09 ޖޫން 2021 - 19:07

މާލެ ސަރަހައްދުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅިގެން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަތައް އެ ކޯޕަރޭޝަނުން މިއަދު ދޮގުކޮށްފި އެވެ.
މާލޭ ސިޓީ ކައުންސިލުން މިދިޔަ ހޯމަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވެފައި ވަނީ، މާލެ ސަރަހައްދުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއާ ގުޅިގެން ފަހި ދިރިއުޅުން ކޯޕަރޭޝަނާ ބައްދަލުކުރުމަށް މަސައްކަތް ކުރެއްވި ނަމަވެސް، މިހާ ހިސާބަށް އަ އިއިރު ވެސް އެ ކުންފުންޏާ އެކު މަޝްވަރާ ކުރެވިފައި ނުވާ ކަމަށެވެ.
މި ވާހަކަތައް ދޮގުކޮށް، ފަހި ދިރިއުޅުން ކޯޕަރޭޝަނުން ނެރުނު ނޫސްބަޔާނެއްގައި ބުނީ، މޭޔަރުކަމުގެ ހުވާ ކުރެއްވުމުގެ ކުރިން އެޕްރީލް 24، 2021 ގައި ޑރ. މުއިއްޒުގެ ފަރާތުން އެ ކޯޕަރޭޝަނަށް ސިޓީއެއް ލިބިފައިވާ ކަމަށާއި ނަމަވެސް އެ ސިޓީގައި ވަނީ އިލްތިމާސްތަކެއް އެކަނި ކަމަށެވެ.
އެ ސިޓީގައި އެއްވެސް މައުލޫމާތަކަށް ނުވަތަ އެއްވެސް ރައްދަކަށް ވެސް އެދިފައި ނުވާ ކަމަށެވެ. އަދި މާލޭ ސިޓީ ކައުންސިލުން މިހާތަނަށް އެއްވެސް ކަމަކާ ގުޅޭގޮތުން މައުލޫމާތަކަށް އެދި އެ ކޯޕަރޭޝަނާ މުއާމަލާތްކޮށްފައި ނުވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
"ތަކުރާރުކޮށް އެދިވަޑައިތަމުން ވެސް މި ކޯޕަރޭޝަނުން އެކި ކަންކަމުގައި ފުރުސަތު ދީފައިނުވާ ކަމާއި އެއްބާރުލުން ދީފައިނުވާ ކަމަށް ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ ސިޓީގެ މޭޔަރު ވިދާޅުވުމަކީ އެކަން ހިނގައިދިޔަ ގޮތް ނޫން ކަމުގައި ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.
ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ކުރިއަށް ގެންދާ މަޝްރޫއުތަކަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން، ސަރުކާރުގެ ކަމާބެހޭ ވުޒާރާތަކާ ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއުތަކެއް ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވެފައި ވަނީ މާލޭގެ ކަންކަން ކުރުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭ ކަމަށެވެ. ރައީސް އާއި މިނިސްޓަރުންނާއި އަދި މިނިސްޓްރީތަކުގެ ފަރާތުން ވެސް އެއްބާރުލުން ލިބޭ ކަމަށް ވިދާޅުވެފައިވެ އެވެ.
"އަޅުގަނޑަށް ގާތްގަނޑަކަަށް ހުރިހާ މިނިސްޓަރުންނާ ބައްދަލުވިއިރު، ބައެއް ބޭފުޅުންގެ އެހީތެރިކަން ބޭނުންވި ވަގުތު އެހީތެރިކަން ވެސް ދެއްވާފައި އެބަހުރި،" ޑރ. މުއިއްޒު ވިދާޅުވެފައިވެ އެވެ.
ނަމަވެސް މާލެ ސަރަހައްދުގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއާ ގުޅިގެން ފަހި ދިރިއުޅުން ކޯޕަރޭޝަނާ ބައްދަލުކުރަން ކުރި މަސައްކަތް ކާމިޔާބުވާ ގޮތް ނުވި ކަމަށާއި މިހާ ހިސާބަށް އައިއިރު ވެސް އެ ކުންފުންޏާ އެކު މަޝްވަރާ ކުރެވިފައިނުވާކަން ފާހަގަކުރެއްވި އެވެ.