ކޮވިޑް-19: މާލޭގެ ކޭސްތައް 200 އިން ދަށަށް!
ކޮވިޑް-19: މާލޭގެ ކޭސްތައް 200 އިން ދަށަށް!

މާލެ ސަރަހައްދުން އެއް ދުވަހުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓީވްވި މީހުންގެ އަދަދު 200 އިން ދަށަށް މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ހިނގައްޖެ އެވެ.

އެޗްޕީއޭ އިން މިރޭ އާންމުކުރި މައުލޫމާތުތަކަށް ބަލާއިރު، އިއްޔެ ހަވީރު 6 އިން މިއަދުގެ ހަވީރު 6 އަށް 341 މީހަކަށް ބަލިޖެހުނުއިރު، މާލެ ސަރަަހއްދުން ކޮވިޑަށް ޕޮޒިޓިވްވީ 160 މީހެކެވެ.

ކޮވިޑް ޖެހޭ މީހުންގެ އަދަދު ވަރަށް މަތީގައި ހުރުމަށް ފަހު، ބަލި ކޮންޓްރޯލް ކުރަން ސަރުކާރުން އެޅި ފިޔަވަޅުތަކަށް ދެ މަސް ވީ އިރު، މަޑުމަޑުން ކޭސްތަކުގެ އަދަދު އަންނަނީ ދަށްވަމުންނެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 5،190 ސާމްޕަލެއް ނެގިއިރު ކޮވިޑަށް ޕޮޒިޓިވްވީ 341 މީހެކެވެ. އެކަމަކު އޭގެ ތެރޭގައި ގިނައީ މާލެ ސަރަހައްދުގެ މީހުންނެވެ.

މާލެއިން، 160 މީހަކާއި ރަށްރަށުން 153 މީހަކާ އެކު ރިސޯޓުތަކުން 28 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވެ އެވެ.

މިދިޔަ 24 ގަޑިއިރުގެ ތެރޭގައި 2،179 މީހަކު ކޮވިޑުން ރަނގަޅުވެފައިވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

ރާއްޖެއިން ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު 69،213 އަށް މިއަދު ވަނީ އަރައިފަ އެވެ. އަދި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 53،392 އަށް އަރައިފަ އެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 15،621 މީހެކެވެ.

ކޮވިޑް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދެމުންދެމުން ދާ މީހުންގެ އަދަދު ވެސް އިއްޔެ އަށް ވުރެ މިއަދު މަދެ އެވެ. އިއްޔެ 152 މީހަކަށް ފަރުވާދިނެވެ. މިއަދު އެ އަދަދު އުޅެނީ 146 ގަ އެވެ.

ރާއްޖޭގައި މި ބަލި ފެތުރޭތާ މިވީ އެއް އަހަރުގެ ތެރޭގައި 191 މީހަކު ވަނީ މަރުވެފައިވެ އެވެ. މިދިޔަ މަހަކީ އޭގެ ތެރެއިން އެންމެ ގިނަ މަރު ރިޕޯޓްކުރި މަހެވެ.