12 ޖޫން 2021 - 10:59

މަތީ މަރުހަލާގެ ކޯޓުތަކުން ޝަރީއަތްތައް ހިންގާއިރު އާއި މައްސަލަތައް ނިންމާއިރު، އެ މައްސަލައެއް ބެލި ދަށު ކޯޓުގެ ފަނޑިޔާރަށް އިނގިލި ދިއްކުރެވޭ ގޮތަށް މައްސަލަތައް ނުނިންމަން އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިއަދު އެދިވަޑައިގެންފި އެވެ.
މި އަހަރުގެ ފަނޑިޔާރުންގެ އަހަރީ ބައްދަލުވުން ޝަރަފުވެރިކޮށްދެއްވައި އެ ބައްދަލުވުން ފެށުމުގެ އޮންލައިން ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަފަނޑިޔާރު ވިދާޅުވީ، ބައެއް ޖުރިސްޑިކްޝަންތަކުގައި ނޭނގި ނަމަވެސް، މަތީ ކޯޓުތަކުގައި މައްސަލަ ބަލާއިރު ނުވަތަ ހުކުމް ކުރާއިރު، އެ މައްސަލައެއް ނިންމި ދަށު މަރުހަލާގެ ކޯޓުގެ ފަނޑިޔާރަށް އިނގިލި ދިއްކުރެވޭ ކަމަށެވެ. އެއީ ރާއްޖޭގައި ވެސް ހިނގާފާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެކަމަށް ސަމާލުވުމަށް މަތީ މަރުހަލާތަކުގެ ފަނޑިޔާރުންގެ ކިބައިން އެދިވަޑައިގަތެވެ.
"އިއްޒަތްތެރި ފަނޑިޔާރުން އަޅުގަނޑުމެން ހަނދާނުގައި ބަހައްޓަން ޖެހޭ އެއް ކަމަކީ، މަތީ ކޯޓުތަކުގައި ބާއްވާ ޝަރީއަތްތަކުގައި ނުވަތަ އިއްވާ ހުކުމްތަކުގައި ދަށު މަރުހަލާގެ ކޯޓުތަކުގެ ނިންމުން ނިންމި ފަނޑިޔާރަށް އިނގި ދިއްކުރެވޭ ގޮތަށް މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތައް ބިނާވިޔަ ނުދިނުން،" މުއުތަސިމް ވިދާޅުވި އެވެ.
މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތައް ބިނާ ވާން ޖެހޭނީ ދަށު މަރުހަލާއިން ކަނޑައެޅި މައްސަލައިގެ ވާގިއާތަކަށާއި ގާނޫނަށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މަތީ މަރުހަލާގެ ކޯޓުތަކުން ނިންމާ ނިންމުންތައް ބިނާ ވާން ޖެހޭނީ ދަށު މަރުހަލާއިން ކަނޑައެޅި މައްސަލައިގެ ވާގިއާތަކަށާއި ގާނޫނަށް. މައްސަލަ ނިންމި ފަނޑިޔާރަކަށް ނިސްބަތްވާ ގޮތަށް މަތީ މަރުހަލާގެ ނިންމުން ބިނާވާ ހާލަތުގައި އެކަމާ މެދު އެ ފަނޑިޔާރުގެ ބަހެއް ހިމެނިގެނެއް ވެސް ނުދާނެ. އެކަން ވެގެންދާނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ނެޗުރަލް ޖަސްޓިސްގެ އުސޫލުތަކާ ވެސް ހިލާފު ކަމަކަށް،" އެމަނިކުފާނު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓާއި ހައި ކޯޓުން މި ފަހުން ލޭންޑް މާކް ގިނަ މައްސަލަތަކެއް ނިންމާފައިވާކަން ފާހަގަކުރައްވައި، އެ ނިންމުންތަކަށް ދަށު މަރުހަލާ ކޯޓުތަކުން ސަމާލުކަން ދިނުމުގެ މުހިންމުކަން ވެސް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން، ހުކުމްތައް ލިޔެ ތަރުތީބުކުރެވިފައި ހުންނަ ގޮތަށް ބަލައި ނަޒަރު ކުރުން ވަރަށް މުހިންމު ކަމަށް ވެސް ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ހައި ކޯޓުން ލޭންޑް މާކް ގިނަ ގަޒިއްޔާތަކެއް މި ފަހުން ނިންމާފައިވާއިރު، ދަށު މަރުހަލާގެ ކޯޓުތަކުން މި ނިންމުންތަކަށް ސަމާލުކަން ދެއްވުން ވަރަށް މުހިންމު."
