ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ފާރަވެރިވާން އެމްޑީޕީން ކޮމިޓީއެއް އެކުލަވާލަން ފާސްކޮށްފި
ނަޝީދަށް ދިން ހަމަލާގެ ތަހުގީގަށް ފާރަވެރިވާން އެމްޑީޕީން ކޮމިޓީއެއް އެކުލަވާލަން ފާސްކޮށްފި

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މިދިޔަ މަހު ދިން ހަމަލާގެ ތަހުގީގުކުރިއަށްދާ ގޮތަށް ފަރާވެރިވުމަށް "މެއި ހައެއް" ގެ ނަމުގައި ކޮމިޓީއެއް އެކުލަވާލަން އެމްޑީޕީގެ ގައުމީ މަޖިލީހުން މިރޭ ފާސްކޮށްފި އެވެ.

އެމްޑީޕީގެ ގައުމީ މަޖިލީހަށް އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ހުށަހަޅުއްވައި މަކުނުދޫ ދާއިރާގެ ރައީސް އަހުމަދު މައުސޫމް ތާއިދުކުރެއްވި އެ ގަރާރު ފާސްކުރީ، ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 109 މެމްބަރުންގެ ތެރެއިން 100 މެމްބަރުންގެ ވޯޓާ އެކު އެވެ.

އެ ކޮމިޓީ އެކުލެވިގެންވަނީ ފަސް މެމްބަރުންގެ މައްޗަށެވެ. އެ ބޭފުޅުންނަކީ ނަޝީދު ކަނޑައަޅުއްވާ މެމްބަރެއްގެ އިތުރުން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒުގެ އަދި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް އެވެ.

އެއާ އެކު އެ ކޮމިޓީން ކުރާ މަސައްކަތް، މަދުވެގެން ހަފްތާއަކު އެއް ފަހަރު ގައުމީ މަަޖިލީހަށް ހިއްސާކުރުމަށް ވެސް ގައުމީ މަޖިލީހުން ފާސްކުރި އެވެ.

ވަހީދު ހުށަހެޅުއްވި ގަރާރުގައި ވަނީ ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމަނިކުފާނަށް އިންސާފު ހޯދައިދިނުމުގައި ޕާޓީ ދެމި އޮންނަން ޖެހޭނެ ކަމަށެވެ. އެއީ ޕާޓީގެ ހެޔޮވެރިކަމުގެ ސިޔާސަތު ނައްތާލުމަށް ރާވައި އިންތިޒާމުކުރި ކެހިވެރި ހަމަލާއެއް ކަމަށް ވެސް ބުނެފައިވެ އެވެ.

އެހެންވެ އެ ޕާޓީން އިގުރާރުވެފައި ވަނީ ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުންް ކުރިއަށް ގެންދާ ތަހުގީގުތަކާއި އެކަމާއި ގުޅިގެން އަޅައި، އަޅަންޖެހޭ ފިޔަވަޅުތަކާއި އަދި ކުރާނެ މަސައްކަތްތައް ހިންގާ ގޮތް ބަލައި ގާތުން ބެލުމަށް ފާރަވެރިވުމަށެވެ.

"ކުރިން ހިނގާފައިވާ ނުރައްކާތެރި އެތައް މަރެއްގެ ހަގީގަތް ނުހޯދި އިންސާފު ދިގުލައިގެން ގޮސްފައިވާހިނދު ދައުލަތުގެ އެންމެ މަތީ ރައްކާތެރިކަމާއި ބެލެހެއްޓުންތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނީ ލާޒިމުކަން އޮތް ރައީސް ނަޝީދަށް އަމާޒުކޮށް މި ދެވުނު ހަމަލާގެ ތަހުގީގަކީ ރާއްޖޭގެ ގާނޫނީ ހުކޫމަތު ނެގެހެއްޓޭ މިންވަރު ވަކަރަށް ޖަހާލެވިގެންދާ ފަދަ ސީރިއަސް ހަމަލާއެއް،"

އެ ގަރާރުގައި ފާހަގަކުރާ އެމްޑީޕީގެ އަނެއް ކަންބޮޑުވުމަކީ އެ މައްސަލައެއްގެ "ހަ ފަރާތް" ނުހޯދުމެވެ. އެގޮތަށް އެކަން ވެއްޖެ ނަމަ، ދިވެހި ދައުލަތުގެ ސިފަތައް ގެއްލިދާނެކަމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.

ވަހީދު ވިދާޅުވި ގޮތުގައި ގަރާރު ހުށަހަޅުއްވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޑީޕީގެ މެމްބަރުން ނަޝީދަށް އިންސާފު ހޯދައިދިނުމަށް ގޮވާލަމުންދާތީ، އެކަން ގާތުން ބަލައި ފާރަވެރިވާނެ ހާއްސަ ކޮމެޓީއެއް އޮންނަން ޖެހޭތީ ކަމަށް ފެންނާތީ އެވެ.

ގައުމީ މަޖިލިސް ޖަލްސާގައި ވާހަކަ ދައްކަވަމުން ބައެއް މެމްބަރުންް ވަނީ ނަޝީދަށް ދިން ހަމަލާ ކުށްވެރިކޮށް، އެ ތަހުގީގު ލަސްކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި އެ ހަމަލާ ތަހުގީގުކުރާއިރު ހަމަލާ ރޭވުމުގެ އަޑީގައި ތިބި މީހުންނާއި ފަންޑުކުރި މީހުން ހޯދަން ޖެހޭ ކަމަށް ވެސް މެމްބަރުން ވިދާޅުވި އެވެ.

ބައެއް މެމްބަރުން ވަނީ އެ ތަހުގީގަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވެސް ތުހުމަތުގެ އިނގިލި ދިއްކުރައްވައިފަ އެވެ.

ނަޝީދަށް އަމާޒުކޮށްް ދިން ހަމަލާއާ ގުޅިގެން މިހާތަނަށް ފަސް މީހަަކު ހައްޔަރުކޮށްފައިވެ އެވެ. އޭގެ ތެރޭގައި ނަޝީދަށް ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި މީހުން ވެސް ހިމެނެ އެވެ. އެ ތަހުގީގު ފުލުހުން ކުރިއަށް ގެންދަނީ ބޭރުގެ މާހިރުންގެ ވެސް އެހީގަ އެވެ.

ނަޝީދަށް ދިން ހަމަލާއަށް ފަހު ފުލުހުން ވަނީ ހަރުކަށި ފިކުރާއި ޓެރަރިޒަމާ ދެކޮޅަށް އޮޕަރޭޝަންތަކެއް ހިންގައި ބައެއް މީހުން ވެސް ހައްޔަރުކޮށްފަ އެވެ.