10 ޖޫން 2021 - 20:38

ދެކުނު ކޮރެއާގައި އާންމުން ދަތުރުކުރާ ބަހެއްގެ މައްޗަށް ފަސް ބުރީގެ އިމާރާތެއް ވެއްޓުމުގެ ސަބަބުން، ބަހުން ދަތުރުކުރި މީހުންގެ ތެރެއިން ނުވަ މީހަކު މަރުވެ، އިތުރު އަށް މީހަކު ޒަހަމްވެއްޖެ އެވެ.
އިއްޔެ މެންދުރު ފަހު ހިނގި މިހާދިސާގައި ވެއްޓިފައިވަނީ، ވެރިރަށް ސޯލްގެ ހުޅަނގު ދެކުނުން އޮންނަ ގުއަންގްޖޫ ކިޔާ ސިޓީގެ، ތަޅާލަމުން ދިޔަ އިމާރާތެކެވެ. ނަމަވެސް އެ ވަގުތަކީ މަސައްކަތް މެދުކަނޑާލާފައި އޮތް ވަގުތެއް ކަމުން، އިމާރާތުގައި އެއްވެސް މީހަކު ނެތެވެ. އެ އިމާރާތް ހުންނަ މަގުން ބަސް ދަތުރުކުރަމުން އައިސް އިމާރާތާ ކައިރީގައި ހުރި ބަސް ސްޓޮޕަކަށް ބަސް ހުއްޓިތަނާ، ކުއްލި ގޮތަކަށް އިމާރާތް ވެއްޓުނީ ކަމަށް، އެ ސަރަހައްދުގެ އަލިފާން ނިއްވާ އިދާރާ އިން ބުންޏެވެ.
މިހާދިސާ ހިނގި އިރު ބަހުގައި 17 މީހުން ތިބި ކަމަށް، އަލިފާން ނިއްވާ އިދާރާ އިން ބުންޏެވެ. ކުއްލި ގޮތަކަށް އިމާރާތް ވެއްޓުނު ސަބަބެއް ނޭނގޭ ކަމަށް އެ އިދާރާ އިން ބުންޏެވެ. މިހާދިސާ ހިނގީ މަގުމަތީގެ ކާރުބާރު ބޮޑު ވަގުތެއްގައި ކަމަށް ވިޔަސް، މިހާދިސާގައި އިތުރު އުޅަނދަކަށް ވެސް އަދި އިތުރު ބަޔަކަށް ވެސް ގެއްލުމެއް ނުލިބެ އެވެ.
ދެކުނު ކޮރެއާގައި، އިމާރާތް ވެއްޓުމުގެ ބައެއް ހާދިސާތައް ހިނގުމާ ގުޅިގެން، އިމާރާތް ކުރުމުގެ ގަވާއިދުތައް ވަނީ ހަރުދަނާ ކޮށްފަ އެވެ. ދެކުނު ކޮރެއާގައި 1995 ވަނަ އަހަރު ޑިޕާޓްމަންޓް ސްޓޯރެއް ވެއްޓުމުގެ ހާދިސާއެއްގައި 500 އަށް ވުރެ ގިނަ މީހުން މަރުވި އެވެ. އަދި އޭގެ ކުރީ އަހަރު ބްރިޖެއް ވެއްޓުމުގެ ހާދިސާއެއްގައި 49 މީހަކު މަރުވި އެވެ.