ސްމާޓް ސިޓީ: ހަލުވި އިންޓަނެޓާ އެކު ދިރިއުޅުމަށް ކުރިއެރުން
ސްމާޓް ސިޓީ: ހަލުވި އިންޓަނެޓާ އެކު ދިރިއުޅުމަށް ކުރިއެރުން

މިއަދުގެ ދުނިޔޭގައި ކުރިއަރާފައިވާ ސިޓީތައް ވާން ވާނީ އެތަނެއްގައި ދިރިއުޅޭ ރައްޔިތުންނާއި، ވިޔަފާރިތައް އަދި އެހެނިހެން މުވައްސަސާތަކަށް ލުއި ފަސޭހަކަން ގެނެސްދޭ ތަންތަނަށެވެ. ޒަމާނާ އެކު ޓެކްނޮލޮޖީ އަށް އަންނަ ހަލުވި ބަދަލުގެ ސަބަބުން ސިޓީތަކުގައި ދިރިއުޅޭ އަދި ވިޔަފާރިކުރާ ފަރާތްތަކުން، ހިދުމަތް ހޯދުމާއި ލިބިގަތުމުގެ ފެންވަރު ރަނގަޅުކޮށް އަވަސް ހިދުމަތްތަކަށް ބޭނުންވެ އެވެ. މީގެ ތެރޭގައި ސަރުކާރުގެ އެކި ވުޒާރާތަކުންނާއި އާންމު ހިދުމަތް ފޯރުކޮށްދޭ މުއައްސަސާތައް ވެސް ހިމެނެ އެވެ.

ސްމާޓް ސިޓީ: ހަލުވި އިންޓަނެޓާ އެކު ދިރިއުޅުމަށް ކުރިއެރުން
ސްމާޓް ސިޓީ: ހަލުވި އިންޓަނެޓާ އެކު ދިރިއުޅުމަށް ކުރިއެރުން

ދުނިޔޭގައި ދިރިއުޅުމުގެ ހުރިހާ ކަމެއް ފުއްދުމުގައި އިންޓަނެޓްގެ ހިދުމަތް މިވަނީ އަސާސީ ބޭނުމަކަށް ވެފަ އެވެ. ނަމަވެސް، މުޖުތަމައުގެ ވަކިވަކި ފަރުދުން އެދޭ އެންމެ އެކަށީގެންވާ މިންވަރެއްގައި އަދި އަގެއްގައި މި ހިދުމަތް ފޯރުކޮށްދިނުމަށް އެތައް ހުރަސްތަކަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ. މީގެ ތެރޭގައި އެއް ކަމަކީ، އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ މިލްކުގައިވާ އުމްރާނީ ވަސީލަތްތަކުގެ މަދުކަމެވެ.

ސްމާޓް ސިޓީ: ހަލުވި އިންޓަނެޓާ އެކު ދިރިއުޅުމަށް ކުރިއެރުން
ސްމާޓް ސިޓީ: ހަލުވި އިންޓަނެޓާ އެކު ދިރިއުޅުމަށް ކުރިއެރުން

ސްމާޓް ސިޓީގެ އެންމެ މައިގަނޑު އެއް އަސާސަކީ އިންޓަނެޓް ފަދަ ޒަމާނީ ހިދުމަތްތައް ރައްޔިތުންނަށާއި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހަލުވިކަމާ އެކު ހެޔޮ އަގެއްގައި ފޯރުކޮށްދޭނޭ މުނިސިޕަލް ވަސީލަތްތައް ގާއިމްވެފައި ހުރުމެވެ. މިފަދަ ވަސީލަތްތަކުގެ ތެރޭގައި އޯޕަން އެކްސެސް ނެޓްވޯކް ހިމެނެ އެވެ. މިއީ، ސިޓީއެއް ފަރުމާކުރުމުގައި އެކުލަވާލެވޭ މުވާސަލާތީ ވިއުގައަކަށް ދެވިފައިވާ ނަމެކެވެ.

