ޕުޓިން އަށް އިންޒާރު ދެއްވަމުން ބައިޑަން ޔޫރަޕަށް
ޕުޓިން އަށް އިންޒާރު ދެއްވަމުން ބައިޑަން ޔޫރަޕަށް

ގެއްލުން ދެނިވި ކަންކަމުގައި ރަޝިޔާ ބައިވެރިވާ ނަމަ، ވަރުގަދަ ހިތި ނަތީޖާއަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ވިދާޅުވެ، ރަޝިޔާ އަށް އިންޒާރު ދެއްވަމުން، އެމެރިކާގެ ރައީސް ޖޯ ބައިޑަން، ޔޫރަޕްގެ ގައުމުތަކަށް ކުރައްވާ އަށް ދުވަހުގެ ދަތުރުފުޅެއް އިއްޔެ ފައްޓަވައިފި އެވެ.

ބައިޑެންގެ މި ދަތުރުފުޅުގައި އެންމެ ފުރަތަމަ އިއްޔެ ވަޑައިގަތީ، އިނގިރޭސި ވިލާތުގެ ސަފޯކްގައި އެމެރިކާ ސިފައިން ތިބޭ ވައިގެ އަސްކަރީ މަރުކަޒު، އާރްއޭއެފް މިލްޑެންހޯލް އަށެވެ. އެ ތަނުގައި އެމެރިކާ ސިފައިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ބައިޑަން ވިދާޅުވީ، އެމެރިކާ ބޭނުންވަނީ ސުލްހަވެރި މުޖްތަމައެއް ކަމަށެވެ.

"ރަޝިޔާއާ އެކު ކޯޅުމެއްގެ ތެރެއަށް ވަންނާކަށް އަހަރެމެން ބޭނުމެއް ނޫން. އަހަރެމެން ބޭނުންވަނީ ހަމަޖެހުން ގާއިމުވެފައި އޮންނަ، އަދި ވާނުވާ އެނގޭ ފަދަ ގުޅުމެއް ދެ ގައުމުގެ މެދުގައި އޮންނަން. އެކަމަކު ވެސް ވަރަށް ސާފުކޮށް މި ބުނަނީ؛ ގެއްލުން ދެނިވި ކަމެއްގައި ރަޝިޔާ ސަރުކާރު ބައިވެރިވާ ނަމަ، އެމެރިކާ އިން އެކަމަކަށް ގަދަފަދަ އަދި މާނަފުން ގޮތެއްގައި ރައްދު ދޭނަން،" ބައިޑެން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމެރިކާގެ ރައީސްގެ ހައިސިއްޔަތުން ކުރައްވާ މި ދަތުރުފުޅުގެ ކޮންމެ މަންޒިލެއްގައި ވެސް، ދުނިޔެ އަށް ޔަގީންކޮށްދޭން ބޭނުންވަނީ، އެމެރިކާ އެނބުރި ބައިނަލްއަގްވާމީ މުޖްތަމަ އަށް އަތުވެއްޖެ ކަމެވެ. އަދި "އަހަރެމެންނާ ކުރިމަތިވެފައިވާ އެންމެ ވަރުގަދަ ގޮންޖެހުންތައް ހުރަސްކުރުމަށާއި، އަހަރެމެންގެ ކުރިމަގަށް އެންމެ މުހިންމުވާ މައްސަލަތައް ހައްލުކުރުމަށް، ދުނިޔޭގެ ޑިމޮކްރެސީތައް އެކުގައި ތެދުވެއްޖެ ކަން" ޔަގީންކޮށްދެއްވާނެ ކަމަށް ވެސް ބައިޑެން ވިދާޅުވި އެވެ.

އެމެރިކާގެ ރިއާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނި ގޮތުގައި، ބައިޑެންގެ މި ދަތުރުފުޅުގައި ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިންއާ އެކު ބާއްވަވާ ބައްދަލުވުމުގައި، މިހާރު ހުރި ބޮޑެތި ހުރިހާ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ. އޭގެ ތެރޭގައި، ހަތިޔާރުގެ ވިޔަފާރި ކޮންޓްރޯލް ކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ އާއި، ޔޫކްރޭންގައި ރަޝިޔާ އިން ހިންގާ އަސްކަރީ ހަރަކާތްތަކާއި، ރަޝިޔާ އިން ހިންގާ ސައިބަ ހެކްކުރުމުގެ މައްސަލަތަކާއި، ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ ޖަލަށް ލާފައި ހުރި މައްސަލަ ހިމެނެ އެވެ.

