21 ނޮވެމްބަރ 2016 - 21:40

ޔަންގޫން (ނޮވެމްބަރު 21) - މިއަންމާގެ ރޮހިންޔާ ދަރިކޮޅުގެ މުސްލިމުން ދިރިއުޅުނު އަވަށަކުން 1،200 އަށް ވުރެ ގިނަ ގޭ ވޭތުވެދިޔަ ހަ ހަފުތާ ތެރޭ ހަލާކުކޮށްލާފައިވާ ކަމަށް ހިއުމަން ރައިޓްސް ވޮޗުން ބުނެފި އެވެ.
އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ޖަމާއަތުން ވަނީ މި މަހު 10-18 އާ ދެމެދު މުސްލިމުންގެ އަވަށަށް ދިން ގެއްލުންތަކުގެ ސެޓެލައިޓް ފޮޓޯތައް އާއްމުކޮށްފަ އެވެ. ރަކިނީ ސްޓޭޓުގެ މުސްލިމުންނާ ދެކޮޅަށް އުދުވާން ހިންގަނީ މިއަންމާ ސިފައިންނެވެ. ނަމަވެސް ސަރުކާރުން އެކަން ދޮގު ކުރެ އެވެ. މިއަންމާ ސަރުކާރުން ބުނަނީ ރޮހިންޔާ މުސްލިމުން ދަނީ އެ މީހުންގެ އަމިއްލަ ގެ ދޮރުގައި އަލިފާން ޖަހަމުން ކަމަށެވެ. ބޭނުމަކީ ބައިނަލްއަގުވާމީ ސަމާލުކަން ހޯދުން ކަމަށް ވެސް ބުނެފައިވެ އެވެ.
ރޮހިންޔާ ދަރިކޮޅުގެ މުސްލިމުންނަކީ ދުނިޔޭގެ އެންމެ ނިކަމެތި ހާލުގައި ދިރިއުޅޭ މުސްލިމުންގެ އެއް ބައެވެ. ރަކިނީ ސްޓޭޓުގައި ދިރިއުޅޭ ބައި މިލިއަނެއްހާ މުސްލިމުންނަކީ މިއަންމާ ސަރުކާރުން ބަލައިގެންފައިވާ ބައެއް ނޫނެވެ.
ހިއުމަން ރައިޓްސް ވޮޗުން މި މަހު 13 ވަނަ ދުވަހު ވަނީ ސިފައިން ހަލާކުކޮށްލާފައިވާ ރޮހިންޔާ މުސްލިމުންގެ 430 ގެއެއްގެ ސެޓެލައިޓް ފޮޓޯ އާއްމުކޮށްފަ އެވެ.
ރަކިނީގައި 2012 ވަނަ އަހަރު ވަނީ ރޮހިންޔާ މުސްލިމުންނާއި ބުޑިސްޓުންނާ ދެމެދު ވެސް ކުރިމަތިލުންތަކެއް ހިންގައިފަ އެވެ.