ލަންކާގައި އުޅުނީ ފިލައިގެންނެއް ނޫން، އެތަނުން މީހަކާ އިނދެގެން: އައްމަޓީ
ލަންކާގައި އުޅުނީ ފިލައިގެންނެއް ނޫން، އެތަނުން މީހަކާ އިނދެގެން: އައްމަޓީ

ސްރީ ލަންކާގައި އުޅުނީ ފްލެޓު އަޅާނެ ކަމަށް ބުނެ އެތައް ބައެއްގެ އަތުން މަކަރާއި ހީލަތުން ފައިސާ ނެގިކަމުގެ ތުހުމަތުކުރުމުން ފިލައިގެން އުޅުމުގެ ގޮތުން ނޫން ކަމަށާއި އެތާ އުޅުނީ އެ ގައުމުގެ މީހަކާ ކައިވެނިކޮށްގެން އުޅޭތީ ކަމަށް ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ (އައްމަޓީ) މިއަދު ކޯޓުގައި ބުނެފި އެވެ.

އައްމަޓީ އެހެން ބުނީ މިއަދު އޮތް އަޑުއެހުމުގައި އޭނާގެ ބަންދު ރިވިއުކޮށް ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ދައުލަތުން އެދި އެކަމުގެ ސަބަބުތައް ދެއްކުމުން ރައްދުގަ އެވެ.

އައްމަޓީ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އެދުމުން އޭނާ ވަނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެހެންވެ މިއަދު ބަންދު އިތުރުކުރީ ހަތް ދުވަހެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އަޅަން ހައުސިން ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މާޗު 13، 2014 ގައި ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުން އެ ޔުނިޓުތައް ވިއްކުމުގެ ނަމުގައި ގިނަ ބައެއްގެ އަތުން ބުކިން ފީ ނެގުމަށް ފަހު އެ ފައިސާ ނުދިން މައްސަލައިގައި އައްމަޓީގެ މައްޗަށް ދައުލަތުން ވަނީ ހިޔާނާތްތެރިވުމުގެ 42 ދައުވާއެއް އުފުލައިފަ އެވެ.

އެ މައްސަލަތަކުގެ ފުރަތަމަ އަޑުއެހުން މިއަދު ބޭއްވި ނަމަވެސް، އައްމަޓީ ވަކީލަކާ ނުލައި ހާޒިރުވުމުން މައްސަލަ ކުރިއަކަށް ނުގެންދެވުނެވެ. ވަކީލަކު ހަމަޖައްސަން ހަތް ދުވަހުގެ މުއްދަތެއް ދިނުމަށް އެދުމުން މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ނިންމެވީ ބަންދަށް އިތުރު ހަސް ދުވަސް ދިނުމަށެވެ.

މިއަދު އެ މައްސަލައިގައި ދެން އޮތީ އޭނާގެ ބަންދު މުރާޖާ ކުރުމެވެ. މިދިޔަ މާޗު މަހު އައްމަޓީ ލަންކާ އިން ރާއްޖެ ގެނެސް ބަންދުކުރި ފަހުން އެކި ފަހަރު މަތިން އޭނާގެ ބަންދު ކޯޓުން ވަނީ އިތުރުކޮށްދީފަ އެވެ. އެންމެ ފަހުން އޭނާގެ ބަންދު އިތުރުކުރީ މި މަހުގެ ތިން ވަނަ ދުވަހު އެވެ. އެއީ އަށް ދުވަހަށެވެ. އެ މުއްދަތު ހަމަވަނީ މިއަދު އެވެ.

ޝަރީއަތް ނިމެންދެން އައްމަޓީ ބަންދުކޮށްފައި ބެހެއްޓުމަށް ދައުލަތުން އެދުނީ އޭނާގެ ފަރާތުން މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިވެދާނެތީ އާއި، ހެކި ނައްތާލަން މަސައްކަތްކޮށްފާނެތީ އަދި ފިލައިގެން ގޮސްފާނެތީ ކަމަށް ބުނެ އެވެ.

އޭނާ އަކީ މީގެ ކުރިންވެސް ގިނަ ދުވަސްތަކެއް ވަންދެން ފިލައިގެން އުޅެފައިވާ މީހެއްކަން ދައުލަތުގެ ވަކީލު ފާހަގަކުރެއްވި އެވެ. އޭގެ އިތުރުން، ސީލައިފްގައި އުޅުނު މުވައްޒަފުން އެ މައްސަލައިގެ ހެކީންގެ ގޮތުގައި ހުށަހަޅާފައިވާއިރު އައްމަޓީއާއި އެ މީހުންނާ އަދިވެސް ގުޅުން އޮންނަ ކަމަށް ވެސް ވަކީލު ވިދާޅުވި އެވެ. ވަކީލު ވިދާޅުވީ އެ މީހުންނަށް ނުފޫޒު ފޯރުވަން އައްމަޓީ މަސައްކަތް ކޮށްފާނެ ކަމަށެވެ.