ބައިޑަން އާއި ޕުޓިންގެ ބައްދަލުވުން އޮންނާނީ ސްވިޒަލޭންޑްގެ ޖެނީވާގައި މި މަހުގެ 16 ވަނަ ދުވަހު އެވެ.
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ވެރިކަމުގެ ދުވަސްވަރުން ފެށިގެން، އެމެރިކާ އާއި ރަޝިޔާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ. ހުޅަނގުގެ ގައުމުތަކުން ރަޝިޔާއާ "ކުޅެން" ނުވިސްނުމަށާއި، ހުޅަނގުގެ އެއްވެސް ގައުމަކުން ރަތް ރޮނގު ހުރަސް ނުކުރުމަށް، މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ޕުޓިން އިންޒާރުކުރެއްވި އެވެ.

ޖީ-7ގެ ގައުމުތަކުގެ ވެރިން، އިނގިރޭސި ވިލާތުގެ ކޯންވޯލް އަށް ވަޑައިގަންނަވާނީ، މާދަމާ އެވެ. މަހާސިންތާ ކުރިއަށް ދާނީ ހަފުތާ ބަންދުގެ ތެރޭގަ އެވެ. މިފަހަރުގެ މަހާސިންތާގައި އެންމެ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރާނީ، ކޮވިޑް ވަބާ އިން ރައްކާތެރިވުމާ ބެހޭ ގޮތުންނެވެ. ހާއްސަކޮށް، ކުރިމަގުގައި މެދުވެރިވެދާނެ މިފަދަ ވަބާތަކުން ރައްކާތެރިވެވޭ ފަދަ، ބައިނަލްއަގުވާމީ ސިއްހީ ނިޒާމެއް ގާއިމުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ.

އޭގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުންނާއި ބައިނަލްއަގްވާމީ ވިޔަފާރީގެ ދާއިރާއިން ވެސް މަޝްވަރާތައް ކުރިއަށް ގެންދާނެ އެވެ. މަހާސިންތާގެ ނިންމާ ޖަލްސާގައި، ޖީ-7ގެ ގައުމުތަކުން އެއްބަސްވި ކަންތައް އިއުލާން ކުރާނެ އެވެ.

ބައިޑެންގެ މި ދަތުރުފުޅުގައި އިނގިރޭސި ބޮޑުވަޒީރު ބޮރިސް ޖޯންސަންއާ ވަކިން ބައްދަލުކުރައްވައި، އާ "އެޓްލާންޓިކް ޗާޓަރު"ގައި ސޮއިކުރައްވާނެ އެވެ. މިއީ، އިނގިރޭސި ވިލާތުގެ ކުރީގެ ބޮޑުވަޒީރު ވިންސްޓަން ޗާޗިލް އާއި އެމެރިކާގެ ކުރީގެ ރައީސް ފްރެންކްލިން ރޫޒަވެލްޓްއާ ދެމެދު 1941 ވަނަ އަހަރު ސޮއިކުރެއްވި ފަދަ މުއާހަދާއެކެވެ. އޭގައި ހިމެނޭ ކަންކަމުގެ އިތުރުން، މިފަހަރުގެ މުއާހަދާއަށް، މޫސުމަށް އަންނަ ބަދަލުތަކާއި ސަލާމަތާ ގުޅޭ ކަންކަން ވަނީ އިތުރުކޮށްފަ އެވެ.

ޖީ-7ގެ ގައުމުތަކުގެ އެންމެ އިސް ވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، ބައިޑެންގެ މިދަތުރުފުޅުގައި ޔޫރަޕްގެ ބައެއް ގައުމުތަކަށް ވަޑައިގަންނަވާނެ އެވެ. އިނގިރޭސި ވިލާތުގެ ކޯންވޯލްގައި ތިން ދުވަހުގެ މުއްދަތަށް އޮންނަ ޖީ-7ގެ މަހާސިންތާ އަށް ފަހު، ބެލްޖިއަމްގެ ބްރަސެލްސް އަށް ވަޑައިގެން، ހޯމަ ދުވަހު، ޔޫރަޕްގެ އިއްތިހާދުގެ ވެރިންގެ ބައްދަލުވުމުގަ އާއި، އަންގާރަ ދުވަހު، ނޭޓޯގެ އިސް ވެރިންގެ ބައްދަލުވުމުގައި ބައިވެރިވަޑައިގަންނަވާނެ އެވެ.

ޖީ-7ގައި ހިމެނެނީ އިގްތިސާދީ ގޮތުން އެންމެ ކުރިއަރާފައިވާ ހަތް ގައުމުގެ ގޮތުގައި ބެލެވޭ އެމެރިކާ، ކެނެޑާ، ފްރާންސް، ޖަރުމަން، އިޓަލީ، ޖަޕާން، އިނގިރޭސި ވިލާތް އަދި ޔޫރަޕިއަން ޔޫނިއަން އެވެ.