އޯޕަން އެކްސެސް ނެޓްވޯކް ފަދަ ވަސީލަތްތަކަކީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ހެޔޮ އަގެއްގައި އެހިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދޭ، އަދި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އަގުހެޔޮކޮށް އެހިދުމަތްތަކަށް ވާސިލުވުމަށް އެހީތެރިވެދޭ މުހިއްމު ވަސީލަތެކެވެ. މިފަދަ ވަސީލަތްތަކުގެ ސަބަބުން މުޖުމަތަމައެއްގެ ގިނަ ފަރުދުންނަށް މިފަދަ ހިދުމަތްތައް ލިބިމަށް ފަސޭހަވެ އެވެ.

ރާއްޖެ ފަދަ މިކުޑަ މުޖުމަތައުގައި އެކިއެކި ފަންނުތަކުގައި އަދި ދާއިރާތަކުގެ ހަރަކާތްތެރިވާ މީހުން ހިމެނެ އެވެ. މީގެން ބައެއް ފަރާތްތަކުން އިހެކޭ އެއްފަދައިން ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގައި ސަރުކާރު އަދި އަމިއްލަ ފަރާތްތަކުގެ އޮފީސްތަކުގައި ވަޒީފާ އަދާކުރަމުން ދާއިރު، ގިނަ ޒުވާނުންގެ މެދުގައި އަމިއްލަ މަސައްކަތް ކުރުމުގެ ޝައުގުވެރިކަންދަނީ ދުވަހަކަށް ވުރެ ދުވަހެއް އިތުރުވަމުންނެވެ.

ސްމާޓް ސިޓީއެއް ވާންޖެހޭނީ އަމިއްލަ އަށް މަސައްކަތްކުރާ ފަރާތްތަކަށް އެ ފަރާތުގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތުގައި ކުރެވޭނޭ އިންތިޒާމުތައް ފޯރުކޮށްދޭ އަދި އެފަދަ ވަސީލަތްތައް ހެޔޮ އަގެއްގައި ލިބެންހުންނަ ތަނަކަށެވެ. ދުނިޔޭގެ އެހެން ކުރިއަރާފައިވާ ގައުމުތަކުގައި ވެސް އަލަށް ވިޔަފާރި ފަށައިގަންނަ ފަރާތްތަކަށާއި އަމިއްލަ މަސައްކަތްކުރާ ފަރާތްތަކަށް "ޝެއާޑް ވޯކްސްޕޭސަސް" ފަދަ މަސައްކަތް ކުރާނޭ ރަނގަޅު މާހައުލުތައް އުފައްދާފައިވެ އެވެ.

އިންޓަނެޓްގެ ހިދުމަތް ފުޅާވެ، ރަނގަޅުވަމުން ދާ ނަމަ އެކިއެކި ފަރާތްތަކުގެ މެދުގައި ރައްކާކުރިވިފައިވާ މައުލޫމާތު ހޯދާ، ބަދަލުކުރުމަށް މަގުފަހިވާނެ އެވެ. މިކަމުގެ ސަބަބުން، ދިރިއުޅުމުގެ އެކި ބޭނުންތަކުގައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހިދުމަތް ލިބިގަތުމުގަ އާއި، ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށް ލުއި ފަސޭހަކަން ލިބޭނެ އެވެ.

ސަރުކާރުގެ އިދާރީ ދާއިރާތައް ހިންގުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުވެ، އާންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް ޒަމާނާ އެއްގޮތަށް ހެޔޮ ބަދަލުތައް އަންނާނެ އެވެ. މިސާލަކަށް، ސަރުކާރުން ހިންގާ މަަޝްރޫއުތަކަށް ކޮންޓްރެކްޓް އުސޫލުން ގަނެ ވިއްކުމުގެ މަސައްކަތްތަކަށާއި، ބިލްތަކަށް ފައިސާ ދެއްކުމަށާއި، ހިދުމަތް ހޯދުމަށް ހުށަހަޅާ ފޯމުތައް ހުށަހެޅުމަށް މިކަމުގެ ސަބަބުން ލުއިފަސޭހަކަން ލިބޭނެ އެވެ. ދިގު ކިއު ތަކުގައި ވަގުތު ހޭދަކުރުން ނައްތާލާ، ފަސޭހަކަމާއި އެކު ހިދުމަތްތައް ލިބޭނެ އެވެ.

