ޔޫރޯ ބަލަން އެއް ތަނަކަށް އެއްވާން ފުރުސަތެއް ނެތް: ޕޮލިސް
ޔޫރޯ ބަލަން އެއް ތަނަކަށް އެއްވާން ފުރުސަތެއް ނެތް: ޕޮލިސް

އެއް ތަނަކަށް ގިނަ ބަޔަކު އެއްވެ، ބޮޑު ސްކްރީނުން އަޅުވައިގެން ކުޅިވަރުގެ ހަރަކާތްތައް ބަލަން ފުރުސަތު ނުދޭނެ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ޔޫރަޕްގެ ސަރަހައްދީ ފުޓްބޯޅަ މުބާރާތް ކަމަށްވާ ޔޫރޯގެ މެޗުތައް މިރޭ ފަށާއިރު، ފުލުހުން ކުރި ޓުވީޓެއްގައި ބުނީ ތަންތަނުގައި ބޮޑު ސްކްރީން ހަރުކޮށްގެން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ކުޅިވަރު މުބާރާތްތައް ބެލުމުގެ އިންތިޒާމުތައް ބައެއް ފަރާތްތަކުން ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެއީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށާއި ކޮވިޑް-19 އާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން އަޅާފައިވާ ފިޔަވަޅުތަކުން އެކަމަށް ޖާގައެއް ނުދޭ ކަމަށް ފުލުހުން ބުންޏެވެ.

"ކޮވިޑް-19 ގެ ސަބަބުން ހިތްދަތި އުނދަގޫ ދުވަސްތަކަކަށް ފަހު، މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން މިހާރަށްވުރެ ފާގަތި ދުވަސްތަކެއްގެ މަލަމަތި ފެންނަން ފަށައިފައިވާ މި ދަނޑިވަޅުގައި، ގިނަ ބަޔަކު އެއްތަނަކަށް އެއްވެ ހިންގޭ ހަރަކާތްތަކަކީ، އެންމެންގެ ރައްކާތެރި ކަމަށްޓަކައި ކުރުން އެންމެ ރަނގަޅު ކަމެއް ކަމުގައި ނުދެކެން،" ފުލުހުން ބުންޏެވެ.

އެހެންކަމުން މި ހާލަތުގައި ގިނަ ބަޔަކު އެއް ތަނަކަށް އެއްވެ ކުޅިވަރު ހަރަކާތްތައް ބެލުމުގެ ފުރުސަތު ނުދޭނެ ކަމަށް ފުލުހުން ބުންޏެވެ. މިއީ ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) ގެ މިންގަނޑުތަކާ އެއްގޮތަށް އަމަލުތައް ބަހައްޓަވަންވީ ވަގުތު ކަމަށް ފުލުހުން ބުންޏެވެ.

ބޮޑެތި ފުޅުބޯޅަ މުބާރާތްތަކާ ދިމާކޮށް މާލޭގެ އެކި ސަރަހައްދުތަކުގައި ގޮނޑިޖަހައި، ބޮޑު ސްކްރީން އަޅުވައިގެން އެންމެން އެކީ މެޗު ބެލު އެންމެ ކުރީއްސުރެ ހިނގަމުން އަންނަ ކަމެކެވެ.

ނަމަވެސް ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި ހާއްސަ ހުއްދައަކާ ނުލައި މަގުމައްޗަށް ނިކުތުން މަނަލެވެ. އަދި އެއާ ހިލާފުވާ ފަރާތްތައް 5000ރ. އިން ޖޫރިމަނާ ކުރެ އެވެ.