11 ޖޫން 2021 - 17:46

ކޮލަމްބޯ (ޖޫން 11) - ސްރީ ލަންކާގެ ބޭރުން ކަނޑުގެ ސަރަހައްދުގައި ރޯވެ އަނދަމުން ގޮސް ފެތުނު ކެމިކަލް ބަރުކޮށްފައިވާ ބޯޓުން ލިބުނު ތިމާވެށީގެ ގެއްލުން ވިއްސަކަށް އަހަރަށް ދެމިގެންދާނެ ކަމަށް އެ ގައުމުގެ ތިމާވެއްޓާ ބެހޭ މިނިސްޓަރު މަހިންދާ އަމަރަވީރާ ވިދާޅުވެއްޖެ އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ސިންގަޕޫރުގައި ރަޖިސްޓްރީކޮށްފައިވާ އެމްވީ އެކްސް-ޕްރެސް ބޯޓުގައި ހުރި ތަކެތީގެ ލިސްޓެއް ނަގާފައިވާ ކަމަށެވެ. ބޯޓުގައި ހުރި 1،486 ކޮންޓެއިނާގައި 193 އައިޓަމެއް ހުއްޓެވެ. އޭގެ ތެރޭގައި 25 ޓަނުގެ ނައިޓްރިކް އެސިޑް ވެސް ހިމެނެ އެވެ. އަދި ގިނަ އަދަދެއްގެ ޕްލާސްޓިކް ޕެލެޓް ވެސް ހުއްޓެވެ.
"ބޯޓު ފެތުމުގެ ސަބަބުން ގޮނޑުދޮށްތަކަށް ލައްވި ޕްލާސްޓިކުގެ ބޮޑު ބައެއް މިހާރު ވަނީ ނަގާފައި. ބޯޓުން ބޭރުވި ޕްލާސްޓިކުގެ ތެރޭން މޫދުގައި އުޅޭ މަސްތައް ކެއީ ކިހާ ޕްލާސްޓިކެއް ކަމެއް ނޭނގޭ. އެއްގަމަށް ލައްވި ޕްލާސްޓިކް ނެގުމަށް ފަހު ވަނީ 40 ކޮންޓެއިނާގައި ބަންދުކޮށްފައި،" މިނިސްޓަރު އަމަރަވީރާ ވިދާޅުވި އެވެ. "ކޮންމެ އަހަރަކު ވެސް ލަންކާ އަށް އެތެރެ ކުރަނީ ކިހާ ޕްލާސްޓިކެއްކަން މިހާރު އަންދާޒާ ކުރެވޭނެ. މީގެ ތެރޭން 10 ޕަސެންޓް ވެސް ރިސައިކަލް ނުކުރޭ. ބާކީ ހުރިހާ ޕްލާސްޓިކެއް ބޭރު ވަނީ ތިމާވެއްޓަަށް."
މިނިސްޓަރު ވިދާޅުވީ އެމްވީ އެކްސް-ޕްރެސްގައި އަލިފާން ރޯވެ ފެތެން މެދުވެރިވި ހާދިސާގައި ޒިންމާވާން ޖެހޭ މީހުން ހޯދާފައިވާ ކަމަށާއި އެ މީހުންނަށް އަދަބު ދޭނެ ކަމަށެވެ.
"ބޯޓު ފެތުމުން ތިމާވެއްޓަށް ލިބުނު ގެއްލުން ޑޮލަރުން އަގެއް ނުކުރެވޭނެ. މިހާރު ވެސް މަރުވެފައިވާ ވެލަ އާއި ކޯމަސް ފަދަ އެއްޗެހި ފެންމަތިން ފެންނަމުން ދަނީ،" އަމަރަވީރާ ވިދާޅުވި އެވެ.
ކޮލަމްބޯ ހާބަރުގެ ހުޅަނގު އުތުރުން 9.5 މޭލު ބޭރުގައި އެންކަރުކޮށްފައިވާ ބޯޓުގައި އަލިފާން ރޯވީ މެއި 20 ވަނަ ދުވަހު އެވެ. ބޯޓުގައި ހުރި ކެމިކަލްގައި ރޯވި އަލިފާން ގަނޑު ނިވުނީ 13 ދުވަސް ފަހުންނެވެ.
އޮފިޝަލުން ބުނެފައި ވަނީ ބޯޓުގައި ރޯވެފައި ވަނީ ނައިޓްރިކް އެސިޑް ލީކުވުމުގެ ސަބަބުން ކަމަށެވެ. ބޯޓުގައި ހުރި 25 ޓަނުގެ އެސިޑް ލީކުވާކަން މެއި 11 ވަނަ ދުވަހުން ފެށިގެން ބޯޓުގެ ފަޅުވެރިންނަށް އެނގޭ ކަމަށް ވެސް ބުނެފައިވެ އެވެ. ބޯޓުގެ ކެޕްޓަނާއި ޗީފް އިންޖިނޭރާ ދެކޮޅަށް ވަނީ ފުލުހުންނަށް މައްސަލަ ވެސް ހުށަހަޅައިފަ އެވެ.
އިންޑިއާގެ ހަޒިރާ ބަނދަރުން 186 މީޓަރު (610 ފޫޓު) ބޯޓު މެއި 15 ވަނަ ދުވަހު ފުރީ 1،486 ކޮންޓެއިނާއާ އެކު އެވެ. ބޯޓުގައި ހުރި މުދަލުގެ ތެރޭގައި ނައިޓްރިކް އެސިޑުގެ އިތުރުން ކެމިކަލްގެ އެހެން ބާވަތްތަކާއި ކޮސްމެޓިކްސް ވެސް ހިމެނެ އެވެ.