10 ޖޫން 2021 - 20:33

އަނބިކަނބަލުން ސެންޑްރާ ރިބޭލޭކް ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން، ފްރާންސްގެ ބޮޑުވަޒީރު ޖޭން ކަސްޓެކްސް އަމިއްލަ ގެކޮޅުގައި ކަރަންޓީނު ފުރިހަމަ ކުރައްވަން ފައްޓަވައިފި އެވެ.
މިއީ، އަހަރުދުވަހުގެ ތެރޭގައި ބޮޑުވަޒީރު ގެކޮޅުގައި ކަރަންޓީނުވާން ޖެހިވަޑައިގެންނެވި ތިން ވަނަ ފަހަރެވެ. އެންމެ ފުރަތަމަ ކަރަންޓީނުވެވަޑައިގަތީ، ޓުއާ ޑި ފްރާންސް ރޭހުގެ ޑިރެކްޓަރު ކްރިސްޓިއަން ޕްރުދޯމް، ކޮވިޑަށް ޕޮޒިޓިވްވި އިރު، އޭނާއާ ކޮންޓެކްޓްވުމުންނެވެ. ދެވަނަ ފަހަރު ކަރަންޓީނުވެވަޑައިގަތީ، ފަރަންސޭސި ރައީސް އިމަނުއެލް މެކްރޯން ކޮވިޑަށް ޕޮޒިޓިވްވި އިރު، އިމަނުއެލްއާ ކޮންޓެކްޓް ވުމުންނެވެ.
ބޮޑުވަޒީރުގެ އޮފީހުން އިއްޔެ ބުނި ގޮތުގައި، އެސްޓެރާޒެނެކާ ވެކްސިންގެ އެއް ޑޯޒް ޖައްސަވައިގެން ހުންނެވި ބޮޑުވަޒީރު، އިއްޔެ ހަވީރު ކޮވިޑަށް ޓެސްޓް ހެއްދެވުމުން ނަތީޖާ ދެއްކީ ނެގެޓިވް ކަމަށެވެ. އެހެން ނަމަވެސް، ކޮވިޑުން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެއްގޮތަށް، ކަރަންޓީނުގެ ހަތް ދުވަސް ހަމަކުރައްވަން ގެކޮޅުގައި މަޑުކުރައްވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.
ބޮޑުވަޒީރު ކަރަންޓީނުގައި މަޑުކުރައްވަން މި ޖެހިވަޑައިގަތީ، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ނިސްބަތް ދަށަށް ދާން ފެށުމުން، ފުރަބަންދުގެ ފިޔަވަޅުތަކަށް އިއްޔެ ލުއިތަކެއް ދޭން ފަށާފައި ވަނިކޮށެވެ. އެ ލުއިތަކުގެ ދަށުން ފިހާރަތައް ހުޅުވާލައި، ކެފޭތަކުގެ އެތެރޭގައި ތިބެގެން ކެއިންބުއިމުގެ ހިދުމަތް ލިބިގަތުން ހުއްދަކުރުމާ ގުޅިގެން، ބޮޑުވަޒީރު ވެސް އިއްޔެ މެންދުރު ކުރިން، އާންމުންގެ ތެރެއަށް ނުކުމެވަޑައިގެން، ބައެއް ފިހާރަތަކަށާއި އިންޑޯ ކުޅިވަރު އެކުވެންޏަކަށް ވެސް ޒިޔާރަތް ކުރެއްވި އެވެ. އަދި އިކޮނޮމިކް މިނިސްޓަރު ބުރޫނޯ ލެ މަޔާއާ އެކު މެންދުރުގެ ފަރިއްކޮޅެއްގައި ވެސް ބައިވެރިވެވަޑައިގަތެވެ.
ލުއިތަކާ ގުޅިގެން ސަރުކާރުގެ އޮފީސްތައް ހިންގުމުގެ އުސޫލުތައް ވެސް ވަނީ ބަދަލުވެފަ އެވެ. އެ ގޮތުން މިދިޔަ އަހަރުގެ އޮކްޓޫބަރު މަހަށް ފަހު، ފުރަތަމަ ފަހަރަށް މުޅި ކެބިނެޓް އެކުގައި ވަނީ އިއްޔެ ބައްދަލުކުރައްވައިފަ އެވެ.
ފަރަންސޭސި ވިލާތުގައި އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ލުއިތަކެއް ދޭން ފެށީ، މިދިޔަ އެޕްރީލް މަހާ އަޅައި ބަލާއިރު، ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ދާން ފެށުމުންނެވެ. ފަރަންސޭސި ސަރުކާރުން މިހާރު އަމާޒު ހިފާފައިވަނީ، މި މަހުގެ 15ގެ ނިޔަލަށް، އެ ގައުމުގެ 30 މިލިއަން މީހުންނަށް ކޮވިޑްގެ ވެކްސިންގެ ފުރަތަމަ ޑޯޒް ދިނުމަށެވެ.