13 ޖޫން 2021 - 06:49

އިންޑިއާގެ ސިޔާސީ ޝަހުސިއްޔެއް ކަމަށްވާ ޕްރަޝާންތު ކުމާރަށް ބިނާކޮށް ޝާހްރުކް ޚާން ވެބް ސީރީޒެއް ހަދަން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބައެއް މީޑިއާތަކުން ބުނީ މި ޕްރޮޖެކްޓާ ގުޅޭ ގޮތުން ޕްރަޝާންތާ އެކު ޝާހްރުކްގެ ޓީމުން އެކި ފަހަރު މަތިން މަޝްވަރާ ވެސް ކޮށްފައިވާ ކަމަށެވެ. އެކަމަކު އަދި މިކަމާ ބެހޭ ގޮތުން ރަސްމީ ބަހެއް ނެތެވެ.
ޝާހްރުކްގެ ފިލްމު ކުންފުނި ރެޑް ޗިލީޒް އެންޓަޓައިންމަންޓަކީ މިހާރު އެންމެ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމް ކަމަށްވާ ނެޓްފްލިކްސްގެ ބައިވެރިއެކެވެ. ދެހާސް ސަތާރައިގައި ދެ ކުންފުނި ގުޅުނު ފަހުން ގެނެސްދިން އުފެއްދުންތަކުގެ ތެރޭގައި ވެބް ސީރީޒާއި ވެބް ފިލްމުތަކެއް މި ފަހުން ގެނެސްދީފައިވެ އެވެ. އޭގެ ތެރޭގައި އިމްރާން ހާޝްމީ ކުޅުނު ވެބް ސީރީޒް ބާޑް އޮފް ބްލަޑް (2018) އާއި ބޮބީ ޑިއޯލްގެ ވެބް ފިލްމު 2020 ގެ "ކްލާސް އޮފް 83" އާއި އަހާނާ ކުމްރާގެ 2020 ގެ ސީރީޒް "ބެތާލް" ހިމެނެ އެވެ.
ރެޑް ޗިލީޒް އާއި ނެޓްފްލިކްސްގެ ކުރިއަށް އޮތް ޕްރޮޖެކްޓަކީ ބޮބީ އާއި ސާނިއާ މަލްއުތުރާގެ އިތުރުން ވިކްރާންތު މަސީގެ "ލަވް ހޯސްޓެލް" އެވެ.
ޕްރަޝާންތަށް ބިނާކޮށް ހަދާ ސީރީޒަކީ ބެސް ނެޓްފްލިކްސް އަށް ހަދާނެ އެއްޗެކެވެ.
ސިޔާސީ ދާއިރާ އަށް ނުކުތުމުގެ ކުރިން 44 އަހަރުގެ ޕްރަޝާންތަކީ ކުރިން އަށް އަހަރު ވަންދެން އދ. ގައި މަސައްކަތްކުރި މީހެކެވެ. އޭނާ 2018 ވަނަ އަހަރު ޖަނަތާ ދަލް ޕާޓީއާ ގުޅުނެވެ. ނަމަވެސް އިންޑިއާގެ ސަރުކާރުގެ 2019 ގެ ރަށްވެހިކަމުގެ ބިލްގެ މައްސަލާގައި އުފެދުނު ހާޖާނުގަނޑުގެ ތެރޭގައި ޖަނަތާ ދަލް ޕާޓީގެ ވެރިޔާ ނިތިން ކުމާރަށް ފާޑުކިޔައިގެން މިދިޔަ އަހަރުގެ ކުރީކޮޅު އެ ޕާޓީން އޭނާ ވަކިކޮށްފައިވެ އެވެ.
ސިޔާސީ ދާއިރާގައި ޕްރަޝާންތު މިހާރު ބޮޑަށް މަސައްކަތްކުރަނީ ޕޮލިޓިކަލް ކޮންސަލްޓަންޓެއްގެ ގޮތުގަ އެވެ. މި އަހަރުން ފެށިގެން އޭނާ އަކީ ވެސްޓް ބެންގާލްގެ ޗީފް މިނިސްޓަރު މަމްތާ ބެނަޖީގެ އޯލް އިންޑިއާ ޓްރިނަމޫލް ކޮންގްރެސްގެ މެމްބަރެކެވެ.