12 ޖޫން 2021 - 12:47

އިންޓެނަޓުގެ ހިދުމަތް ލަސްވުމުގެ ސަބަބުން ކޯޓުތަކުގެ މަސައްކަތަށް ދަތިވާ ކަމުގެ ޝަކުވާ ބައެއް މެޖިސްޓްރޭޓުން ވެސް މިއަދު ކުރައްވައިފި އެވެ.
ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާ އިން ފެށި ފަނޑިޔާރުންގެ އަހަރީ ބައްދަލުވުމުގައި، މެޖިސްޓްރޭޓު ކޯޓުތަކަށް ދިމާވާ ދަތިތަކާ ގުޅޭ ކަރުދާސްތަކެއް ހުށަހަޅައި އެ ކަންކަމާ ބެހޭ ގޮތުން ވަނީ ވާހަކަ ދައްކައިފަ އެވެ.
އޮންލައިންކޮށް ކުރިއަށް ގެންދާ އެ ބައްދަލުވުމުގައި ކަރުދާސްތައް ހުށަހެޅީ އަތޮޅުތައް ފަސް ޒޯނަކަށް ބަހާލައިގެންނެވެ. އެ ފަސް ޒޯނު ތަމްސީލު ކުރެއްވި ހުރިހާ އިސް މެޖިސްޓްރޭޓުންހެން ވަނީ އިންޓަނެޓުގެ ހިދުމަތް ލަސްވުމުގެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ގއ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓު އިބްރާހިމް އިހްސާން ވިދާޅުވީ، އިންޓަނެޓުގެ ހިދުމަތް ލަސްވުމުގެ ސަބަބުން ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ހިންގަން ދަތިވާ ކަމަށެވެ. އޭނާ ވިދާޅުވީ އޮންލައިންކޮށް ބާއްވާ ޝަރީއަތްތަކުގައި އަޑާއި މަންޒަރު ލިބުން ދަތިވާ ކަމަށެވެ.
"އިންޓަނެޓު ސްލޯވުމުން ވީޑިއޯ ކޮންފަރެންސްކޮށް ޝަރީއަތް ބާއްވާ އިރު އަޑާއި މަންޒަރު ލިބުން ދަތިވޭ،" މެޖިސްޓްރޭޓު އިހްސާން ވިދާޅުވި އެވެ.
ކޮވިޑް-19 ބަލިމަޑުކަމުގެ ފަހުން ކޯޓުތަކުގައި އޮންލައިންކޮށް ޝަރީއަތް ހިންގުމަށް ވަނީ ވަަރަށް ބޮޑު އިސްކަމެއް ދީފަ އެވެ. ހާއްސަ ހާލަތްތަކުގައި އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް އެއް މާލަމަށް ވުރެ ގިނަ މާލަން ގުޅުވާލައިގެން ޝަރީއަތް ހިންގޭނެ ގޮތަށް މިދިޔަ އަހަރު ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ވެސް ގެނެސްފަ އެވެ.
ތ. ޖުޑިޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓު ހަސަން ޒަހީން، ފަނޑިޔާރުންގެ ބައްދަލުވުމުގައި، އިންޓަނެޓުގެ ހިދުމަތް ލަސްވުމުން ދިމާވާ ދަތިތަކާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ، އެހެން ދިމާވުމުން ކޯޓުގެ މަސައްކަތްތަކަށް ބުރޫއަރާ ކަމަށާއި އޮންލައިންކޮށް ޝަރީއަތް ހިންގުމާއި އެހެނިހެން މަސައްކަތްތައް ކުރަން ދަތިވާ ކަމަށެވެ.
ބައްދަލުވުމުގައި ވީޑިއޯއާ އެކު ޕްރެޒެންޓޭޝަން ހުށަޙަޅަން ވެސް ދަތިވެގެން ބައެއް ފަނޑިޔާރުން ކަންބޮޑުވުން ފާޅުކުރެއްވި އެވެ. ބައެއް ބޭފުޅުން ވިދާޅުވި ގޮތުގައި އެކަމަށް ދަތިވީ އިންޓަނެޓުގެ ހިދުމަތް ލަސްވުމުންނެވެ.
ބައްދަލުވުމުގެ މޮޑަރޭޓަރު ރ. ޖުޑީޝަލް ދާއިރާގެ އިސްމެޖިސްޓްރޭޓު މުހައްމަދު ސޯދިގު ވިދާޅުވިގޮތުގައި، އެކަމުން ވެސް އެނގެނީ، މެޖިސްޓްރޭޓުން މަސައްކަތް ކުރައްވަން ޖެހިފައިވާ ދަތި ހާލެވެ.
އޭނާ ވިދާޅުވީ، މީގެ ކުރިން ވެސް ބޮޑެތި ހަރަދުތަކެއް ކޮށްގެން ފަނޑިޔާރުންގެ ބައްދަލުވުންތައް ބޭއްވި ނަމަވެސް، މެޖިސްޓްރޭޓުން ފާހަގަކުރާ މައްސަލަތަކަށް ހައްލެއް ނުލިބި ގިނަ ދުވަސްވެފައިވާ ކަމަށެވެ.
އިންޓަނެޓުގެ ހިދުމަތް ލަސްވުމުގެ މައްސަލައިގެ އިތުރުން، ޖާގަ ނެތުމާއި ވަސީލަތް ނެތުމާއި ވަސީލަތްތައް ހަލާކުވެ އެތަކެތި ބަދަލު ނުކުރެވުމާއި މުވައްޒަފުން ނެތުމާއި ކޯޓުތަކުގެ އިމާރާތްތައް ބާވުމާއި ކައުންސިލާ އެއް އިމާރާތެއްގައި ކޯޓު ހިންގަން ޖެހުން ފަދަ މައްސަލަތައް މެޖިސްޓްރޭޓުން މިއަދު ފާހަގަކުރެއްވި އެވެ.
އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖޭގައި އިންޓަނެޓުގެ ސްޕީޑުގެ ދަށްވެފައި އަގުބޮޑު ކަމަށް ބުނެ އާންމުން ވެސް ޝަކުވާކުރެ އެވެ. މި ޝަކުވާ ބޮޑުވެފައި ވަނިކޮށް ސަރުކާރުން މިދިޔަ މަހު ވަނީ އަންނަ މަހުން ފެށިގެން އިންޓަނެޓު ޕެކޭޖުތަކުގެ އަގު ހެޔޮކޮށް، ތްރޮޓަލް ސްޕީޑު މަތިކުރަން މުވާސަލާތީ މައި ދެ ކުންފުނި ކަމަށްވާ އުރީދު އާއި ދިރާގާ އެކު އެއްބަސްވެފަ އެވެ.
އަގު ހެޔޮކުރުމުގެ ފުރަތަމަ މަރުހަލާގައި ޖުލައި މަހުން ފެށިގެން އަގުތައް 28-30 ޕަސެންޓަށް ދަށްކޮށް، ތްރޮޓްލް ސްޕީޑު 2-5 އެމްބީޕީއެސް އަށް މަތިކުރާނެ އެވެ. ދެވަނަ ފޭސްގައި މޯބައިލް ބްރޯޑްބޭންޑް އިންޓަނެޓު ހިދުމަަތުގެ އަގުތަކަށްވެސް ބަދަލު ގެންނަން ހަމަޖެހިފައިވެ އެވެ.