޅުވީ، މިދިޔަ އަހަރަކީ ޝަރުއީ ދާއިރާގެ މުވައްޒަފުންގެ އެންމެ ގިނަ އަދަދަކަށް ތަމްރީނު ކުރި އަހަރު ކަމަށެވެ. ތަމްރީނު ބޭނުންވާ ކަންތައްތައް ބެލުމަށް ވަކި ކަލަންޑަރެއްގެ ދަށުން ތަމްރީނުތައް ހިންގާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަލަށް ތައާރަފު ކުރެވޭ ގާނޫނުތަކަށް އަހުލުވެރި ކުރުވުން، މަސައްކަތަށް ބޭނުންވާ ހުނަރު އިތުރުކުރުމުގެ ޓްރެއިނިން، އަދި ސްޓާފް އެންގޭޖްމަންޓަށް މުހިންމު ކަންކަން ހިމަނައިގެން ޕްރޮގްރާމުތައް ހިންގަނީ،" ރިޒްނާ ވިދާޅުވި އެވެ.

ކޯޓުތަކުގެ އިމާރާތްތަކަށް ދުވަސްވެ އެ ތަންތަން ވީރާނާވެ މަރާމާތު ކުރަން ޖެހިފައިވާ ވާހަކައަކީ ވެސް ހުރިހާ މެޖިސްޓްރޭޓުންގެ ޕްރެޒެންޓޭޝަންތަކުގައި ވެސް ތަކުރާރުވި ވާހަކައެކެވެ. ބައެއް ބޭފުޅުން އެ ބޭފުޅުންގެ ޕްރެޒެންޓޭޝަނުގައި ކޯޓުތަކުގެ ހާލަތު ދައްކުވައިދޭން އެކި ފޮޓޯތައް ދެއްކެވި އެވެ. އެ ބޭފުޅުން މަސައްކަތް ކުރައްވާ، ޒަމާނަށް ނުފެތޭ ބާ އިމާރާތްތައް ވެސް ދައްކާލެއްވި އެވެ.

ބައެއް ކޯޓުތައް ރަށު ކައުންސިލާ އެއް އިމާރާތެއްގައި ހިންގަން ޖެހުމަކީ ވެސް އެ ބޭފުޅުންގެ ކަންބޮޑުވުމެކެވެ. އެ ރަށުގެ ސްކޫލާއި، ސިއްހީ މަރުކަޒާއި އިންޖީނުގެ ފަދަ ތަންތަން ވަކި އިމާރާތެއްގައި ހުންނަ އިރު ކޯޓަށް ވަކި އިމާރާތެއް ނެތުމަކީ އެ ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި ހަމަހަމަ އުސޫލެއް ނޫނެވެ.

މެޖިސްޓްރޭޓް ރަޝާދު ފާހަގަ ކުރެއްވީ، ރަށުގައި ކަމެއް ހިނގާއިރަށް ރައްޔިތުން އެއްވާ ތަނަކީ ކައުންސިލަށް ވާތީ، ކައުންސިލާ އެއް އިމާރާތެއްގައި ކޯޓު ހުރުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އަދި އެއީ ބައެއް ހާލަތްތަކުގައި ކޯޓުގެ މަސައްކަތަށް ބުރޫއަރާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރެއްގައި އެއް ދޮރުން ވަދެގެން ރައްޔިތުން ނުކުމެގެންދާއިރު އަޅުގަނޑުމެން ތިބެން ޖެހެނީ ޝަރީއަތްތައް ނުހިންގި އެތަނުގައި މަޑުކޮށްގެން ތިބެން،" ރަޝާދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭނާ މިހާރު މަސައްކަތް ކުރާ ކޯޓުގައި ކޯޓު ރޫމެއްގެ ސިފައެއް ނެތް ކަމަށެވެ. އެ ސިފަ ގެންނަ ފަރުނީޗަރެއް އެތަނުގައި ނުހުރެ އެވެ. ޝަރީއަތަށް ހާޒިރުވާ ފަރާތްތައް ޖެހެނީ އޭނާ ވިދާޅުވި ގޮތުގައި ފައިލްތައް ފައިމަތީގައި ބައިތިއްބައިގެން އާދައިގެ ޕްލާސްޓިކް ގޮނޑިތަކުގައި ތިބޭށެވެ.

އޭނާ ވެސް ގޮނޑީގައި އިށީންނަވަން ވަޑައިގަންނަވަން ޖެހެނީ ޖިނާއީ މައްސަލައެއްގައި ކޯޓަށް ވައްދާފައި ހުންނަ މީހާ ވެސް ހަމަ ވަންނަ ދޮރުން ވަދެގެން އޭނާ ކައިރިން ލާފައި ކަމަށް ރަޝާދު ވިދާޅުވި އެވެ. އެގޮތަށް ކޯޓުގެ އެތެރެ ހުރުމުން ފަނޑިޔާރުގެ ރައްކާތެރިކަން ކަށަވަރު ކުރެވޭ ކަމަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.

ބައެއް ފަނޑިޔާރުން ބޭނުން ވަނީ އެކަންކަން ބަދަލު ކުރެވޭ ގޮތަށް ކޯޓުތަކުގެ ބޮޑެތި މަރާމާތުތައް ހިންގައި ކޮޓަރިތައް ޒަމާނީ ފެންވަރަށް ހަދާށެވެ. އަދި ކައުންސިލާ އެއް އިމާރާތެއްގައި ހުންނަ ތަންތަން ވަކިކޮށް ކޯޓުގެ އާ އިމާރާތެއް އަޅާށެވެ.

