ޔޫރޯގެ ހާއްސަ އެޑިޝަނެއް "މިހާރު"ން ލޯންޗްކޮށްފި
ޔޫރޯގެ ހާއްސަ އެޑިޝަނެއް "މިހާރު"ން ލޯންޗްކޮށްފި

ހުކުރު ދުވަހު ފަށާ، ޔޫރަޕްގެ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް، ޔޫރޯ އަށް ހާއްސަކޮށްގެން "މިހާރު" އިން ހާއްސަ އެޑިޝަނެއް ލޯންޗްކޮށްފި އެވެ.

މިހާރުގެ ޔޫރޯ ގައިޑްގައި ޓީމުތަކުގެ ޕްރޮފައިލް އާއި ޔޫރޯގައި ފާހަގަ ކުރެވޭނެ މުހިންމު ކުޅުންތެރިންގެ ޕްރޮފައިލް ހިމަނާފައި ވެ އެވެ. އަދި ޔޫރޯގެ މެޗުތައް ކުޅޭ ސްޓޭޑިއަމްގެ މައުލޫމާތުތަކާއި ޔޫރޯއާ ގުޅޭ ތާރީހީ މައުލޫމާތުތައް ވެސް ހިމަނާފައިވެ އެވެ. "މިހާރު"ގެ ޔޫރޯ ކަވަރޭޖްގައި ހިމެނޭ އެންމެ ހާއްސަ ބަޔަކީ ކިޔުންތެރިންގެ ބައިވެރިވުން ހިމެނޭ ސެގްމެންޓްތަކެވެ.

އޭގެ ތެރޭގައި ހިމެނޭނީ، މެޗުތަކުގެ ސްކޯ ޕްރިޑިކްޝަން ކޮމްޕެޓިޝަން، "މިހާރު" ޔޫރޯ ފޭންޓަސީ ލީގު، އަދި ޔޫރޯއާ ގުޅޭ ހާއްސަ ކުއިޒެވެ. ކުއިޒްގައި ޔޫރޯ އާ ގުޅޭ ހާއްސަ ދާއިރާތަކުން ސުވާލުތައް ހިމަނާފައި ވާނެ އެވެ. އެ ސުވާލުތައް ތައްޔާރުކޮށްފައި ވަނީ، "މިހާރު" އޮންލައިންގައި ޔޫރޯ އާ ގުޅޭ ގޮތުން ޕަބްލިޝްކޮށްފައިވާ ހަބަރުތަކާއި ރިޕޯޓްތަކުގައިވާ މައުލޫމާތުތައް ހިމަނައިގެންނެވެ.

މި ކްއިޒްގައި ބައިވެރިވެގެން ކިޔުންތެރިންގެ އާންމު މައުލޫމާތު މުއްސަނދިވާނެ އެވެ. ކުއިޒްގެ ސުވާލުތައް ހުށަހަޅާފައި ވަނީ އިހްތިޔާރީ ޖަވާބުތަކާ ވެސް އެކު އެވެ.

"މިހާރު" ޔޫރޯ ކަވަރޭޖްގައި ހިމެނޭ، ކިޔުންތެރިންގެ ބައިވެރިވާ ސެގްމެންޓްތަކުން އެންމެ ގިނަ މާކްސް ހޯދައިގެން އެއް ވަނައަށް ދާ މީހުންނަށް ހާއްސަ އިނާމްތަކެއް ވެސް ވަނީ ހަމަޖައްސައިފަ އެވެ.

ޔޫރޯގެ މެޗުތައް ކުރިއަށްދާ ވަގުތު، މިހާރުގެ ޔޫރޯ ކަވަރޭޖްގެ ތެރެއިން މެޗުތަކުގެ ލައިވް އަޕްޑޭޓް ގެނެސްދޭނެ އެވެ.

ޔޫރޯއަށް ހާއްސަކޮށް "މިހާރު" ނެރެފައިވާ ޔޫރޯ ސްކޯ ޗާޓް، ޗާޕް ކޮށްގެން ވަނީ މިހާރު ނެރެފަ އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތް ބާއްވަން، ޔޫއެފާއިން އެންމެ ފުރަތަމަ ހަމަޖައްސައިފައި އޮތީ މިދިޔަ އަހަރު އެވެ. އެހެންނަމަވެސް މުޅި ދުނިޔެ އަށް ކުރިމަތިވި ކޮވިޑް-19 ގެ ބިރުވެރި ކަމުގެ ސަބަބުން މިއަހަރަށް މުބާރާތް ފަސް ކުރީ އެވެ. މިއަހަރު ޔޫރޯ ބޭއްވި ނަމަވެސް މުބާރާތުގެ އޮފިޝަލް ނަމެއްގެ ގޮތުގައި ބޭނުން ކުރަން ޔޫއޭފާއިން ކަނޑައަޅައިފައި ވަނީ "ޔޫރޯ 2020" އެވެ.