އަޖޭގެ ވެބް ސީރީޒް "ރުދުރާ" އަށް ދެކުނުގެ ބަތަލާއެއް
އަޖޭގެ ވެބް ސީރީޒް "ރުދުރާ" އަށް ދެކުނުގެ ބަތަލާއެއް

"ރުދުރާ: ދި އެޖް އޮފް ޑާކްނެސް" ގެ ނަމުގައި ދާދި ފަހުން އިއުލާންކުރި އަޖޭ ދޭވްގަންގެ ފުރަތަމަ ވެބް ސީރީޒްގެ ބަތަލާއަކަށް އިންޑިއާގެ ދެކުނު ފިލްމުގެ އިންޑަސްޓްރީގެ ބަތަލާ ރާޝީ ކައްނާ ހަމަޖައްސާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ކުރިން ބައެއް މީޑިއާތަކުން ބުނީ އޭގެ ބަތަލާ އަކީ އަޖޭއާ އެކު "ބާދުޝާހޯ" އާއި "ރެއިޑް" ކުޅުނު އިލިއާނާ ޑި ކްރޫޒް ކަމަށެވެ.

ނަމަވެސް މިހާރު "ރުދުރާ" ގެ ބަތަލާގެ ރޯލަށް ރާޝީ ހަމަޖައްސާފައިވާ ކަމަށާއި އޭގެ ޝޫޓިން އަންނަ މަހުގެ 21 ގައި ފަށާނެ ކަމަށް ބުންޏެވެ. ރާޝީ އަކީ ޝާހިދު ކަޕޫރްގެ ފުރަތަމަ ވެބް ސީރީޒްގެ ވެސް ބަތަލާ އެވެ. ރާޖް އެންޑް ޑީކޭ، އެމެޒޯން ޕްރައިމް ވީޑިއޯ އަށް ހަދާ އެ ސީރީޒްގެ ޝޫޓިން މި އަހަރުގެ ކުރީކޮޅު ފަށާފައިވެ އެވެ.

މިހާތަނަށް އެތައް ފިލްމެއް ކުޅެފައިވާ ރާޝީ، 30، އާންމުކޮށް ކުޅެނީ ތެލެގޫ އާއި ތަމަޅަ ފިލްމުތަކެވެ.

މީޑިއާތަކުން ބުނީ ރާޖޭޝް މަޕުސްކަރް ޑައިރެކްޓްކުރާ "ރުދުރާ" ގެ ހުރިހާ މަންޒަރެއް ވެސް ނަގާނީ މުމްބާއީގައި ކަމަށާއި އޭގެ ޝޫޓިން އަށް ނަގާނީ ދެ މަހެއްހާ ދުވަސް ކަމަށެވެ. މި ސީރީޒަކީ ބީބީސީ އިން އިޑްރިސް އެލްބާއާ އެކު ގެނެސްދިން "ލޫތާ" އަށް ބިނާކޮށް ހަދާ އެއްޗެކެވެ. އެ ސީރީޒް ފަސް ސީޒަނަށް 20 އެޕިސޯޑާ އެކު ގެނެސްދިނީ 2010-2019 އަށެވެ.

އަޖޭގެ "ރުދުރާ" އަކީ ޑިޒްނީ ޕްލަސް ހޮޓްސްޓާ އަށް ހަދާ އެއްޗެކެވެ.