ވަޒީރުން ސަސްޕެންޑް ކުރުން ގާނޫނުއަސާސީއާ ހިލާފު ކަމެއް: ޖަމީލް
ވަޒީރުން ސަސްޕެންޑް ކުރުން ގާނޫނުއަސާސީއާ ހިލާފު ކަމެއް: ޖަމީލް

ވަޒީރުން މަގާމުން ވަކިނުކޮށް ޒިންމާތަކުން އެކަހެރި ކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައެއް ތަހުގީގު ކުރުމަށް ފަހު ދައުވާ ކުރަން ފޮނުވާފައިވާ، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ ފޮޓޯއަކާ އެކު ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ވަޒީރަކު ސަސްޕެންޑް ކުރުމަކީ ގާނޫނުއަސާސީގެ އެއްވެސް މާއްދާއަކުން ރައީސުލްޖުމްހޫރިއްޔާއަށް ލިބޭ ބާރެއް ނޫން ކަމަށެވެ. އަދި ވަޒީރުން މަގާމުން ވަކިނުކޮށް ގާނޫނުއަސާސީން އޭނާއަށް މަތިކުރާ ދުސްތޫރީ ޒިންމާތަކުން ދުކުރުކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް ޖަމީލް ވިދާޅުވި އެވެ.

"ވަޒީރަކު ސަސްޕެންޑް ކުރިޔަސް ގާނޫނުއަސާސީ ބުނާގޮތުން މަޖިލީހަށް ޖަވާބުދާރީވާން ޖެހެނީ އޭނާ،" ޖަމީލް ވިދާޅުވި އެވެ.

މަހުލޫފްގެ މައްސަލާގައި އޭސީސީން ބުނި ގޮތުގައި، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުގެ ގޮތުގައި މަހުލޫފު ހުންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓުދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ ބަދަލެއްގެ ގޮތުގައި 33,000 ޑޮލަރު އޭނާ އަށް ލިބިވަޑައިގެންފައިވެ އެވެ.

އޭގެ އިތުރުން، އެސްއީޒެޑް ބިލް ފާސްކުރަން ވޯޓު ދެއްވުމަށް އޮގަސްޓް 27، 2014 މަޖިލީހުގެ ޖަލްސާ އަށް މަހުލޫފު ވަޑައިގެންފައި ވަނީ ސީދާ މަޖިލީހުގެ ވޯޓަށް ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.

މަހުލޫފުގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފައި ވާތީ، ޕީޖީ އޮފީހުން ވަކި ގޮތެއް ނިންމެވުމާ ހަމަ އަށް ހުރިހާ މަސައްކަތްތަކުން އޭނާ އެކަހެރިވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަންގަވައިފަ އެވެ.

ހިޔާނާތުގެ ފައިސާ ލިބުނު އެސްއޯއެފުން ޑޮލަރު ޖަމާކުރި ފަރާތްތަކުގެ ތަފްސީލު ހިމެނޭ ރިޕޯޓު އޭސީސީން ނެރުނުއިރު، އޭގައި ވެސް މަހުލޫފުގެ މުއާމަލާތެއް ހިމެނުނެވެ. އެ މައްސަލައިގައި ފެބްރުއަރީ 14، 2019 ގައި ރައީސް ނިންމެވީ އޭނާ ސަސްޕެންޑުކުރުމަށެވެ.