ރިޒްނާ ވިދާޅުވީ، އެންމެ ހާލު ދެރަ އިމާރާތްތައް ހުރި ރަށްރަށް ޕީއެސްއައިޕީގެ ދަށުން މަޝްރޫއުތައް އަބަދުވެސް ހިންގާ ކަމަށެވެ. އެގޮތުން މި އަހަރު އެކަނި ހަ މެޖިސްޓްރޭޓު ކޯޓެއްގެ އާ އިމާރާތުގެ މަސައްކަތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި އަހަރު ވެސް ހަ މެޖިސްޓްރޭޓު ކޯޓެއްގެ އާ އިމާރާތުގެ މަސައްކަތް ކުރެވޭނެ. އަދި އައްޑޫ ކޯޓު ކޮމްޕްލެކްސް އާއި މާލޭ ކޯޓު ކޮމްޕްލެކްސް މީގައި ހިމެނޭ،" ރިޒްނާ ވިދާޅުވި އެވެ.

ޒަމާނާ އެއް ފެންވަރަށް މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތްތައް ލިބެން ނެތުމަކީ ވެސް މެޖިސްޓްރޭޓުންގެ ކަންބޮޑުވުމެކެވެ. އެކަން އެންމެ ބޮޑަށް ފާހަގަ ކުރެއްވި އެއް މެޖިސްޓްރޭޓަކީ އިހުސާނެވެ.

އޭނާ ވިދާޅުވި ގޮތުގައި ގއ. އަތޮޅުގެ ކޯޓުތަކުގެ ގިނަ ކޮމްޕިއުޓަރުތަކަކީ 2010 ވަނަ އަހަރާއި 2012 ވަނަ އަހަރާ ދޭތެރޭގައި ގެނެސްފައި ހުރި ތަކެއްޗެވެ. އެ ތަކެތިން އެކަށީގެންވާ ފެންވަރަށް މަސައްކަތް ނުކުރެވޭ ކަމުގެ ޝަކުވާ އޭނާ ކުރެއްވި އެވެ.

އޭގެ އިތުރުން، އޭނާ މަސައްކަތް ކުރާ ކޯޓުގައި ވެސް ބޭނުން ކުރަން ވަކިން ހާއްސަ ސްކޭނަރުތަކާއި ޕްރިންޓުރުތައް ފަދަ އާލާތްތައް ނުހުންނަ ކަމަށާއި ހުންނަނީ ތްރީ އިން ވަން މެޝިނެއް ކަމަށް އިހުސާން ވިދާޅުވި އެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި އިދާރީ މަސައްކަތްތަކަށް ވަރަށް ބޮޑަށް ދަތިވާ ކަމެކެވެ.

ރިޒްނާ ވިދާޅުވީ ކޯޓުތަކަށް ބޭނުންވާ ތަކެތި އަބަދުވެސް ހޯދަމުންދާ ކަމަށެވެ. އެގޮތުން މި އަހަރުގެ ބަޖެޓުގައި ހުރި ފައިސާއިން މިހާރު ވެސް 75 ރަށެއްގެ ކޯޓުތަކަށް ބޭނުންވާ ކޮމްޕިއުޓަރު ސްކޭނަރު، އަދި ޕްރިންޓަރު ހޯދުމަށް އިއުލާނުކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ބައެއް ފަނޑިޔާރުން ވަނީ އޮންލައިންކޮށް ޝަރީއަތް ހިންގަން ބޭނުންވާ ބައެއް ސާމާނު މަދު ކަމުގެ ޝަކުވާކޮށްފަ އެވެ. އޭގެ އިތުރުން އިންޓަނެޓު ހިދުމަތް ލަސްވުމަކީ ވެސް މަސައްކަތަށް އުނދަގޫވާ ކަމެއް ކަމަށް ގިނަ ބޭފުޅުން ވިދާޅުވި އެވެ.

ރިޒްނާ ވިދާޅުވީ، ކޯޓުތަކަށް އިންޓަނެޓުގެ ހިދުމަތް ރަނގަޅު ކުރަން ދިރާގާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި އޮންލައިން ޝަރީއަތަށް ބޭނުންވާ ހުރިހާ ސާމާނެއް މި މަހުގެ ނިޔަލަށް ކޯޓުތަކަށް ދީ ނިންމާލެވޭނެ ކަމަށް ވިދާޅުވި އެވެ.

"ފަނޑިޔާރުންގެ ޖަމިއްޔާއިން މިފަދަ މުހިންމު ބައްދަލުވުމެއް އިންތިޒާމުކޮށްދެއްވައި ކޯޓުތަކަށް ދިމާވެފައިވާ ކަންކަން ހިއްސާކުރެއްވުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް މަރުހަބާ ކިޔާ ކަމެއް. މި ބައްދަލުވުމުން މުހިންމު ކަންކަމުގެ މައުލޫމާތު ލިބިގެން ގޮސްފި ޑީޖޭއޭ އަށް ވެސް. އުންމީދަކީ މިކަންކަމަށް އަވަސް ހައްލު ހޯދުމަށް މަސައްކަތްކުރުން ކޯޓުތަކާ ވީހާވެސް ގާތުން،" ރިޒްނާ ވިދާޅުވި އެވެ.

މައްސަލަތައް ހައްލު ނުވެ ގިނަ ދުވަސްވެގެން ގޮސްފައި ވިޔަސް، ރިޒްނާ ވިދާޅުވާ ގޮތުގައި ކުރިއަށް އޮތީ އެކަންކަން ރަނގަޅުވަމުންދާނެ ދުވަސްތަކެވެ. އެކަމަކު ދަތިތައް ކުރިމަތިވަނީ މި ދުވަސްވަރުގެ ގޮތުން ބަޖެޓުގެ ދަތިކަމާ ހެދި އެވެ.