10 ޖޫން 2021 - 10:04

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ ޖިންސީ ކުށުގެ ދައުވާތަކުގެ މިއަދުގެ އަޑުއެހުމުގައި އޮންލައިންކޮށް ބައިވެރިވެވޭނެ ގޮތް ހަދައިގެން އެދިވަޑައިގެންފައި ވަނިކޮށް އަޑުއެހުން ކެންސަލްކޮށްފި އެވެ.
ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު "މިހާރު" އަށް ވިދާޅުވީ، ޝަރީއަތް ކެންސަލް ކުރިކަން ޕީޖީއަށް ކްރިމިނަލް ކޯޓުން އަންގާފައިވަނީ، ޝަރީއަތުގައި އޮންލައިންކޮށް ބައިވެރިވާން އެދިވަޑައިގެން އަލީ ވަހީދު މެޑިކަލް ޑޮކިއުމަންޓުތަކެއް ކޯޓަށް ފޮނުވާފައި ވާތީ ކަމަށެވެ. ނަމަވެސް ޝަރީއަތް ކެންސަލްކުރި ސީދާ ސަބަބެއް އަދި ނޭނގެ އެވެ.
މިކަމާ ބެހޭ ގޮތުން ކްރިމިނަލް ކޯޓުގެ ބަހެއް އަދި ނުލިބެ އެވެ.
އަލީ ވަހީދުގެ ޝަރީއަތް ކެންސަލްކުރި އިރު އޭނާ ހުންނެވީ ބޭސްފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ދިން ހުއްދައެއްގެ ދަށުން ރާއްޖޭން ބޭރުގަ އެވެ. ރާއްޖޭން ބޭރުގައި ހުންނެވުމަށް ދިން ހަތަރު މަހުގެ މުއްދަތު އިއްޔެ ވަނީ ހަމަވެފަ އެވެ.
އަލީ ވަހީދު ރާއްޖޭން ބޭރަށް ވަޑައިގަތުމަށް ހުއްދަ ދީފައިވަނީ އެނބުރި ވަޑައިގަންނަވާނެ ކަމުގެ ޔަގީންކަމެއްގެ ގޮތުން، އޭނާގެ އެކުވެރިއެއް ކަމަށްވާ އަސްހަދު އަލީ (އަޑުބަރޭ) ޖާމިނުވެފަ އެވެ. މި މުއްދަތުގައި އަލީ ވަހީދު ހާޒިރު ނުވެއްޖެ ނަމަ އަސްހަދަށް، ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅައިދޭން ޕީޖީން ވަނީ އެދިފަ އެވެ.
އޮންލައިންކޮށް ޝަރީއަތުގައި ބައިވެރިވެވޭނެ ގޮތް ހަދައިދޭން އަލީ ވަހީދު ފޮނުއްވި ސިޓީއާ ގުޅިގެން ކޯޓުން ނިންމި ގޮތެއް އަދި ނޭނގެ އެވެ. އެ ފުރުސަތު ކޯޓުން ދޭ ނަމަ ބޮޑަށް ބެލެވެނީ އެކަމަށް ހާއްސަކޮށްފައިވާ ފޯމެއް ހުށަހަޅައިގެން ހުއްދައަށް އެދުމުގެ ފުރުސަތު އަލީ ވަހީދަށް ދޭނެ ކަމަށެވެ.
އަލީ ވަހީދުގެ މައްޗަށް ވަނީ ޖިންސީ އަނިޔާ ކުރުމުގެ ދައުވާއަކާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގަން އެދުމުގެ ދެ ދައުވާއެއް ކޮށްފަ އެވެ. އެ ދައުވާތައް ސާބިތުވެއްޖެ ނަމަ، މަދުވެގެން 21 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ.