ދަރިފުޅަށް ބުލީކުރި ކުއްޖަކަށް އިހާނެތިކޮށް އަމަލުކުރުމުން މެޖިސްޓްރޭޓަކު ސަސްޕެންޑުކޮށްފި
ދަރިފުޅަށް ބުލީކުރި ކުއްޖަކަށް އިހާނެތިކޮށް އަމަލުކުރުމުން މެޖިސްޓްރޭޓަކު ސަސްޕެންޑުކޮށްފި

އަމިއްލަ ދަރިއަށް ބުލީކުރި ކުޑަކުއްޖަކާ މެދު އިހާނެތިކޮށް އަމަލު ކުރިކަން ސާބިތުވެ، އިސް މެޖިސްޓްރޭޓަކު ތިން މަހަށް ސަސްޕެންޑު ކުރަން ޖުޑިޝަލް ސާވިސް ކޮމިޝަނުން ނިންމައިފި އެވެ.

ޖޭއެސްސީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އިސް މެޖިސްޓްރޭޓެއްގެ ދަރިފުޅަކާ މެދު އެހެން ކުއްޖަކު ބުލީކުރުމުން އެ އިސް މެޖިސްޓްރޭޓު ރުޅި އިސްކޮށް އެ ކުއްޖާއާ މެދު އިހާނެތިކޮށް އަމަލުކޮށްފައިވާކަން އެ ކޮމިޝަނަށް ސާބިތުވާ ކަމަށެވެ.

އޭނާގެ އެ އަމަލަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު އަމަލެއް ކަމަށް ނިންމައި މި މަހުގެ 6 ވަނަ ދުވަހު ބޭއްވި ޖޭއެސްސީގެ 45 ވަނަ ބައްދަލުވުމުގައި ނިންމާފައި ވަނީ އޭނާ ސަސްޕެންޑު ކުރުމަށެވެ.

އެ އިސް މެޖިސްޓްރޭޓަށް މުސާރަ އާއި އިނާޔަތް ނުލިބޭ ގޮތަށް އޭނާ ތިން މަސް ދުވަހަށް ސަސްޕެންޑު ކުރަން ޖޭއެސްސީން ނިންމާފައިވެ އެވެ.

ކުޑަ ކުއްޖަކާ މެދު އިހާނެތިކޮށް އަމަލުކޮށްގެން އިސް މެޖިސްޓްރޭޓަކު ސަސްޕެންޑުކޮށްފައިވާ އިރު، ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓަށް ވެސް މި މަހުގެ ތެރޭގައި ވަނީ ފިޔަވަޅު އަޅައިފަ އެވެ. އެއީ ހުއްދަ ނެތި ބ. އޭދަފުށީ މެޖިސްޓްރޭޓު ކޯޓުގެ ގޯތި ތެރެއަށް ވަދެ އެތަނަށް ފެން އެޅުމުންނެވެ. އޭނާއަށް ނަސޭހަތްދީ ތަމްރީނެއް ހަދަން އަންގަން ޖޭއެސްސީން ނިންމާފައިވެ އެވެ.