ބޮމުގެ ހަމަލާގައި ޒަހަމްވި މީހާއަށް އެހީދޭން ގޮވާލައިފި
ބޮމުގެ ހަމަލާގައި ޒަހަމްވި މީހާއަށް އެހީދޭން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާގައި ޒަހަމްވި އާދަމް އުމަރަށް ސަރުކާރުގެ އެހީތެރިކަން ދިނުމަށް އާންމުން ގޮވާލައިފި އެވެ.

މަޖީދީމަގުން، ގ. ކެނެރީގެ ހުންނަ ނީލޯފަރު ގޯޅި ކަންމަތީގައި މިދިޔަ މަހުގެ ހަ ވަނަ ދުވަހުގެ ރޭ ގޮއްވާލި ބޮމުގައި ނަޝީދުގެ އިތުރުން ހަތަރު މީހަކު ޒަހަމްވި އެވެ. އޭގެ ތެރޭގައި އެ މަނިކުފާނުގެ ދެ ބޮޑީގާޑަކާއި އެ ސަރަހައްދުގައި ހުރި ބޭރު މީހެއްގެ އިތުރުން އާދަމް ހިމެނެ އެވެ.

ނަޝީދަށް ހަމަލާދޭން ބޭނުންކުރި އައިއީޑީގައި ހުރި ރޭޒާ ފުއްތަކަކާއި މީހުންނަށް ގެއްލުންދޭ ޒާތުގެ އެހެން މައުދަންތަކެއް އެ މަނިކުފާނުގެ ހަށިގަނޑުގެ އެތެރެއަށް ވަދެފައިވާތީ އެ ތަކެތި ނަގަން 16 ގަޑިއިރުގެ އޮޕަރޭޝަނެއް ކުރަން ޖެހުނެވެ. އޭގެ ފަހުން، އިތުރު ފަރުވާ އަށް ނަޝީދު ވަޑައިގެންނެވީ ޖަރުމަނަށެވެ.

ހަމަލާގައި ހދ. ވައިކަރަދޫ، އާދަމްގެ ކަނާތު ފައިގެ ކުޑަވައި އިނގިލީގެ ކަށިގަނޑު ބިންދައިގެން ގޮސްފައި ވެ އެވެ. އެ ހާދިސާއަށް މަހެއް ވެގެންދިޔައިރު ވެސް އޭނާއަށް ނުހިނގެ އެވެ. އެއާއެކު، 11 އަހަރުވަންދެން އަދާކުރަމުންދިޔަ ވަޒީފާއިން ވަނީ ވަކިވެފަ އެވެ.

އޭނާ "މިހާރު" އަށް އިއްޔެ ބުނީ ޒަހަމްތަކަށް އެއް މަސްވެގެން ދިޔައިރު ސަރުކާރުގެ އެއްވެސް އިދާރާއެއްގެ އެހީތެރިކަމެއް ނުލިބޭ ކަމަށެވެ. މާލީ އެހީތެރިކަން ހޯދަން ޖެންޑާ މިނިސްޓްރީ އަށް ސިޓީ ލިޔަސް އެ ތަނުގެ ޖަވާބެއް އަދި ނުލިބެ އެވެ.

"އަޅުގަނޑަށް ސަރުކާރުގެ އެހީ ލިބެންޖެހޭނެ ކަމަށް ގަބޫލުކުރަނީ،" އާދަމް ބުންޏެވެ.

އެކަމާ ގުޅިގެން "މިހާރު" ގައި އިއްޔެ ޖެހި ހަބަރާ ގުޅިގެން އެތައް ބަޔަކު ވަނީ އާދަމަށް ސަރުކާރުގެ އެހީ ދިނުމަށް ގޮވާލައިފަ އެވެ. އޭގެ ފަހުން އޭނާ އަށް އެހީވުމަށް އަމިއްލަ އެކި ފަރާތްތަކުން ގުޅި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ އެމްޑީޕީގެ ކުރީގެ މެމްބަރު އިބްރާހިމް ދީދީ (ޑީޑީ) ކުރެއްވި ޓްވީޓުގައި ވިދާޅުވީ ހަމަލާއަށް ފަންޑު ކުރި ބަޔަކު އެނގުމުން އެ މީހުން އަތުން ބަދަލު ނަގައިދޭ ގޮތަށް އާދަމް ރާއްޖެއިން ބޭރަށް ފޮނުވައިގެން ފަޔަށް ބޭސްކޮށްދީ އަދި ދިރިއުޅުމަށް ވި ގެއްލުމުގެ ބަދަލު ލިބެންޖެހޭނެ ކަމަށެވެ.

