22 ނޮވެމްބަރ 2016 - 11:05

ލިސްބަން، ޕޯޗުގަލް (ނޮވެމްބަރު 22) - ކްރިސްޓިއާނޯ ރޮނާލްޑޯ ކޮންމެ ކްލަބެއްގައި ހުއްޓަސް އޭނާ ފުޓްބޯޅަ ކެރިއަރު ފެށި ސްޕޯޓިން ލިސްބަންއާ ވަކި ނުކުރެވޭނެ ކަމަށް އެ ޓީމުގެ ކޯޗު ޖޯޖް ޖީސަސް ބުނެފި އެވެ.
ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ރޮނާލްޑޯގެ ރެއާލް މެޑްރިޑް ކުޅެނީ ރޮނާލްޑޯ ސީނިއާ ފުޓްބޯޅަ ކެރިއަރު ފެށީ ސްޕޯޓިންއާ ދެކޮޅަށެވެ. އޭނާ ސްޕޯޓިން ދޫކޮށް 2003 ވަނަ އަހަރު މެންޗެސްޓާ ޔުނައިޓެޑަށް ބަދަލުވިއިރު އޭގެ ފަހުން ރެއާލާ ގުޅުނީ 2009 ވަނަ އަހަރެވެ.
މި ފަހަރު ޗެމްޕިއަންސް ލީގުގައި ރެއާލް ދަނޑުގައި ސްޕޯޓިންއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މޮޅުވީ 2-1 އިންނެވެ. މި މެޗުގައި ރޮނާލްޑޯ ވަނީ ސްޕޯޓިން ކޮޅަށް ލަނޑު ޖަހައިފަ އެވެ. އެހެެން ނަމަވެސް ލަނޑު ޖެހުމަށް ފަހު އޭނާ އުފާފާޅުނުކުރެ އެވެ. ސްޕޯޓިން ކޯޗު ޖީސަސް ބުނީ ރޮނާލްޑޯގެ ހިތުގައި ސްޕޯޓިން އަށް އޮތް އިހުތިރާމް އޭގެން ދޭހަވި ކަމަށެވެ.
"ކޮންމެ ކްލަބެއްގައި ހުއްޓަސް ރޮނާލްޑޯ އަކީ ސްޕޯޓިންގެ ކުޅުންތެރިޔެއް. އޭނާ އަށް މި ކްލަބުން ދޭން ޖެހޭ އިހުތިރާމް އެންމެ ފުރިހަމަ އަށް ދޭނަން. މިއީ ރޮނާލްޑޯގެ އިތުރުން ސްޕޯޓިން އަށް ވެސް ހާއްސަ މެޗެއް. ދުނިޔޭގެ މޮޅު ކުޅުންތެރިޔެއް ސްޕޯޓިން އިން ކެރިއަރު ފަށާފައިވުމަކީ މި ކްލަބަށް ވެސް ލިބޭ ފަހުރެއް،" ޖީސަސް ބުންޏެވެ.
ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ ވާދަވެރި އެތުލެޓިކޯ މެޑްރިޑް ކޮޅަށް ހެދި ހެޓްރިކާ އެކު ރޮނާލްޑޯ ހުރީ ރަނގަޅު ފޯމެއްގަ އެވެ. ޔޫރަޕްގެ މުބާރާތްތަކުގައި ރޮނާލްޑޯ ވަނީ މިހާތަނަށް 98 ލަނޑު ޖަަހައިފަ އެވެ. ރެއާލްގެ ކޯޗު ޒިނެދިން ޒިދާން ބުނީ ރޮނާލްޑޯ ފަހަކަށް އައިސް ދައްކާ މޮޅު ކުޅުމުގެ ސަބަބުން މި އަހަރުގެ މޮޅު ކުޅުންތެރިޔާގެ މަގާމު އޭނާ އަށް ލިބޭނެ ކަމާ މެދު ކުރެވެމުން އައި ބަހުސް ނިމުމަކަށް އައިސްފައިވާ ކަަމަށެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް އެފްގެ އެއް ވަނައިގައި 10 ޕޮއިންޓާ އެކު އޮތީ ޑޯޓްމަންޑް އެވެ. ދެ ވަނައިގައި ރެއާލް އޮތީ އަށް ޕޮއިންޓާ އެކު އެވެ. ތިން ވަނައިގައި އޮތް ސްޕޯޓިން އަށް ތިން ޕޮއިންޓް ލިބިފައިވާއިރު، މިރޭ ކުޅޭ މެޗުން ރެއާލް ބަލިނުވެއްޖެނަމަ އެ ޓީމަށް ދެ ވަނަ ބުރުގެ ޖާގަ ލިބޭނެ އެވެ. މި ގްރޫޕްގެ އެންމެ ފުލުގައި އޮތް ލެހިއާ ވޯސޯ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.