ކޮވިޑް ޖެހުނު 25 އަހަރުގެ ޒުވާނަކު ވިހެއުމަށް ފަހު ނިއާވެއްޖެ
ކޮވިޑް ޖެހުނު 25 އަހަރުގެ ޒުވާނަކު ވިހެއުމަށް ފަހު ނިއާވެއްޖެ

ފ. ނިލަންދޫން ކޮވިޑު-19 އަށް ޕޮޒިޓިވްވި މާބަނޑު ޒުވާނަކު ހާލު ދެރަވެގެން ފަރުވާ ދެމުން ދަނިކޮށް ވިހެއުމަށް ފަހު މިއަދު ނިއާވެއްޖެ އެވެ.

އެ ރަށު ކައުންސިލްގެ ރައީސް އަލީ އަހުމަދު ވިދާޅުވީ ސަމީޔާ އަހުމަދު 25، ނިއާވީ ބަނޑަށް އަށް މަހުގައި މިދިޔަ މަހުގެ 29 ވަނަ ދުވަހު އޭނާގެ އަލަތު ދަރިފުޅު ނަގާފައި ވަނިކޮށް، އޮކްސިޖަން ދަށްވެ، ހާލު ސީރިއަސްވުމަށް ފަހު ކަމަށެވެ. ސަމީޔާ މާލެ ގެނައީ ދަރިފުޅު ނެގުމުގެ އެއް ދުވަސް ކުރިންނެވެ.

އެނގިފައިވާ ގޮތުގައި ރެއިން ފެށިގެން ސަމީޔާގެ ހާލު ދިޔައީ އިތުރަށް ސީރިއަސްވަމުންނެވެ.

ސަމީޔާ އަކީ ރާއްޖޭން ކޮވިޑްގައި ނިއާވި މީހުންގެ ތެރެއިން އެންމެ ޒުވާން އެކަކެވެ. ކޮވިޑް ނިއާވި އެންމެ ހަގު ކުއްޖާގެ އުމުރުން 10 އަހަރެވެ. އެޗްޕީއޭ އިން ބުނި ގޮތުގައި ސަމީޔާ ނިއާވީ މިއަދު މެންދުރު ފަހު 12:43 ގަ އެވެ. އޭނާ އަކީ މާބަނޑު އިރު ކޮވިޑް ޖެހިގެން ރާއްޖޭން ނިއާވި ފުރަތަމަ މީހާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ. އޭނާ ނިއާވީ ވެންޓިލޭޓަރު ގުޅައިގެން ފަރުވާ ދެމުން ގެންދާތާ 15 ދުވަސް ފަހުން ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި ސަމީޔާގެ ދަރިފު އެންއައިސީޔޫގައި ބާއްވައިގެން މިހާރުވެސް އަންނަނީ ފަރުވާ ދެމުންނެވެ.

ކޮވިޑުގައި ހާލު ދެރަވި ތިން މީހަކު މިދިޔަ މަހުގެ ފަހުކޮޅު ނިލަންދޫ ހޮސްޕިޓަލުން މާލެ ފޮނުވާލި އެވެ. އޭގެ ތެރޭގައި ނިލަންދޫ ދެ މީހަކާއި ފ. މަގޫދޫ މީހަކު ހިމެނެ އެވެ.