ކުރިން ޖީބުގައި ބެހެއްޓި އައިޑީ ކާޑާއި ލައިސަންސް ފަދަ ލިޔެކިޔުންތައް މިވަނީ ޑިޖިޓަލް ތަކެއްޗަށް ބަދަލުވެފަ އެވެ. ފައިސާ ނޫޓުގެ ބަދަލުގައި ވިޔަފާރީގެ މުއާމަލާތްތައް ހިނގަނީ މުޅިން ކަހަލަގޮތަކަށް އިންޓަނެޓް މެދުވެރިކޮށެވެ. މުސްތަގްބަލުގައި ޕާކު ކުރުން، އަދި ބެޓެރީ ކާރު އަދި ސައިކަލް ފަދަ އުޅަނދުތައް ބޭނުން ކުރުމުގައި އިންޓަނެޓް ބޮޑު ދައުރެއް އަދާކުރާނެ އެވެ.

ސިޓީތައް އަމާން އަދި ރައްކާތެރިތަންނަށް ހެދުމަށްޓަކައި ބަހައްޓާފައިވާ މަގުބައްތިތަކަކީ ކަރަންޓް ހަރަދު ކުޑަ، ސްމާޓް ތަކެއްޗަށް ބަދަލުވާނެ އެވެ. މަގުމަތީގެ ގަވައިދުތަކާ ހިލާފުވާ ފަރާތްތަކުގެ ލައިސަންސް ނަމްބަރު ޓެކޮނޮލޮޖީ މެދުވެރިކޮށް ދެނެގަނެވޭނޭ ވަސީލަތްތައް ގާއިމްކުރާނެ އެވެ. ރައްޔިތުންގެ ހަރަކާތްތަކާއި، އެއްވެ އުޅޭ ތަންތަން ދެނެގަތުމަށް ކިއު.އާރު ކޯޑް ފަދަ އެޕްލިކޭޝަންތައް ފުޅާ ދާއިރާއެއްގައި ބޭނުންކުރާނެ އެވެ.

ގޭތެރޭގެ އާންމު ދިރިއުޅުމުގެ ކަންތައްތައް ވެސް ޓެކްނޮލޮޖީގެ އެހީގައި އަންނަނީ ދުވަހަކަށް ވުރެ ދުވަހެއް ކުރިއަރަމުންނެވެ. މިސާލެއްގެ ގޮތުން، މީހުން ދިރިއުޅޭ އިމާރާތްތަކުގައި ބަހައްޓާފައިވާ ޑަސްބިންތައް ހުސްކުރުމަށް ޓެކްނޮލޮޖީގެ އެހީތެރިކަން ހޯދާނެ އެވެ. އަދި ކަނޑައެޅިފައިވާ ވަކި ވަގުތުތަކެއްގައި ޑަސްބިން ހުސްކުރުމުގެ ބަދަލުގައި، ވަކިވަރަކަށް ކުނި ގިނަވުމުން ދޫކުރާ ސިގްނަލެއްގެ އެހީގައި ޑަސްބިން އުކާލުމުގެ އުސޫލު އެކުލަވައިލެވޭނެ އެވެ.

އެޗްޑީސީ އިން ހިންގާ ސްމާޓް ސިޓީ މަޝްރޫއުގެ މަގްސަދަކީ އިންޓަނެޓާއި އެހެނިހެން މުއާސަލާތީ ހިދުމަތްތަކުގެ އަގާއި ފެންވަރު މާލޭ ސަރަހައްދުގައި ދިރިއުޅޭ އެންމެހައި ރައްޔިތުންނަށާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހޯދައިދިނުމެވެ. އަދި މި ސަރަހައްދަކީ މީހުން ދިރިއުޅުމަށް ފަސޭހަ، ޒަމާނީ ސަރަހައްދަކަށް ހެދުމަށް ބޭނުންވާ އެންމެހާ އުމްރާނީ ވަސީލަތްތައް ފޯރުކޮށްދިނުމެވެ.