ހައްޖުގައި ބައިވެރިވެވޭނީ ވެކްސިން ޖެހި ސައުދީގެ 60،000 މީހުންނަށް
ހައްޖުގައި ބައިވެރިވެވޭނީ ވެކްސިން ޖެހި ސައުދީގެ 60،000 މީހުންނަށް

މައްކާ (ޖޫން 12) - މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ދޭނީ ސައުދީގައި ދިރިއުޅޭ މީހުންގެ ތެރޭން ވެކްސިން ފުރިހަމަކޮށްފައިވާ 60،000 މީހުންނަށް ކަމަށް އެ ގައުމުގެ ހައްޖު މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

ސައުދީގެ ރަސްމީ ނޫސް އެޖެންސީން ބުނީ ޖުލައި މަހު ފަހުކޮޅާ ދިމާވާ ހައްޖު މޫސުމުގައި ހައްޖުގެ އަޅުކަން އަދާކުރެވޭނީ ވެކްސިން ފުރިހަމަކޮށްފައިވުމުގެ އިތުރުން އުމުރުން 65 އަހަރުން ދަށުގެ އަދި އެހެން އެއްވެސް ބައްޔެއް ނެތް މީހުންނަށް ކަމަށެވެ. މިއީ ކޮރޯނާވައިރަހުގެ ސަބަބުން މީހުންގެ އަދަދު މަދުކޮށް، ހަމައެކަނި ސައުދީގައި އުޅޭ މީހުން ހައްޖުގެ އަޅުކަން އަދާކުރާ ދެ ވަނަ އަހަރެވެ.

މިދިޔަ އަހަރު ވެސް ހައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުސަތު ދީފައި ވަނީ ސައުދީގައި ދިރިއުޅޭ 10،000 މީހުންނަށެވެ. އެކަމަކު އޭގެ ކުރީ އަހަރު، 2019 ގައި ވަނީ ހައްޖުގެ އަޅުކަމުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން 2.5 މިލިއަން މީހުން ބައިވެރިވެފަ އެވެ.

ކޮރޯނާވައިރަސް ފެތުރޭތީ މައްކާގެ ހަރަމްފުޅު ހަތް މަސް ދުވަހަށް ބަންދު ކުރުމަށް ފަހު އާއްމުން ނަމާދު ކުރެވޭ ގޮތަށް ހުޅުވާނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އެވެ. ދުނިޔޭގެ އެންމެ މުގައްދަސް ބިނާ އަޅުކަމަށް ހުޅުވާލި ނަމަވެސް އުމްރާ ކުރުމުގެ ފުރުސަތު ދީފައި ވަނީ މަދު ބަޔަކަށެވެ. ސައުދީގެ އޮފިޝަލުން ބުނެފައި ވަނީ ފުލް ކެޕޭސިޓީގައި އުމްރާ ކުރުމުގެ ހުއްދަ ދޭނީ ކޮރޯނާވައިރަހުގެ ބިރުން ދުނިޔެ ސަލާމަތްވުމުން ކަމަށެވެ.

ސައުދީން މިހާތަނަށް ވަނީ 460،000 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެ 7،536 މީހުން މަރުވެފަ އެވެ.

ހައްޖު މިނިސްޓްރީން ބުނީ ސައުދީގެ 34 މިލިއަން މީހުންގެ އާބާދީގެ ތެރޭން 15 މިލިއަން މީހުން މިހާތަނަށް ވެކްސިން ޖަހާފައިވާ ކަމަށެވެ.