ފަނޑިޔާރުންގެ ޖަމިއްޔާއަށް 13 އަހަރު ފަހުން އޮފީހެއް
ފަނޑިޔާރުންގެ ޖަމިއްޔާއަށް 13 އަހަރު ފަހުން އޮފީހެއް

މީގެ 13 އަހަރު ކުރިން އުފެއްދި ދިވެހި ފަނޑިޔާރުންގެ ޖަމިއްޔާ އަށް އޮފީހެއް ހަމަޖެހި މިއަދު އެތަން ރަސްމީކޮށް ހުޅުވައިފި އެވެ.

ފަނޑިޔާރުންގެ ޖަމިއްޔާގެ އޮފީސް ރަސްމީކޮށް ހުޅުވައިދެއްވީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް، ތުޅާދޫ ދާއިރާގެ މަޖިލިސް މެންބަރު ހިސާން ހުސައިނެވެ. ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާ ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތެވެ.

ފަނޑިޔާރުންގެ ޖަމިއްޔާ އަށް އޮފީސް ހަމަޖައްސާފައި ވަނީ ފަންހިޔާ ބިލްޑިންގުގެ ދެ ވަނަ ފަންގިފިލާފަ އެވެ.

މި ރަސްމިއްޔާތުގައި ފަނޑިޔާރުންގެ ޖަމިއްޔާގެ ރައީސް ހައި ކޯޓުގެ ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާ ވަނީ މި އޮފީސް ހުޅުވުމުގައި ޖޭއެސްސީ އާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެހީތެރިކަން ލިބުނުކަން ފާހަގަކުރައްވައި ޝުކުރު އަދާކުރައްވައިފަ އެވެ.

ޝަރީއަތް ކުރުމުގައި ދިމާވާ ދަތިތައް ފާހަގަކޮށް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، ފަނޑިޔާރުންގެ މެދުގައި އެއްބައިވަންތަކަން އުފައްދައި ފަނޑިޔާރުންގެ ރައްކާތެރިކަމަށް މަސައްކަތްކުރުމުގެ މަގްސަދުގައި މެއި 14، 2008 ގައި އުފެއްދި ފަނޑިޔާރުންގެ ޖަމިއްޔާގެ ހަރަކާތްތައް ހުއްޓިފައި އޮތުމަށް ފަހު މިހާރު ވަނީ އަލުން ފަށައިފަ އެވެ.