އައްމަޓީ ވާހަކަ ދައްކަން ފުރުސަތު ދިނުމުގެ ކުރިން، ބަންދުގެ ބައި ވެސް ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލަކާ އެކު ތޯ ގާޒީ އެއްސެވި އެވެ. އައްމަޓީ ބުނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. ނަމަވެސް، އޭނާ އަމިއްލައަށް ދައުލަތުގެ ބައެއް ވާހަކަތަކަށް ރައްދު ދިނެވެ.

އައްމަޓީ ބުނީ އޭނާ އަކީ ދުވަހަކު ވެސް މުޖުތަމައުއަށް ނުރައްކަލެއް ކުރިމަތިކުރުވާފައިވާ މީހެއް ނޫން ކަމަށެވެ. އަދި އޭނާ އަކީ ފިލައިގެން އުޅެފައިވާ މީހެއް ވެސް ނޫން ކަމަށް ބުންޏެވެ. އޭނާ ލަންކާގައި އުޅުނީ އެ ގައުމުގެ މީހަކާ އިނދެގެން އުޅޭތީ ކަމަށާއި މި މައްސަލަތައް ފެންމަތިވުމުގެ ކުރިން ވެސް ލަންކާގައި އުޅުނު ކަމަށެވެ.

ދައުލަތުގެ ވާހަކަތައް ދޮގުކޮށް، އޭނާ އިތުރަށް ބުނީ ސީލައިފުން އަމަލުކޮށްފައި ވާނީ އެޗްޑީސީއާ އެކު ހެދި އެއްބަސްވުމާ އެއްގޮތަށް ކަމަށެވެ. އަދި ދައްކަން ޖެހޭ ފައިސާ ނުދެއްކުނީ އެޗްޑީސީން އެއްބަސްވުމާ ހިލާފުވުމުން ކަމަށް ބުންޏެވެ.

އޭގެ އިތުރުން، ސީލައިފްއިން ފައިސާއަށް ހިޔާނާތްތެރިވެފައި ނުވާ ކަމަށް މައްސަލަ ބެލި ފުލުހުންގެ އައިއޯ މުއްދަތު މަޖިލީހެއްގައި ކޯޓުގައި ބުނެފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.

ޝަރީއަތް ނިމެންދެން ބަންދު ކުރުމާ މެދު ގޮތެއް ނިންމަން ވަކީލެއްގެ ހާޒިރުގައި ފުރުސަތު ދޭން ގާޒީ މިއަދު ނިންމެވީ އޭނާގެ ބަންދު ހަތް ދުވަހަށް އިތުރު ކުރުމަށެވެ. ދެން ބާއްވާ އަޑުއެހުމެއްގައި ވަކީލެއްގެ ހާޒިރުގައި އެކަމާ މެދު ގޮތެއް ނިންމަވާނެ ކަމަށް ގާޒީ ވިދާޅުވި އެވެ.

އައްމަޓީ މިއަދު ބުނީ، އޭނާ އަކީ މައިބަދައިގެ މައްސަލައަކަށް ފަރުވާ ހޯދަން ޖެހިފައިވާ މީހެއް ކަމަށެވެ. އެގޮތުން ބައެއް ދުވަސް ދުވަހު އެކަމާ ހެދި ނުހިނގޭ ކަމަށް ބުންޏެވެ.

މީގެ ކުރިން އައްމަޓީ ރިމާންޑު ޖަލެއްގައި ބަހައްޓަން ކޯޓުން އަމުރު ނެރުނަސް އޭނާ އަދިވެސް ބަންދުކޮށްފައި ހުރީ ކަސްޓޯޑިއަލް ޖަލެއްގަ އެވެ. އެކަމާ ގުޅިގެން ބޭސްފަރުވާ ހޯދަން ދަތިވާ ކަމަށް ބުނެ އައްމަޓީ ވަނީ މިއަދު އޭނާ ރިމާންޑު ޖަލަކަށް ބަދަލު ކުރުމުގެ އަމުރެއް ނެރެދިނުމަށް އެދިފަ އެވެ. ގާޒީ އެފަދަ އަމުރެއް ނެރެދެއްވި އެވެ.

އައްމަޓީގެ މައްޗަށް އުފުލާފައިވާ 42 ދައުވާ ސާބިތުވެއްޖެ ނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އިއްވޭނެ އެވެ.

ސީ ލައިފުން ފައިސާ އަނބުރާ ނުދިނުމުގެ ސަބަބުން ގެއްލުންވި މީހުންގެ ތެރެއިން 203 މީހަކު ކޯޓުގައި ދައުވާކުރުމުން ސަރުކާރުން މައްސަލައިގެ ތެރެއަށް ވަދެ، ދައުވާކުރި މީހުންނަށް ބަދަލުދޭން ވަނީ ނިންމައިފަ އެވެ. އެގޮތުން، ފައިސާގެ ބަދަލުގެ އިތުރުން ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ފްލެޓް ގަތުމަށް އެ މީހުންނަށް ފުރުސަތު ދޭ ގޮތަށް ކޯޓުން ބޭރުގައި މައްސަލަ ވަނީ ނިންމައިފަ އެވެ.