މަތީ މަރުހަލާގެ ކޯޓުތަކުގެ ނިންމުންތައް ފަސޭހައިން ބެލޭނެ ޑޭޓާބޭސްއެއް ތައްޔާރު ކުރުމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)އާއެކު މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެ އިންތިޒާމު ހަމަޖެއްސުމަށް ސޮފްޓްވެއާއަކަށް މިހާރު އަންނަނީ ގަޒިއްޔާތައް އަޅަމުންނެވެ.
"ކޮވިޑް-19ގެ ސަބަބުން މި މަސައްކަތަށް ދަތިތަކެއް ކުރިމަތިވެފައިވީ ނަމަވެސް އަޅުގަނޑުމެންގެ އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ސުޕްރީމް ކޯޓުން މިހާތަނަށް ކޮށްފައި ހުރި ހުރިހާ ހުކުމްތަކެއް އެ ނިންމުންތަކާއި އެ ނިންމުންތައް ތަރުތީބުވެފައިވާ ގޮތް މި ސޮފްޓްވެއާގެ ތެރެއިން ތި އެންމެ ބޭފުޅުންނަށް ވެސް ބެއްލެވޭނެ އިންތިޒާމެއް ހަމަޖެއްސުން،" އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ފަނޑިޔާރުންނަކީ ހާއްސަ ސިފަތަކެއް ހުންނަންވާނެ ބައެއް ކަމަށެވެ. އެގޮތުން ފަނޑިޔާރުން މުޖުތަަމައު ބަލައިގަންނަ ބަޔަކަށް ވެގެން ނޫނީ ހުށަހެޅޭ މައްސަލަތަކުގައި އަދުލު އިންސާފު ގާއިމް ކުރެވުނުކަމުގެ އިހްސާސް ރައްޔިތުންނަށް ނުކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ކޮވިޑް-19 ޕެންޑެމިކާ ހެދި ޝަރުއީ ދާއިރާއަށް ގިނަ ދަތިތަކެއް ތަހަންމަލު ކުރަން ޖެހުނު ނަމަވެސް، އެ ދަތިތަކާއެކު ވެސް ފަނޑިޔާރުންނާއި ކޯޓުތަކުގެ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމާއެކު، ލިބިފައިވާ މަދު ވަސީލަތްތަކާ އެކު އަދުލު އިންސާފު ފޯރުކޮށްދިނުމުގެ މަސައްކަތް ކާމިޔާބުކަމާ އެކު ކޮށްދެވުނު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މިދިޔަ އަަހަރު ހުށަހެޅުނު މައްސަލަތައް އޭގެ ކުރީ އަހަރާ އަޅާބަލާއިރު 16 ޕަސެންޓު ދަށަށް ގޮސްފައިވާކަން ވެސް އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި އެވެ. އަދި ނިންމި މައްސަލަތަކުގެ އަދަދު ވެސް 26 ޕަސެންތް ދަށަށް ދިޔަކަން ފާހަގަ ކުރެއްވި އެވެ.
"ކުރިމަތިވި ތަފާތު އެކިއެކި ދަތިތަކާ އެކު ވެސް ކޯޓުތަކުގެ ކޭސް ކްލިއަރެންސް ރޭޓު 90 އިންސައްތައިގައި ހުރިކަން އުފަލާއެކު ފާހަގަ ކުރަން. މިއީ ޝަރުއީ ދާއިރާގެ ފަނޑިޔާރުންނާއި މުވައްޒަފުން ވަރުބަލިކަމެއް ނެތި ރެއާއި ދުވާލު ކުރެއްވި މަސައްކަތުގެ ނަތީޖާ."
ފަނޑިޔާރުންގެ އަހަރީ ބައްދަލުވުން މިއަދު ފަށާފައިވާއިރު، އެ ބައްދަލުވުމުގައި އޮންނާނީ، މަސައްކަތް ކުރުމުގައި މެޖިސްޓްރޭޓު ކޯޓުތަކަށް ދިމާވެފައިވާ ދަތިތަކާ ބެހޭގޮތުން ކަރުދާސްތައް ހުށަހަޅައި ހިޔާލު ބަދަލު ކުރުމެވެ. އެ ބައްދަލުވުމުގައި ހުށަހަޅާ ކަރުދާސްތަކުގެ މައްޗަށް ރިޕޯޓެއް އެކުލަވާލައި މައްސަލަތައް ހައްލު ކުރަން ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅާނެ އެވެ.