ދިރާސީ އަހަރު ނިމެންދެން އޮންލައިންކޮށް ކިޔަވައިދޭން ނިންމައިފި
ދިރާސީ އަހަރު ނިމެންދެން އޮންލައިންކޮށް ކިޔަވައިދޭން ނިންމައިފި

މި ހިނގާ ދިރާސީ އަހަރު ނިމެންދެން މާލެ ސަރަހައްދުގެ ހުރިހާ ގްރޭޑަކަށް އޮންލައިންކޮށް ކިޔަވައިދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ، ކޮވިޑު-19 ގެ ހާލަތަށް ރިއާޔަތްކޮށް، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ލަފާގެ މަތިން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ހުރިހާ ގްރޭޑަކަށް ކިޔަވައިދޭނީ އޮންލައިންކޮށް ކަމަށެވެ.

އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން މި މަހުގެ 24 ގައި ދިރާސީ އަހަރު ނިމި، ސްކޫލުތައް ބަންދުކޮށް ބޮޑު ޗުއްޓީ ފެށޭނެ އެވެ. އެއަށްފަހު، ދިރާސީ އާ އަހަރު ފަށަން ހަމަޖައްސާފައި ވަނީ އަންނަ އޮގަސްޓް 10 ގަ އެވެ.

ބަލީގެ ހާލަތު ގޯސްވުމުން މި އަހަރު ދެ ބުރެއްގެ މަތިން ސްކޫލް ބަންދުކުރަން ޖެހުނެވެ. އެހެންވެ، ދަރިވަރުން ސްކޫލަށް ހާޒިރުކޮށް ކިޔަވައިދެވިފައި ވަނީ މަދު ދުވަސްތަކެއްގަ އެވެ. މާލެ ސަރަހައްދުގެ ސްކޫލުތައް އެންމެ ފަހުން ބަންދުކުރީ މިދިޔަ މަހުގެ ކުރީކޮޅެވެ.

މިދިޔަ އަހަރު ވެސް މާލެ ސަރަހައްދުގެ ސްކޫލުތައް އެތައް ފަހަރަކު ބަންދުކުރި އެވެ.