10 ޖޫން 2021 - 14:07

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގައި އަނިޔާވެ، ހާލުގައި ޖެހިފައިވާ އާދަމް އުމަރަށް އެހީވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން މިއަދު ބުނެފި އެވެ.
މިދިޔަ މަހުގެ ހަ ވަނަ ދުވަހު ރޭ މަޖީދީމަގުން، ގ. ކެނެރީގެ ހުންނަ ނީލޯފަރު ގޯޅި ކަންމަތީގައި ގޮއްވާލި އައިއީޑީ ބާރުގަދަ ކުރުމަށް ރޭޒާ ފުއްތަކާއި އެހެނިހެން މައުދަންތަކެއް އެއަށް އަޅާފައިވާއިރު އެ ހަމަލާގައި ނަޝީދުގެ އިތުރުން އޭނާގެ ދެ ބޮޑީގާޑުންނާއި އާންމުންގެ މީހަކަށް އަނިޔާވި އެވެ.
ހަމަލާއަށް މަސް ދުވަސްވީއިރު އާންމުންގެ ތެރެއިން އަނިޔާވި، އާދަމް އަލީ، ހާލުގައި ޖެހި، އެ ވާހަކަ "މިހާރު" އިން ރިޕޯޓްކުރުމުން ޖެންޑާ މިނިސްޓްރީން ބުނެފައި ވަނީ އެ މިނިސްޓްރީގެ މެންޑޭޓުގެ ދަށުން ފޯރުކޮށްދެވޭނެ އެހީގެ މައުލޫމާތު ހިއްސާކޮށް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއާ ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އޭނާއަށް އެހީ ފޯރުކޮށްދޭން ފެށޭނެ ވަކި ދުވަހެއް ނުބުނެ އެވެ.
އާދަމް ބުނެފައިވާ ގޮތުގައި އެ ހާދިސާ ހިނގި ރޭ އޭނާއަށް މަޑުކޮށްލައިގެން ހުރެވުނީ ބޮން ގޮއްވާލި ސައިކަލާ ވަރަށް ގާތުގަ އެވެ. އެތަނުގައި އޭނާ މަޑުކޮށްލައިގެން ހުރީ ނީލޯފަރު މަގުން މަޖީދީ މަގާވީ ކޮޅުގައި ނަޝީދުގެ ކާރުކޮޅު ޕާކުކޮށްފައި އޮތުމުން، އެ މަނިކުފާނު އެއަށް އަރައިވަޑައި ގަންނަވަންދެނެވެ.
އެކަމަކު، ނަޝީދު އެ ހިސާބަށް ވަޑައިގަތުމާ އެކު ގޮއްވާލި ބޮމުގެ ސަބަބުން އާދަމްގެ ކަނާތު ފައިގެ ކުޑަވައި އިނގިލީގެ ކަށިގަނޑު ބިނދި އޭނާގެ މުޅި ފައި އޮތީ އަދިވެސް ދުޅަވެފަ އެވެ. ފަޔަށް ލިބުނު އަނިޔާ އެކީ ފަސޭހަވެފައި ނުވާތީ އޭނާ އުޅެމުން އަންނަނީ އަސާގެ އެހީގަ އެވެ.
އޭނާގެ ކުށެއް ނެތި ލިބުނު އަނިޔާއާ ގުޅިގެން ސަރުކާރުގެ އެހީ ލިބެން ޖެހޭ ކަމަށް އާދަމް ގަބޫލުކުރެ އެވެ. އޭނާ ވަނީ މީގެ ހަފްތާއެއް ކުރިން އެހީއަށް އެދި ޖެންޑާ މިނިސްޓްރީއަށް ސިޓީ ވެސް ފޮނުވައިފަ އެވެ. އެކަމަކު އިއްޔެގެ ނިޔަލަށް އެ ސިޓީއަށް ޖަވާބު ނުލިބޭ ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.