ބޮޑެތި މެޗު ކުޅެން މިކިތާރްޔަން އަދި ތައްޔާރެއް ނޫން: މޮރީނިއޯ
ބޮޑެތި މެޗު ކުޅެން މިކިތާރްޔަން އަދި ތައްޔާރެއް ނޫން: މޮރީނިއޯ

މެންޗެސްޓާ (ނޮވެމްބަރު 22) – ޕްރިމިއާ ލީގުގައި މި ހަފުތާގައި އާސެނަލްއާ 1-1 އިން އެއްވަރުވި މެޗުގައި މެންޗެސްޓާ ޔުނައިޓެޑުގެ މިޑްފީލްޑަރު ހެންރިކް މިކިތާރްޔަން އަށް ފުރުސަތު ނުދިނީ ބޮޑެތި މެޗުތައް ކުޅެން އޭނާ އަދި ތައްޔާރުނުވާތީ ކަމަށް ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

ބޮރޫޝިއާ ޑޯޓްމަންޑުން ބޮޑު އަގެއްގައި މި ސީޒަނުގައި ޔުނައިޓެޑާ ގުޅުނު އެޓޭކިން މިޑްފީލްޑަރަށް އެ ޓީމުގައި ލިބިފައިވަނީ މަދު ފުރުސަތެކެވެ. މިދިޔަ ސީޒަނުގައި ޖަރުމަން ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ކުޅުންތެރިޔާއަށް ސެޕްޓެމްބަރުގެ ފަހުން ޕްރިމިއާ ލީގު މެޗަކުން ފުރުސަތު ނުލިބޭއިރު އެންމެ ފަހުން ކުޅުނީ މިމަހު ކުރީކޮޅު ޔުރޮޕާ ލީގުގައި ފެނަބާޗޭއާ ދެކޮޅަށެވެ.

"އަހަރެން އޭނާ ގާތު ބުނިން އާސެނަލް މެޗަކީ އޭނާ ކުޅެވޭ ފެންވަރުގެ މެޗެއް ނޫން ކަމަށް. މިކިތާރްޔަންގެ ފެންވަރު ސާބިތުކޮށްދޭން އޭނާ އަށް މިވަގުތު ބޭނުންވަނީ ޕްރެޝަރުކުޑަ މެޗެއް. ބެންޗުގައި ހުރެފައި 10 މިނެޓަށް ނުވަތަ 20 މިނެޓަށް އަރުވާކަށް ބޭނުމެއް ނޫން. ކުޅެންޏާ ކުޅެން ޖެހޭނީ ފުލްކޮށް ނުވަތަ ދެ ވަނަ ހާފުގައި ކުޅެން ޖެހޭނީ،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯ ބުނީ މިކިތާރްޔަން އަންނަނީ މަޑުމަޑުން ހަމަޔަކަށް އެޅެމުން ކަމަށާއި ބުރާސްފަތި ދުވަހުގެރޭ ޔުރޮޕާ ލީގުގައި ފެޔަނޫޑާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ކުޅޭނެ ކަމަށެވެ.

"އޭނާ ހިތްހަމަޖެހިގެނެއް ނޫން ހުރީ. އެކަމަކު އޭނާ އަންނަނީ އޭނާގެ ހިތްހަމަނުޖެހުންތައް ރަނގަޅު ގޮތަކަށް ބޭރުކުރަމުން އެއީ އަގަމަޑުކޮށް، ބުރަކޮށް މަސައްކަތްކޮށް ޓީމުގެ ސިސްޓަމަށް ހޭނުމަށް މަސައްކަތްކުރަމުން،" މޮރީނިއޯ ބުންޏެވެ.