10 ޖޫން 2021 - 20:14

ކޮވިޑް-19ގެ ބަލިމަޑުކަމުގައި، އެއް ދުވަހުގެ ތެރޭގައި އިންޑިޔާ އިން އެންމެ ގިނަ މީހުން މަރުވި ދުވަހަކަށް އިއްޔެ ވެއްޖެ އެވެ. އިންޑިޔާގެ ސިއްހަތާ ބެހޭ އިދާރާތަކުން ބުނި ގޮތުގައި، ބުދަ ދުވަހު އެކަނިވެސް، ކޮވިޑް ބަލީގައި އެގައުމުން 6،148 މީހަކު މަރުވެއްޖެ އެވެ.
މީގެ ކުރިން އެއް ދުވަހާ އެންމެ ގިނަ މީހުން ކޮވިޑް ބަލީގައި މަރުވީ، މިދިޔަ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އެމެރިކާ އިންނެވެ. އެ ދުވަހު އެމެރިކާ އިން ކޮވިޑް ބަލީގައި 5،444 މީހުން މަރުވި އެވެ.
އިންޑިޔާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނި ގޮތުގައި، އެ ގައުމުން ކޮވިޑް ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ، މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މި ބަލި ޖެހުނު 94،052 މީހުންނާ އެކު، ޖުމްލަ 29.2 އަށް އަރައިފަ އެވެ. އަދި މި ބަލީގައި އިންޑިޔާ އިން މަރުވި މީހުންގެ ޖުމްލަ އަދަދުވަނީ 359،676 އަށް އަރައިފަ އެވެ.
ދުވާލެއްގެ މައްޗަށް އަލަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު 100،000 އިން ދަށުގައި ހުންނަތާ މިއީ ތިން ވަނަ ދުވަހެވެ. އެއާ އެކު، މިހާރު ކޮވިޑަށް ފަރުވާ ދެމުން އަންނަ މީހުންގެ ޖުމްލަ އަދަދަކީ، 1.17 މިލިއަން މީހުން ކަމަށް ވެސް އިންޑިޔާގެ ސިއްހަތާ ބެހޭ ވުޒާރާ އިން ބުނެ އެވެ.
އިންޑިޔާގައި ކޮވިޑްގެ ވެކްސިން ދިނުމަށް ހިންގާ ޕްރޮގްރާމްގެ ތެރެއިން، މިހާތަނަށް 242.7 މިލިއަން ޑޯޒް ޖަހައިދެވިއްޖެ ކަމަށް އިންޑިޔާ ސަރުކާރުން ބުނެ އެވެ.
މީގެ އިތުރުން، ބިހާރް ސްޓޭޓުން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު، އެ ސްޓޭޓްގެ ސަރުކާރުން މިހާރު ވަނީ މުރާޖައާ ކޮށް ރަނގަޅު އަދަދު އާންމުކޮށްފަ އެވެ. ބިހާރް ސްޓޭޓްގެ ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި، އެ ސްޓޭޓުން ކޮވިޑްގައި މަރުވި މީހުންގެ ޖުމްލަ އަދަދަކީ 5،400 އެވެ. ނަމަވެސް އިއްޔެ އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ބިހާރުން ކޮވިޑްގައި މަރުވި މީހުންގެ 9،000 އަށް ވުރެ ގިނަ އެވެ.
ބިހާރްގެ ސަރުކާރުން، މިއަދަދުތައް މުރާޖައާ ކުރީ، ކޮވިޑްގެ ދެ ވަނަ ރާޅު، އެޕްރީލް މަހާއި މެއި މަހުގެ ތެރޭގައި ފެތުރިގެން ދިޔައިރު، ބަލި ޖެހުނު މީހުންނާއި މަރުވި މީހުންގެ އަދަދު އޮޅުވައިލާ ކަމަށް ބުނެ، ބިހާރްގެ ހައި ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން، އެ ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ.
ކޮވިޑްގެ ދެ ވަނަ ރާޅު، އެޕްރީލް މަހާއި މެއި މަހުގެ ތެރޭގައި، މުޅި އިންޑިޔާ އަށް ފެތުރިގެން ދިޔައިރު، ބަލިމީހުން އެނދުމަތި ކުރާނެ ޖާގަ އާއި ބަލިމީހުންނަށް ބޭނުންވާ ވަރަށް އޮކްސިޖަން ދެވެން ނެތުމުން، ހޮސްޕިޓަލްތަކުގެ ބޭރުގަޔާއި ގެތަކުގައި ވެސް އެތައް ހާސް ބަޔަކު މަރުވެގެން ދިޔަ އެވެ. އެ ގޮތަށް މަރުވި ކިތަންމެ ބަޔަކު، ކޮވިޑް މަރުގެ ގޮތުގައި ނުގުނާ ކަމަށް ވެސް، ކަމާ ބެހޭ ތަޖުރިބާކާރުން ބުނެ އެވެ.
މުޅި ދުނިޔޭގެ ނިސްބަތުން ބަލާއިރު، އެމެރިކާ އަށް ފަހު ދެ ވަނަ އަށް އެންމެ ގިނަ މީހުންނަށް މިބަލި ޖެހިފައިވަނީ އިންޑިޔާ އިންނެވެ. އެ ގައުމުގެ 29.2 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާ އިރު، އެމެރިކާ އާއި ބްރެޒީލަށް ފަހު، ދުނިޔެ އިން ތިން ވަނަ އަށް އެންމެ ގިނަ މީހުން، ކޮވިޑްގައި މަރުވީ ވެސް އިންޑިޔާ އިންނެވެ.