10 ޖޫން 2021 - 20:26

ހުޅަނގު އައްސޭރީގައި އިޒްރޭލު ސިފައިން ދިން އުދުވާނީ ހަމަލާއެއްގައި، ފަލަސްތީނުގެ ތިން މީހަކު މިއަދު ޝަހީދުކޮށްލައިފި އެވެ.
ފަލަސްތީނުގެ ރަސްމީ ނޫސް އޭޖެންސީ "ވަފާ" އިން ބުނި ގޮތުގައި ހުޅަނގު އައްސޭރީގެ ދެކުނުގައި އޮންނަ ޖެނީން އަވަށުގައި، އިޒްރޭލު ސިފައިން ދިން ހަމަލާތަކުގައި ޝަހީދުވި ތިން މީހުންގެ ތެރޭގައި ފަލަސްތީނު ފުލުހުންގެ ތިން މީހަކު ވެސް ހިމެނެ އެވެ. މި ހާދިސާގައި، ޝަހީދުވި ތިން ވަނަ މީހަކީ، އިޒްރޭލުން ހައްޔަރުކޮށްގެން ގެންގުޅުމަށް ފަހު، ދާދި ފަހުން މިނިވަންކުރި މީހެކެވެ.
ނޫސް އޭޖެންސީން ބުނި ގޮތުގައި މި ހާދިސާ ހިނގީ މިއަދުގެ ފަތިހުގެ ވަގުތެއްގައި، އިޒްރޭލުގެ ކޮމާންޑޯޒް ލަޝްކަރުގައި ހިމެނޭ ސިފައިންގެ ބަޔަކު ޖެނީން އަށް ވަދެ، ފަލަސްތީނުގެ ދެ ޒުވާނަކު ހައްޔަރުކުރުމަށް ހިންގި ހަރަކާތްތަކެއްގެ ތެރޭގަ އެވެ. ކޮމާންޑޯޒް ސިފައިން ޖެނީން އަށް ވަދެ އުޅެނިކޮށް ފެނިގެން، ފަލަސްތީނު ފުލުހުން އެކަމަށް ހުރަސްއެޅުމުން ދެ ފަރާތުގެ މެދުގައި ހަމަލާތައް ބަދަލުކުރަން ފެށުނީ ކަމަށް ނޫސް އޭޖެންސީން ބުންޏެވެ.
އިޒްރޭލު ސިފައިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ފަލަސްތީނުގެ ތިން މީހުން މަރުވީ، އެ ހާދިސާ ހިނގުމުގެ ކުރިން އިޒްރޭލު ސިފައިންނަށް ބަޑިން ހަމަލާ ދިން މީހަކު ހޯދުމަށް، އިޒްރޭލު ސިފައިން ހިންގި އަސްކަރީ ހަރަކާތެއްގަ އެވެ.
މި ހާދިސާގައި އިޒްރޭލު ސިފައިންގެ މީހަކު މަރުވި ކަމަށް ފަލަސްތީނުގެ މަސްދަރުތަކުން ބުނި ނަމަވެސް، އިޒްރޭލުން އެކަމަށް އިންކާރު ކުރެ އެވެ. އިޒްރޭލުން ބުނި ގޮތުގައި ޖެނީނަށް ވަދެ އުޅުނު އިޒްރޭލު ސިފައިން ސަލާމަތުން އެނބުރި އިޒްރޭލަށް އައެވެ.
އިޒްރޭލުގެ އުދުވާނާ ދެކޮޅަށް ހަރަކާތްތެރިވާ ފަލަސްތީނުގެ ޒުވާނުން ހިފައި ހައްޔަރު ކުރުމަށް، ރޭގަނޑުގެ ވަގުތުގައި އިޒްރޭލު ސިފައިން، ފަލަސްތީނުގެ އަވަށްތަކަށް ވަދެ އުޅުން މިހާރު ވަނީ އާންމުވެފަ އެވެ. މިގޮތަށް ވަދެ އުޅޭ ގިނަ މީހުން އުޅެނީ ވެސް، ފަލަސްތީނު މީހުން ހެދުން އަޅައި އުޅޭ ގޮތަށް ކުލަ ހެދުމުގަ އެވެ. އަދި އޭގެ ތެރެއިން ގިނަ މީހުންނަކީ އަރަބި ދަރިކޮޅުތަކުގެ ޔަހޫދީން ކަމަށް ވާތީ، ސާފު އަރަބި ބަހުން ވާހަކަ ދައްކަން ވެސް ގިނަ މީހުންނަށް އެނގެ އެވެ.
