11 ޖޫން 2021 - 19:50

ދަރުބާރުގޭގައި ހިންގާ ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގައި ވޮލެންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފަކަށް ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ބަލަން ފަށައިފި އެވެ.
ސަރުކާރުގެ ކުންފުންޏަކަށް ނިސްބަތްވާ އެ މުވައްޒަފަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ކުރެވެނީ ހެލްތު މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރަކަށެވެ.
ހެލްތު މިނިސްޓްރީގެ ފަރާތުން މީޑިއާ އަށް މައުލޫމާތު ދެއްވަން ކަނޑައަޅާފައި ހުންނަވާ ކޮމިޝަނަރު އޮފް ކޮލިޓީ އެޝުއަރެންސް ތަސްލީމާ އުސްމާން، އެފަދަ ޖިންސީ ގޯނާގެ މައްސަލަތައް ބަލަން ހެލްތު މިނިސްޓްރީގައި އުފައްދާފައިވާ ކޮމިޓީން މި މައްސަލަ ވެސް ބަލަމުން އަންނަކަން "މިހާރު" އަށް ކަށަވަރު ކޮށްދެއްވި އެވެ.
ނަމަވެސް، އޭނާ ވިދާޅުވީ، އެ މައްސަލައާ ގުޅިގެން އެއްވެސް މީހަކަށް އަދި ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށެވެ.
"މި މަރުހަލާގައި އަޅުގަނޑުމެން ބަލަމުން މިދަނީ. ސަސްޕެންޑު ކުރާނީ ކޮމިޓީން ބަލާފައި ސަސްޕެންޑު ކުރަން ޖެހިއްޖިއްޔާ،" ތަސްލީމާ ވިދާޅުވި އެވެ.
އެޗްއީއޯސީގައި ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވެސް ބުންޏެވެ.
އެނގިފައިވާ ގޮތުގައި ޖިންސީ ގޯނާކުރި ކަމަށް ބުނާ މައްސަލަ ހޫނުވެ، ތުހުމަތުވާ މީހާއާ ދެމެދު މާރާމާރީ ހިންގަން ޖިންސީ ގޯނާ ލިބުނު ކަމަށް ބުނާ އަންހެން މީހާގެ ފިރިމީހާ މަސައްކަތް ކޮށްފައިވެ އެވެ. އެ ފިރިހެން ވެސް މަސައްކަތްކުރަނީ އެޗްއީއޯސީގަ އެވެ.