ފާތިމަތު އިޝާން އަލީގެ ނަމުގައި ކުރި ޓްވީޓެއްގައި ބުނީ ރާއްޖޭގައި ބޮމެއް ގޮއްވާލީ ސަލާމަތީ ބާރުތައް ފެއިލްވެގެން ކަމަށެވެ.

"ސަރުކާރުން، މި ބޮމުގެ ހާދިސާގައި ޒަހަމްވި އެންމެން ހޯދައި އެމީހުންނަށް ލިބެންޖެހޭ ބޭސްފަރުވާ ހޯދައިދޭންޖެހޭ. ސަރުކާރުން ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ބަލަހައްޓައި ނުދީ ބޮޑެތި އިހުމާލުވެ ރައްޔިތުން ބިކަ،" އެ ޓްވީޓުގައި ބުންޏެވެ.

"ނިކަމެތި މީހާއަށް ނިކަމެތި ގޮތް. މީވާ ގައުމެއް،" އެހެން މީހެއްގެ ޓްވީޓުގައި ބުންޏެވެ.

"މިހާރު"ގެ ހަބަރަށް 100 އަށްވުރެ ގިނަ ލިބުނުއިރު، އެ ކޮމެންޓުތަކުގައި ވެސް ގިނަ ބަޔަކު ވަނީ ސަރުކާރަށް ފާޑުކިޔައި، އެ ހަމަލާގައި ޒަހަމްވި މީހުންގެ ފަރުވާގެ ހަރަދުތައް ހަމަޖެއްސުމަށް ގޮވާލައިފަ އެވެ.

"ވަރަށް ބޭއިންސާފު. އެއް ހާދިސާއެއްގައި ޒަހަމް ވި އެންމެންނަށް އެއް އުސޫލުން އެކުގައި ތަފާތުކުރުމެއްނެތި ފަރުވާ ލިބެންޖެހޭ. އޮޑިއެއް ކަނޑުވާއިރު ސަލާމަތް ކުރުމާ، ފަރުވާ ދޭއިރު އޭގައި ތިބި އެކި މީހުންގެ ނަސްލާ މަގާމު ތަކަށް ބަލައިގެނެއްނޫން ފަރުވާދޭނެ މިންގަނޑު ކަނޑައަޅަން ޖެހޭނީކީ،" ހަބަރަށް ކުރި ކޮމެންޓެއްގައި ވެ އެވެ.

"ހަމަލާއިން އަނިޔާވި އާދައިގެ މީހާގެ ހާލު މި ބަލާލެވުނީ މަހެއް ފަހުން. މޮޅު މީހާ އަށް މޮޅު ގޮތް. ދެރަ މީހާއަށް ދެރަ ގޮތް."

އާދަމް ބުނީ މި ވޭތުވެދިޔަ މަހެއްހާ ދުވަހު ތެރޭ މަޖިލީހުގެ ނައިބު ރައީސް އަދި ނަޝީދުގެ ދެބެއިންގެ ދެދަރި ކޮއްކޮ، އީވާ އަބްދުﷲ، އޭނާ އަށް ގުޅުއްވި ކަމަށެވެ. ހާލު އައްސަވައި އެހީ ހޯދަން މަސައްކަތް ކޮށްދެއްވާނެ ކަމަށް އެ ދުވަހު ވިދާޅުވި ކަމަށް އާދަމް ބުންޏެވެެ. އޭގެ ފަހުން އޭނާގެ ހާލު ބަލަން އިތުރު މީހަކު ނުގުޅަ އެވެ.