10 ޖޫން 2021 - 10:47

ރާއްޖޭގައި އިންޓަނޭޝަނަލް ތްރީ އޮން ތްރީ ބާސްކެޓްބޯޅަ މުބާރާތް ބާއްވަން އިންޑިއާ ކުންފުންޏަކަށް، ދުނިޔޭގެ ބާސްކެޓްބޯޅައިގެ މައި އިދާރާ (ފީބާ) އިން ހަވާލުކޮށްފި އެވެ.
އިންޑިއާގެ ހަރިޔާނާ ސްޓޭޓްގައި މައި މަރުކަޒު ގާއިމުކޮށްފައިވާ، "ވައިކޭބީކޭ އެންޓަޕްރައިސް ޕްރައިވެޓް ލިމިޓެޑް" އާ، ފީބާއިން ހަވާލުކުރީ ރާއްޖެ ހިމެނޭ ގޮތަށް އިންޑިއާ ސަބްކޮންޓިނެންޓްގައި ތްރީ އޮން ތްރީ އިންޓަނޭޝަނަލް މުބާރާތް ބޭއްވުމަށެވެ. އެއީ ރާއްޖެ އާއި އިންޑިއާގެ އިތުރުން، ސްރީ ލަންކާ، ބަނގުލަދޭޝް އަދި ނޭޕާލެވެ.
ތްރީ އޮން ތްރީ ބާސްކެޓްގެ ހަރާކާތްތަތައް ފުޅާކުރުމަށްޓަކައި ފީބާއިން ވަނީ އެކި ސަރަހައްދުތަކުގައި ގިނަ އަދަދަކަށް އިންޓަނޭޝަނަލް މުބާރާތްތައް ބޭއްވުމަށް އަމާޒު ހިފައިފަ އެވެ. މިސަރަހައްދުގައި ބާއްވާ މުބާރާތްތައް އައުޓްސޯސް ކުރަން ފީބާއިން ނިންމައި، އެ ފުރުސަތު ވައިކޭބީކޭ އެންޓަޕްރައިސްއަށް ދިނީ މިހާރު ވެސް އިންޑިއާގައި ގިނަ އަދަދެއްގެ މުބާރާތް ބާއްވާފައި ވުމުންނެވެ.
ވައިކޭބީކޭގެ ޗެއާމަނަކީ ޖަޕާންގައި ދިރިއުޅެ ބޮޑުވި އިންޑިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ ރޯހިތު ބަކްޝީ އެވެ.
އިންޑިއާގެ އައުޓްލްކް ނޫހުގައި ބުނެފައި ވަނީ ރާއްޖޭގައިވެސް ތްރީ އޮން ތްރީ ބާސްކެޓްބޯޅަ ލީގު ބޭއްވުމުގެ އެކްސްކްލޫސިވް ރައިޓްސް ދީފައި ވަނީ ވައިކޭބީކޭ އަށް ކަމަށެވެ. ނަމަވެސް އެ މުބާރާތް ރާއްޖޭގައި ބާއްވާ ނަމަ ރާއްޖޭގެ ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ) ގެ ބައިވެރިވުން އެ ކުންފުނިން ހޯދާނެ ކަމަށް ބެލެވެ އެވެ.
ސެޕްޓެމްބަރު 2019 ގައި ރާއްޖޭގައި ވަނީ، އިންޓަނޭޝަނަލް ތްރީ އޮން ތްރީ ބާސްކެޓްބޯޅަ މުބާރާތެއް ބާއްވާފަ އެވެ. އެ މުބާރާތުގައި ޖަޕާނާއި ޗައިނީޒް ޓައިޕޭއަށް ނިސްބަތްވާ ޓީމު ތަކުންވެސް ބައިވެރިވި އެވެ.