ޖީ7 ސަމިޓް: ޗައިނާއާ ދެކޮޅު އިއްތިހާދެއް ހަދަނީ
ޖީ7 ސަމިޓް: ޗައިނާއާ ދެކޮޅު އިއްތިހާދެއް ހަދަނީ

ލަންޑަން (ޖޫން 12) - އިނގިރޭސި ވިލާތުގައި ކުރިއަށްދާ ޖީ7 ގެ ގައުމުތަކުގެ ވެރިންގެ ސަމިޓުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން އެންމެ އިސްކަން ދެއްވާ އެއް ކަމަކީ ޗައިނާގެ ނުފޫޒް ކުޑަކުރުމުގެ ގޮތުން އިއްތިހާދެއް އުފެއްދުމުގައި ހުޅަނގުގެ ގައުމުތަކުގެ ރުހުން ހޯއްދެވުމެވެ.

ބައިޑަންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ތަރައްގީވަމުން އަންނަ ގައުމުތަކުގެ އިންފްރާސްޓްރަކްޗާ އަށް ޗައިނާ އިން ބޮޑު ހޭދައެއްކޮށް އެ ގައުމުތަކުގެ މައްޗަށް ބެއިޖިން އިން ނުފޫޒް ފޯރުވުމެވެ. އެމެރިކާގެ އިތުރުން އެ ގައުމަށް ތާއިދުކުރާ ގައުމުތަކުން ދަނީ ޗައިނާގެ ޝިންޖިއާން ޕްރޮވިންސްގައި މުސްލިމުންނާ ދެކޮޅަށް އިންސާނިއްޔަތާ ޚިލާފު އެތައް އަމަލެއް ހިންގަމުންދާ ކަމަށް ތުހުމަތު ކުރަމުންނެވެ.

ތަރައްގީވެފައިވާ ގައުމުތަކުގެ ވެރިންގެ ސަމިޓުގައި އިސްކަން ދޭނެ އަނެއް ކަމަކީ ކުރިމަގުގައި ދުނިޔެ ތަޖްރިބާކުރަން ޖެހިދާނެ ބޮޑެތި ބަލިމަޑުކަމާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ޕްލޭނެއް ތައްޔާރު ކުރުމެވެ. އޭގެ ތެރޭގައި ވެކްސިނެއް އުފައްދަން ނަގާ ވަގުތު ކުޑަކުރުން ހިމެނެ އެވެ.

އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަން އަދި އިނގިރޭސި ވިލާތާއި ކެނެޑާ ގުޅިގެން މި އަހަރު ކުރީކޮޅު ވަނީ ޗައިނާއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅައިފަ އެވެ. އޭގެ ތެރޭގައި ޝިންޖިއާންގެ އިސް އޮފިޝަލުން ދަތުރު ކުރުން މަނާކުރުމާއި އެ މީހުންގެ މުދާތައް ހިފެހެއްޓުން ހިމެނެ އެވެ. ޝިންޖިއާންގައި ވީގޫރު ދަރިކޮޅުގެ މިލިއަނަކަށް ވުރެ ގިނަ މުސްލިމުން ވަނީ ކޭމްޕްތަކުގައި ބަންދުކޮށްފަ އެވެ. ޗައިނާ އިން ބުނަމުން ދަނީ އެ މީހުން ތިބީ ތައުލީމް ދޭ މަރުކަޒުތަކެއްގައި ކަމަށެވެ. އެކަމަކު އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތްތަކުން ބުނަމުން ދަނީ މުސްލިމް ދަރިފަސްކޮޅު ނެތިކޮށްލުމުގެ ރޭވުމުގައި ޗައިނާ އިން ބަންދުކޮށްފައިވާ މުސްލިމުންނާ ދެކޮޅަށް ދަނީ ވަރަށް ލާ އިންސާނީ އަމަލުތައް ހިންގަމުން ކަމަށެވެ.

އިނގިރޭސިވިލާތުގެ ކޯންވޯލްގައި ކުރިއަށްދާ ތިން ދުވަހުގެ ސަމިޓްގައި ވަނީ ކޮވިޑް-19 ފަދަ ބަލިމަޑުކަމެއް ދެން ކުރިމަތިނުވާނެ ފަދަ ގޮތަކަށް ފިޔަވަޅު އެޅުމާއި އެފަދަ ބަލިމަޑުކަމުން ލިބޭ އިގްތިސާދީ ގެއްލުން ކުޑަކުރުމުގެ ގޮތުން ގަރާރެއް ފާސްކުރަން ނިންމައިފަ އެވެ.

ކޮވިޑް ފެތުރެން ފެށިތާ ދޮޅު އަހަރުތެރޭ އެ ބަލި ވަނީ 175 މިލިއަން މީހުންނަށް ޖެހި 3.7 މިލިއަން މީހުން މަރުވެފަ އެވެ.

ޖީ7 ގެ މިއަދުގެ ސެޝަންގައި އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް އާއި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑިރެކްޓަ ޖެނެރަލް ޓެޑްރޯސް ގެބްރެޔެސުސް ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.