އިޒްރޭލު ސިފައިން ހިންގި މި އުދުވާނީ ހަމަލާ، ފަލަސްތީނު ސަރުކާރުން ވަނީ ކުށްވެރިކޮށްފަ އެވެ. ފަލަސްތީނު ސަރުކާރުގެ ތަރުޖަމާނު ނަބީލް އަބޫ ރުދައިނާ ވިދާޅުވީ، އިސްތިއުމާރީ ސިފައިންގެ މިފަދަ އަމަލުތަކުގެ ސަބަބުން، ދެ ފަރާތުގެ މެދުގައި މަސްރަހު އިތުރަށް ގޯސްވެ ހަމަނުޖެހުމަށް މަގުފަހިވުމަކީ ދުރުކަމެއް ނޫނެވެ.
އިޒްރޭލު ސިފައިންނާއި އިރުމަތީ ގުދުސްގައި ވަޒަންވެރި ކުރުވާފައިވާ ޔަހޫދީންގެ ފަރާތުން، ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްތީނު މީހުންނަށް ތަފާތު ގޯނާތައް ކުރިމަތިވާތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ. ހާއްސަ ގޮތެއްގައި، މިދިޔަ އެޕްރީލް މަހުގެ 13 ވަނަ ދުވަހުން ފެށިގެން، ޔަހޫދީ ވަޒަންވެރިންނާއި އިޒްރޭލު ސިފައިން، ގުދުސްގެ ބާބުލް އާމޫދު ސަރަހައްދުގަ އާއި މަސްޖިދުލް އަގްސާގެ ވަށައިގެންވާ ސަރަހައްދުގެ އިތުރުން ޝައިހް ޖައްރާހް އަވަށުގައި ހިންގާ އުދުވާންތައް ވަނީ އިތުރުވެފަ އެވެ.
ޔަހޫދީ ވަޒަންވެރިން، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަލަސްތީނު މީހުންނަށް ގޯނާ ކުރަން ފެށީ، އެ ސަރަހައްދުތަކުގައި ދިރިއުޅޭ ފަލަސްތީނު މީހުންގެ 12 ގެއަކުން އެމީހުން ނެރެ، ޔަހޫދީންނަށް އެ ގެތައް ދިނުމަށް، އިޒްރޭލުގެ ކޯޓަކުން ނިންމުމާ ގުޅިގެންނެވެ. އެ ނިންމުމާ ގުޅިގެން، ހަރުކަށި ޔަހޫދީން އެގޭގެއަށް ވަދެގަންނަ އިރު، އިޒްރޭލު ސިފައިން ހަތިޔާރާ އެކު، ޔަހޫދީންނަށް ހިމާޔަތް ދެ އެވެ.
އަލް މަސްޖިދުލް އަގްސާ ހިމެނޭ ގޮތުން، އިޒްރޭލު ސިފައިން އިރުމަތީ ގުދުސް ހިފީ، އަރަބީންނާ ދެކޮޅަށް 1967 ވަނަ އަހަރުގެ ތެރޭގައި ކުރި، މަޝްހޫރު ހަ ދުވަހުގެ ހަނގުރާމައިގަ އެވެ. އަދި މުޅި ގުދުސަކީ އިޒްރޭލުގެ އިމުގެ ތެރޭގައި ހިމެނޭ ބައެއްގެ ގޮތުގައި، އިޒްރޭލުން އިއުލާން ކުރީ 1980 ވަނަ އަހަރުގެ ތެރޭގަ އެވެ. އިޒްރޭލު އަމިއްލަ އަށް ނިންމި އެ ނިންމުން، ބައިނަލްއަގުވާމީ މުޖްތަމައުން ބަލައެއްނުގަނެ އެވެ.